twitterviber whatsapp telegramfacebookyoutube instagram
21st November 2024

އިސްލާމް ދީނަށް ކުރާ ފުރައްސާރަ…

Jun 22, 2011

ހާޝިމް އަބޫބަކުރު

“އޭ… މިޔޮށް ވަޑައިގެންނެވީއެއްނު ޝޭޚް!.. ކޮބާ؟ ދަރުސެއް ނެތްތަ؟… ހެހެހެހެ… މިއުޅެނީ ޕާޓީއެއް ރާވަންށޭ….”  މިއީ ވެސް  އޮފީހެއްގެ މުއައްޒަފުންތަކެއްގެ ތެރޭގައި ދެކެވެމުން ދިޔަ ވާހަކަ އެކެވެ. އެބުނާ ‘ޝޭޚް’ ވެސް ހުރިހާ ގޮތަކުން އެހެން މީހުންނާ އެއްގޮތެވެ. ހީ ސަމާސާކޮށް ހަދައެވެ. ސަކަރާތް ޖަހާ ލާނެތް ވާހަކަ ދައްކާ ހަދައެވެ. އެމީހުންނާ އެކީ ޕާޓީތަކަށް ގޮސްވެސް ހަދައެވެ. އެހެންނަމަވެސް ތަފާތަކީ އޭނާ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހުރިހާ ކަމެއްވެސް ކުރާކަމެވެ. ދީނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ދިރިއުޅުން ބައްޓަންކޮށްފައި ވާކަމެވެ. އެމީހުން އޭނާއަށް ‘ޝޭޚެކޭ’ ކިޔަނީ އޭނާ ތުނބުޅި ބަހައްޓާފަ ހުރީމައެވެ. އޭނާގެ ފަޓުލޫނު ފައި ދަށުގައި ނުދެމޭތީއެވެ. ބަންގި ގޮވާއިރަށް އެހެން މީހުން ނަގާ މަޖަލާއި ދައްކާ އޮލަ ވާހަކަތަކާ ދުރަށްގޮސް މިސްކިތައް އަރާތީ އެވެ.

މަޖަލަކަށް، ސަމާސާއަކަށް ނުވަތަ ދިމާކުރުމުގެ ގޮތުން ނަމަވެސް އޭނާއަށް އެ މުޚާތަބު ކުރާކުރުން ޙަޤީޤަތުގައި އެ ނިސްބަތް ކުރެވެނީ އިސްލާމް ދީނަކަށް ނޫން ހެއްޔެވެ؟ ނޭނގި ނަމަވެސް ނުވަތަ ނިޔަތަކާއި ނުލައި ކަމުގައި ވީނަމަވެސް މަލާމާތް އެ ކުރެވެނީ އަހަރެމެން ޝަހާދަތުގެ ދެކަލިމަ ކިޔައި އެ ކަލެއްގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން މި ތިބި ﷲ ގެ ހަޟްރަތުން އައި އިސްލާމް ދީނަކަށް ނޫން ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއަދު އަހަރެމެންގެ ހާލަތު މިވަނީ އައްތައުބާ ސޫރަތުގެ 65 އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.

“وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ”

މާނައީ “ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟”

ބޭރު ޤައުމުތަކުގައި މުސްލިމުންނަށް ދުއްތުރާތައްކޮށް ފިއްތުންތައް ކުރިމަތިކުރާ ވާހަކަ އަހަރެން އަހަމެވެ. ޑޮކްޓަރ ޒާކިރް ނައިކް ފަދަ ބޭބޭފުޅުން ބައެއް ޤައުމުތަކަށް އެރުން މަނާކުރާ ވާހަކަ އާއި މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދެކި އެއަރޕޯޓް ތަކުގައި ހިފަހައްޓާ ވާހަކަވެސް އަހަމެވެ. އެހެންނަމަވެސް ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއްކަމަށް ބުނާ މި ދިވެހިރާއްޖޭގައި އެފަދަ ތަފާތުކުރުމެއް ގެންގުޅޭތަން ފެނުން ވެގެން ދިޔައީ އަހަރެންނަށްވެސް އައު ކަމަކަށެވެ. ކުޅުދުއްފުއްޓާއި އަވައްޓެރި ހަނިމާދޫގެ އެއަރޕޯޓުން ފެނުނު މަންޒަރެކެވެ. މާލެ ދިއުމަށް އެތަކެއް ފަސިންޖަރުންނެއް ތިއްބެވެ. ގިނައީ ބޯދިގުކޮށް ކުލަކުލަ ޖައްސައި ކަރުގައި ފަށްއަޅާފައިވާ މިޒަމާނުގެ ފެޝަން – ޕަންކް ސްޓައިލްގެ ޒުވާނުންނެވެ. އެހުރިހާ ޒުވާނުންނަށް ވެސް ނުހަނު ފަސޭހަކަމާ އެކީ އެކުރާ ‘ފާސް’ ކުރެވުނެވެ. އެހެންނަމަވެސް ސަފުގައި އަހަރެންގެ ކުރީގައި، ތުނބުޅިއެއްލާފައި ޖުއްބާއެއް ލައިފައި ހުރި ޒުވާނާއަށް އެކަންވީ އުނދަގޫ ކަމަކަށެވެ. އޮފިސަރުން އޭނާގެ އަތްދަބަސް އަލިފުން ޔާއަށް ބަލާ ފާސްކުރިއެވެ. ނުވިތާކަށް ހޭންޑް ސްކޭނަރ ބޭނުންކޮށްގެން އޭނާގެ މުޅި ހަށިގަނޑުވެސް ސްކޭން ކުރިއެވެ. އަހަރެން ހަމަ އަޖާއިބު ވިއެވެ. އެމީހުންނަށް ބަލަން އެނގުނީ އޭނާގެ އަތުގައި ބޮމެއް ވޭތޯއެވެ. ކުރިން ދިޔަ ‘ޕާޓޭއިން’ މަސްތުވާތަކެތި ގެންދޭތޯ ބަލަން ހިތައް ނޭރީ ކީއްވެ ބާއެވެ؟

މާލެއިން ފެނުނު އެހެން މަންޒަރެކެވެ. މަގުމަތިން ދަމުން މަންމައަކު އޭނާގެ ދަރިފުޅު ކޮންމެވެސް ކަމަކާ ބޮޑާހާކާތީ ރުއްސޭތޯ އުޅެނީއެވެ. ކުއްލި އަކަށް އެކުއްޖާއާއި ދިމާއަށް ދެ ލޯ ބޮޑުކޮށްލާފައި ވަރަށް ބާރަށް އެ އަންހެން މީހާ ބުންޏެވެ. ” ތި ގޮތަށް ރޯ ކުދިން ނޭ އެހެރަ ދާ ކަޅު މާލި އެގެންދަނީ!… ތިގޮތަށް އުޅެންޏާ ދެން ދޭނީ އެކަޅު މާއްޔަށް!” އޭނާ އިޝާރާތް ކުރީ އަހަރެންގެ ގާތުން ކުޑަ ކުއްޖަކު ގޮވައިގެން ހިނގާލާފައި ދިޔަ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކަށެވެ. އޭނާ އެބުނި ޖުމުލަ އެ ކުޑަ ކުއްޖާއަށް ވެސް އިވުނެވެ. ‘މަންމި އަށް މާލި އެ ކިޔަނީ ކީއްވެގެން ހޭ؟’ އެކުއްޖާގެ މަންމަ ގާތު އެހި އަޑު އިވުމުން އަހަރެންގެ ހިތަށް ކުރި އަސަރު ބުނެދޭންވެސް ނޭނގުނެވެ. ﷲ ބާވާލެއްވި ޤުރުއާނާއި އެކަލާނގެ ރަސޫލާ މުޙައްމަދު ނަބިއްޔާގެ ނަބަވީ ސުންނަތާއި އިރުޝާދުތަކަށް އެފަދަ ބަދު ބަހެއް ބުނާއިރު އެކަމުގެ ނުބައިކަމާއި، އެމީހަކު އެ ހުށަހެޅިގަންނަ ﷲ ގެ ގަދަފަދަ ޢަޛާބާއި ކޯފާ ދެކެ ކުޑަކޮށްވެސް  ބިރު ނުގަންނަނީ ބާއޭ އަހަރެންގެ ހިތަށް އަރައެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. “الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ”     ސޫރަތުއް ތައުބާ – 79

މާނައީ: އެއުރެންނީ، مؤمن ންގެ ތެރެއިން تطوّع ގެ ގޮތުން صدقات ދޭ މީހުންގެ صدقات އާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمن ންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافق ން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.”

“وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ”   ސޫރަތުލް ހުމަޒަ -01

މާނައީ: “غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.”

“وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ”    ސޫރަތުއް ރަޢްދް – 32

މާނައީ: “އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟”

އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން މިއަދު އިސްލާޙުވާން ވެއްޖެއެވެ. ކުޑަކުޑަ ކަމެކޭ ހިތާ ބުނެލާ މި ފަދަ ބަސްބަހަކީ ޙަޤީޤަތުގައި ތިމާ ކުފުރު ވެދާ ފަދަ ބަސްބަސް ކަން ދަންނަން ވެއްޖެއެވެ. ތުނބުޅިއެއް ބެހެއްޓުމުން ވައްހާބީއެކޭ ނުވަތަ މޫނު ބުރުގާ އެޅުމުން ބެޓް-ވުމަން އޭ ބުނުމުން އެކަން އެ ރައްދުވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކަން ހަނދުމަ ބަހައްޓަން ވެއްޖެއެވެ. އެހެންނޫންނަމަ ފަހުން އެކަމާ ހިތާމަ ކުރަންޖެހިދާ މީހުންގެ ތެރެއިން ވެދާނެއެވެ.

“أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَىٰ مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ”  ސޫރަތުއް ޒުމަރު – 56

މާނައީ: “اللَّه ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (دين އަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ.”

އެހެންކަމުން ތިބާގެ ތައުބާ އަވަސްކުރައްވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ޢަފޫ ކުރައްވާ ކަލާނގެކަން ދަނެ، މަރު އައިސް ތިބާގެ ގޭގެ ދޮރުގައި ޓަކިދިނުމުގެ ކުރިން ތައުބާ އަވަސް ކުރައްވާށެވެ.

އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގެ މާނައިގައ ވެއެވެ. “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355