އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒު ކޮށްގެން ކޭޕީއެސް ފުޓްސަލް ޗެލެންޖް 2011 ގެނަމުގައި ފުޓްސަލް މުބާރާތެއް މިއަދު ހަވީރު ފަށައިފިއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި މިއަދު ހަވީރު ފެށި މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދެވެ.
މިމުބާރާތާ ބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ރީޖަނަލް ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އިބްރާހިމް ނަބީލް ވިދާޅުވީ ފުލުހުންނަކީ އަބަދުވެސް ވަރުގަދަ ސްޓްރެސްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވުމުން އެކަންކަމުން އެއްކިއްބާ ކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. މިގޮތުން މި ރީޖަންގައި މަސައްކަތް ކުރައްވާ ފުލުހުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ފުލުހުންނަކީ އަބަދުވެސް ފިޒިކަލް ފިޓްނަސް ދަމަހައްޓަންޖެހޭ ބަޔަކަށް ވުމުން އެކަމަށް ބާރު ދިނުންވެސް މުބާރާތުގެ މަގުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ކޮމާންޑަރ ނަބީލް ވިދާޅުވީ މިއީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ ޝިފްޓްތަކާއި އެޑްމިން އަދި އިންވެސްޓިގޭޓަރުންގެ ގޮތުގައި ތިއްބަވާ މުވައްޒަފުން ހިމަނައިގެން ޖުމްލަ 06 ޓީމް ހިމެނޭގޮތަށް ކުރިއަށްދާ މުބާރާތެއްކަމަށާއި މިމުބާރާތުގެ ސަބަބުން މަސައްކަތުގެ ރޫހަށްވެސް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެކަމެއް ކަމަށެވެ.
މިމުބާރާތުގައި މިއަދު ދެމެޗު ކުޅެވުނެވެ. ފުރަތަމަމެޗްގައިބައްދަލުކުރީ އިންވެސްޓިގޭޓަރުން އޭޝިފްޓާއި އޮޕަރޭޝަން ބީޝިފްޓެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ އެޑްމިންނާއި ޝިފްޓް ސީ ޓީމެވެ. މިއަދުގެ ފުރަތަމަ މެޗް 04 ލަނޑު 04 ލަނޑުން އެއްވަރު ވިއިރު ދެވަނަމެޗް 02 ލަނޑު 02 ލަނޑުންވަނީ އެއްވެރުވެފައެވެ. ފުރަތަމަ މެޗްގެ މޭން އޮފްދަ މެޗްގެ މަގާމަށް ހޮވިފައިވަނީ އޮޕަރޭޝަން ބީޓީމްގެ ފަރުހަތު މުހައްމަދެވެ. މިއަދު ކުޅެވުނު ދެވަނަ މެޗްގެ މޭން އޮފްދަ މެޗްގެ މަގާމަށް ހޮވުނީ ޝިފްޓްސީގެ މޫސާ އަބްދުއްލަތީފެވެ.
މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ފުލުހުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.