ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިރާގުން ކުރިޔަށް ގެންދާ ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފިއެވެ.
މިއަހަރުގެ މިޕްރޮމޯޝަންގައި ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، އަދި ފިކްސް ލައިން ކަސްޓަމަރުންނަށް ވަރަށް އަގު ހުރި އިނާމުތަކެއް ހުށަހެޅިފައި ވާނެކަމަށް ދިރާގުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 50 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ރީލޯޑް ކުރަށްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވެއެވެ. އަދި ގުރުއަތުން ހޮވޭފަރާތަކަށް އިންޑެކްސް ބްރޭންޑްގެ ޑައިނިންގ ސެޓަކާއި، ސޯފާ ސެޓަކާއި، ބެޑް ރޫމް ސެޓެއް ވަނީ ހުށަހެޅިފައެވެ.
ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން 50 ރުފިޔާއަށް ވުރެން އިތުރަށް ނެޝަނަލް ވޮއިސް ކޯލް ކުރަށްވައިގެން އިންޓަނެޓަށް ވަދެވޭ ޕެނަސޮނިކް ބްރޭންޑްގެ 42 އިންޗި ތްރީ ޑީ ޓީވީއެއް ހޯދުމުގެ ފުރުސަތު މިޕްރޮމޯޝަންގައި ލިބިގެންދެއެވެ.
މީގެއިތުރުން ފިކްސްޑް ލައިން ބޭނުން ކުރަށްވާ ފަރާތްތައްވެސް 50 ރުފިޔާގެ ކޯލް ކުރެއްވުމުން ފިލިޕްސް ބްރޭންޑްގެ އަގުހުރި އިނާމުތައް ލިބިގެން ދާނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.
މި ޕްރޮމޯޝަންއާ ގުޅޭގޮތުން ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު މިރްޝާން ވިދާޅުވީ “ދިރާގަކީ ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ވަރަށް ޙާއްސަ ހަދިޔާތަކެއް ގެނެސްދޭ ކުންފުންޏެއް. ދިރާގުގެ ރޯދަ ހަދިޔާ ޕްރޮމޯޝަން 2011 ގައި، ދިރާގުގެ ޕާޓްނަރުންގެ ގޮތުގައި ހިއްސާ ވެވަޑައިގަންނަވާ ފަރާތް ތަކަކީ ދަމާސް، ލިންޓެލް އިންވެސްޓްމެންޓް އަދި އެސްޓީއޯ. އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކާ އޮންނަ ގާތް ގުޅުން އަބަދުވެސް ދަމަހައްޓައި އެފަރާތްތައް އެންމެ ބޭނުންފުޅުވާ ކަހަލަ ހިދުމަތްތަކެއް ފޯރުކޮށްދެވޭތޯ. އަދި އެގޮތުން މިއަހަރުގެ ރޯދަހަދިޔާގެ ތެރޭގައި މިނޫންވެސް އިތުރު ޕްރޮމޯޝަންތައް އަޅުގަނޑުމެން ކަސްޓަމަރުންނަށް ތައާރަފް ކުރާނަން.” ކަމަށެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 31 އޮގަސްޓް 2011 ގެ ނިޔަލަށެވެ.