twitterviber whatsapp telegramfacebookyoutube instagram
13th June 2026

ނަޝީދުގެ ތަޖުރިބާއިން ސަރުކާރު ޖަވާބުދާރީ ކުރުވޭނެކަން ޔަގީން: ސޯލިޙު

ނަބީލާ އިސްމާޢީލް
Jun 13, 2026

މުހައްމަދު ނަޝީދު (އަންނި)ގެ ސިޔާސީ ތަޖުރިބާގެ އެހީގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާ ވާދަކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ކުރީގެ ރައީސް މި އިންތިހާބު ކާމިޔާބުކުރެއްވުމާގުޅިގެން ނަޝީދަށް މަރުހަބާ ދެންނެވުމަށް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، ނަޝީދުގެ ތަޖުރިބާއަކީ މުހިންމު ހަތިޔާރަކަށް ވެގެންދާނެކަމެއް ކަމަށެވެ.

މި އިންތިހާބުގައި ރައީސް ސޯލިހު ތާއީދުކުރެއްވީ މީކާއީލަށެވެ. އެމަނިކުފާނު ވަނީ މީކާއީލްގެ ހިތްވަރުގަދަ ކެމްޕޭނަށް ތައުރީފުކުރައްވައި، އޭނާގެ ސިޔާސީ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ބަޔާންކުރައްވާފައެވެ. މީގެ އިތުރުން، މިއީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، ދެން އޮތީ އެންމެން އެކަތިގަނޑަކަށްވެ ޕާޓީއައިގެން ކުރިއަށްދިއުން ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

މި އިންތިހާބަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ. މި އިންތިހާބުގައި ފައްޔާޒު ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355