ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީ ސްކޫލްތަކުގެ ބެލެނިވެރިންގެ ބާސްކެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޓީމް އަދި ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އަމީރު އަމީން ސްކޫލްގެ ބެލެނިވެރިންގެ ޓީމް ހޯދައިފިއެވެ.
މިދެމުބާރާތުގެ ތެރެއިން ބާސްކެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ޓީމް ހޯދާފައިވަނީ އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފައިނަމް މެޗުގައި އަމީރު އަމީން ސްކޫލްގެ ޓީމާ ބައްދަލުކޮށް 55 ޕޮއިންޓް 38 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި ހޮވާފައިވާ މަޤާމުތަކަށް އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފުވެރި މެހެމާން ދިރާގް ބްރޯޑްބޭންޑް ރޯޑްރޭސް 2011 އިން 1 ވަނަހޯދި ޖަލާލުއްދީން ސްކޫލްޓީމުގެ އެތްލީޓް އިބްރާހީމް އާދަމްއެވެ.
މިމުބާރާރުގެ ޓޮޕް ސްކޯރަރ އަކަށް ހޮވިފައިވަނީ އަމީރު އަމީން ސްކޫލުގެ ޓީމަށް 94 ޕޮއިންޓް ހޯދައިދީގެން އެޓީމުގެ ޢަލީ ޝަރީފެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އަމީރު އަމީން ސްކޫލްގެ ޢަލީ ޝަރީފް އާއި އަޙުމަދު އަޒްލީމް ޒަކަރިއްޔާ އާއި ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުގެ އިސްމާއީލް ދީދީ އާއި މަދޫ ސޫދަންގެ އިތުރުން އިރުމަތި އަވަށު ޕްރީ ސްކޫލްގެ މުސްތަފާ އަލީއެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ ނެޓްބޯލް މުބާރާތުގެ ޗެންޕިއަންކަން އަމީރު އަމީން ސްކޫލުގެ ބެލެނިވެރިންގެ ޓީމު ހޯދާފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލާއި ވާދަކޮށް 27 ޕޮޓް 25 ޕޮޓުންނެވެ. މިމުބާރާތުގައި ހޮވާފައިވާ މަޤާމުތަކަށް އިނާމް ހަވާލުކޮށްދެއްވީ މިމެޗްގެ ޝަރަފުވެރި މެހެމާން، ކުޅުދުއްފުށީގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ޝަރުވަތު ހުސައިންއެވެ.
މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ ފާތުމަތު އާދަމްއެވެ. އަދި މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ ފާތުމަތު އާދަމް، ނަދީމާ މުޙައްމަދު އަދި ނަސީމާ އިބްރާހީމް އާއި އަމީރު އަމީން ސްކޫލްގެ ނާޝިދާ މޫސާ، ޔުމްނާ އަލީ އަދި ޒުއްޔިނާ އާދަމްގެ އިތުރުން އަފީފުއްދީން ސްކޫލްގެ އާބިދާ އާދަމްއެވެ. އަދި މީގެއިތުރުން މިމުބާރާތުގައިވަނީ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއާ އާއި އެންމެ ހަގު ކުޅުންތެރިޔާވެސް ހޮވާފައެވެ. އެންމެ ދުވަސްވީ ކުޅުންތެރިޔާ އަކީ މުބާރާތުގެ ފެއަރ ޕްލޭޓީމް، ޖަލާލުއްދީން ސްކޫލް ޓީމުގެ އައިޝަތު މުފީދާއެވެ. އަދި އެންމެ ހަގު ކުޅުންތެރިއަކީ ޗެންޕިއަން ޓީމުގެ މާސްޠާ އަޙުމަދެވެ.