twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޒަކާތް ދެއްކުމަށް ފަރުވާތެރި ވެލައްވާށެވެ.

Aug 4, 2011

އިބްރާހިމް ހަމީދު

ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމަކަށް ވާއިރު ފިތުރު ޒަކާތް ދެއްކުމަށް ފަރުވާތެރި ވެލައްވާށެވެ. މުދަލު ޒަކާތާއި ހިލާފަށް ފިތުރު ޒަކާތް ދެއްކުން ވާޖިބުވަނީ ތިމާގެ އަމިއްލަ ނަފްސުގެ މަތިންނާއި ތިމާ ހަރަދުކޮށް ބަލަހައްޓަން މަޖްބޫރުވާ ބައެއްގެ މަތީންނެވެ.

އެއީ އަނބިދަރީންނާއި، މައިންބަފައިންނާއި މިނޫންވެސް ތިމާ ބަލަހައްޓަންޖެހޭ މީހުންނެވެ. ފިތުރުޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު އާއްމު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ތެރެއިން ބާވަތަކުންނެވެ. މިޒަކާތުގެ މިންވަރަކީ ޞާއެކެވެ. އެއީ ހަނޑުލުން ނަމަ 2.5 ކިލޯ ގުރާމެވެ. ނުވަތަ އެއަށްވާ ފައިސާއިން ނުވަތަ އެބާވަތަކުން ނާޅިންނަމަ ދޭއް ދެބައިކުޅަ އެއްބައި ނާޅިއެވެ. އިލްމުވެރިންގެ މެދުގައި ކުދިކުދި ހިލާފު އުފެދިފައިވިޔަސް ގިނަ އިލްމުވެރިން ފިތުރު ޒަކާތަށް ނެރޭ އެއްޗިއްސާމެދު ހިލާފުވެފައެއް ނުވެއެވެ.

ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ކަށަވަރު ކުރާ ހާލު، ނަމާދު ކުރުމާއި، ރޯދަ ހިފުމާއި ޒަކާތް ދިނުން އަދި ކުޅަދާނަކަން ލިބިގެންވާ މިހާ ހައްޖު ކުޅައުމަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއިން ކަމަކާ ދެކޮޅު ހަދައިފިނަމަ ނުވަތަ މިއިން ކަމެއް އެއީ އިސްލާމްދީނުގެ ރުކުނެއްކަމަށް ގަބޫލުނުކުރާ މީހަކީ އިސްލާމުންގެ ތެރެއިން ވާ މީހެއް ނޫނެވެ.

ނަމާދާ ރޯދަ އަށް ފަރުވާތެރި ވީނަމަވެސް ބައެއް ފަހަރު ޒަކާތް ދެއްކުމަށް ފަރުވާކުޑަ ކުރެވޭ ތަން އާދެއެވެ. ޒަކާތަކީ، އޭގައި ދެފަރާތެއްގެ ހައްގު އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ. އެއީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަމަކަށް ވާއިރު އެއީ ޒަކާތް ހައްގުވާ ފަރާތެއްގެ ހައްގުވެސް އެމުދަލެއްގައި އެކުލެވިގެންވާ އެއްޗެކެވެ.

ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ އަގުމާތްވި ދަރުސްތަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، ރޯދައަށް ހުރެ ކުރެވޭ ކުދިކުދި ފާފަތަށް ފިތުރު ޒަކާތުގެ ސަބަބުން ފުހެވިގެންދާ ކަމެވެ. ރޯދަ މަހު އަޅުގަނޑުމެން މިހިފާ ރޯދަ ﷲ ގެ ހަޟުރަތުގައި ގަބޫލުކުރުވަނިވި އަޅުކަމަކަށް ހެދުމަށްޓަކައި ވެސް ފިތުރު ޒަކާތް ދެއްކުމަކީ މުހިއްމު ކަމެކެވެ. އެހެން ކަމުން އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންވެސް ޒަކާތަށް ފަރުވާތެރިވުމަށް ނަސޭހަތްތެރި ވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355