twitterviber whatsapp telegramfacebookyoutube instagram
16th April 2024

ރޯދަމަސް އައުމާއެކު..!

Aug 5, 2011

ނަބީލް

ރޯދަމަސް އައުމާއެކީ ހެޔޮ ޢަމަލުތައް ކުރުމުގައި މުސްލިމުން އެހެން މަސްމަހާއި ޚިލާފަށް ހީވާގިވާންޖެހެއެވެ. ޤުރުއާނާއި ނަމާދެވެ. ތަރާވީޙާއި ދަމުނަމާދެވެ. އެނޫންވެސް ސުންނަތް ނަމާދު ގިނަކުރުމެވެ. އިހުނަށްވުރެ ގިނައިން ޖަމާޢަތަށް ސަމާލުވުމާއި މިސްކިތުގައި ލަސްވުމެވެ. ޒިކުރުކުރާން އިނުމާއި އިޢުތިކާފުކުރުމެވެ. ޞަދަޤާތުގައި އެހެން މަސްމަހަށްވުރެ ދީލަތިވުމެވެ. ރޯދަވީއްލުމާއި ތަރާވީހުގެ ދައުވަތްތަކުން ތިމާގެކަމުގެ ގުޅުންތައް ވަރުގަދަކުރުމެވެ. ރަހުމަތްތެރިކަމާއި އެކުވެރިކަން ބަދަހިކުރުމެވެ. އަވަށްޓެރިކަން އާލާކޮށް ތާޒާކުރުމެވެ. ކެތްތެރިކަމުގެ ރިވެތި ފިލާވަޅާއެކު، ތަކުރާރުކޮށްލެވޭ ތައުބާތަކުން ނަފުސުގެ އެންމެހާ ދަމިލައެއް ފޮހެލެވޭތޯ ގަދައެޅުމެވެ. އޭރުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުނީއެވެ.

ރޯދަމަސް އައުމާއެކީ އިހުނަށްވުރެ ދޫ ރައްކާތެރިކުރަންޖެހެއެވެ. ހަމަ ކޮންމެ ގުނަވަނަކަށްމެ ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދޮގުހެދުމުގައި ހައްދެއް ނެތުމެވެ. އޮޅުވާލުމުގައި އިމެއް ނެތުމެވެ. ލަދުހަޔާތް ގޮވުމުގައި ކުޑަނަމެވެސް ފަރުވާލެއް ނެތުމެވެ. ހަސަދަޔާ ނުނިޔަތްލުމެވެ. ދެބައޮޑުވުމާއި ކުޓުވުމެވެ. މާރާމާރީއާ ތަޅާފޮޅުމެވެ. އާއެކެވެ. ރޯދަމަހުގެ ހުރުމަތަށްޓަކައި ނަމަވެސް މިހިރަ މިހިރަ ކަންކަމާ މެދު ސަމާލުވެ ނުބައިހާ ކަމަކުން ސަލާމަތްވެވޭތޯ ގަދަ ހިތްވަރާއެކު އަޒުމްއާކުރަންޖެހެއެވެ. އޭރުން ނަރަކައިގެ ދޮރުތައް ބަންދުވީއެވެ.

އަހަރެމެން އިންސާނުންގެ ދާއިމީ ޢަދާވާތްތެރިޔާ އަބަދީ ޙަސަދަވެރިޔާ، މާތް ކަލާނގެ ލަޢުނަތްލެއްވި ޝައިޠާނާއަށް އިންސާނުން މަގުން ކައްސުވާލުމަށް ވަސްވާސް ދޭން އެންމެ ފަސޭހަވަނީ ބަނޑުފުރާ ކައިގެން ތިބޭ ވަގުތުގައި ކަމަށް ދަލީލުކުރާ ރިވާޔަތްތައް ވާރިދުވެފައިވެއެވެ. އެހެންވެގެން ބަނޑުހައިކަން މެދުވެރިކޮށްގެން ޝައިޠާނާ ގެ މަގުތައް ހަނިކޮށް ތާށިކުރުމަށް މާތް ނަބިއްޔާ އިރުޝާދުދެއްވާފައިވެއެވެ. ރޯދަމަހުގައި އަހަރެމެން ތަހައްމަލުކުރާ ބަނޑުހައިކަމާއެކު ވަސްވާހުގެ ފުރުސަތު ހަނިވެފައިވުމުން، ޝައިޠާނާ ހަމަރަނގަޅަށް ކަސްތަޅު އެޅުނީއެވެ.

ރޯދަމަސް ރޯދަމަހަކަށް ހަދައިފި މީހަކަށް ޝައްކެތް ނެތް ގޮތުގައި، އޭނާގެ އިސްވެދިޔަ ކުށްފާފަތައް މާތް ﷲ ފުއްސަވައިދެއްވާނެއެވެ. އޭނާއަށްޓަކައި ސުވަރުގޭގެ ދޮރުތައް ހުންނާނީ ހުޅުވިފައެވެ. ނަރަކައިގެ ދޮރުތައް ހުންނާނީ ބަންދުވެފައެވެ. އޭނާއަށް ވަސްވާސްދޭ ޝައިޠާނާގެ ހަރަކާތްތައް ހުންނާނީ ހުސްވެފައެވެ. ރޭވުންތައް އަރާރުންވެ ގޯސްވެފައެވެ.

ރޯދަމަހުގައި މާތް ﷲ ވަނީ އެއްހާސްމަސްދުވަހު މީހަކު އަޅުކަން ކުރުމުން ލިބޭނޭ ސަވާބު އެންމެ ރެއެއްގެ އަޅުކަމުން ލިބޭ ފަދަ ރެއެއް ލައްވަވާފައެވެ. އޭ ހެޔޮކަމަށް އެދުންވެރިވެގެންހުރި މީހާއެވެ. ހީވާގިކަމާއެކު އެރެޔަށް ތައްޔާރުވަމުން އިންތިޒާރުކޮށް، ކުރު ޢުމުރުގައި އަބަދީ ޙަޔާތުގެ އުފާވެރިކަން ދާއިމަށް މިލްކުކޮށްލާށެވެ.

އަދަބުވެރިކަމާއި ޚުޝޫޢަތުގައި އަޅަމެންގެ ވެރި ރަސްކަލާނގެއަށް ދުޢާ ތަކުރާރުވެވެނީ، ހެޔޮކަން މަދުވުމުގެ ސަބަބުން ސުވަރުގޭގެ ހުޅުވިފައިވާ ދޮރުތައް ބަންދުކޮށްލި ބަޔަކު ކަމުގައި އަޅަމެން ނުލެއްވުމަށް އެދިއެވެ. އިސްރާފުގެ ގިނަކަމާއި އެނޫންވެސް ކުށްތަކުގެ އަހުލުވެރިންކަމުގައި ވެގަތްގަތީނުން ނަރަކައިގެ ދޮރުތައް ހުޅުވި ބަޔަކު ކަމުގައި އަޅަމެން ނުލެއްވުމަށް އެދިއެވެ. އިރުއޮއްސުމާއެކު ހައްދެއް ނެތި ކައިގަތުމުގެ ސަބަބުން ޝައިޠާނާ އޭގެ ކަސްތަޅުން މިންޖުކުރި ބަޔަކު ކަމުގައި އަޅަމެން ނުލެއްވުން އެދިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355