އެމްޑީޕީ ޗެއާޕާސަން އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު މެންދުރު 2:30 އިން ފެށިގެން ކުރިޔަށް ގެންދިޔަ ވޯޓުލުން ނިންމާލީ މިރޭ 9:00 ގަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މި އިންތިހާބުގައި ޖުމްލަ 48،912 މީހުންނަށް ވޯޓުލެވޭ އެވެ. އަދި އޭގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު ކުރި ހޯދާފައި ވަނީ 4000 ވޯޓުގެ ތަފާތަކުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަ ކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާ އެވެ. އޭނާ އާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުންނެވި އެވެ.
ޑިމޮކްރެޓްސް ދޫކުރައްވައި ނަޝީދު އެނބުރި އެމްޑީޕީ އަށް ވަޑައިގަތުމަށް ފަހު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއެކު "ބޮޑު ބަދަލު" ނަމުގައި ކެމްޕެއިނެއް ފެއްޓެވި އެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވީ ވެސް އެ ކެމްޕެއިން ލޯންޗު ކުރައްވަމުންނެވެ.
އެ މަގާމަށް ކުރިމަތި ލެއްވި މައިގަނޑު ސަބަބަކީ ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުތައް ފުރަތަމަ ބަލައިގަންނަން ޖެހޭނީ އެމްޑީޕީން ކަމަށްވާތީ އެވެ.