ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަހަރު ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަހުލާގަށް އަލިއަޅުވާލައްވާފައެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށެވެ.
ދިވެހި ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވަޒަފުން ހިމެނޭހެން 35،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ހިދުމަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެޖެޓުންވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ބޮޑު ހަރަދެއް ކުރާ ކަމަށް މިނިސްޓަރ ވިދާޅުވއިެވެ.
ރައްޔިތުންގެ އަބަދުވެސް އެދުމަކީ އަވަސް ހިދުމަތެއް ލިބުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަން ކުރެވޭނީ މުވައްޒަފުން މަސައްކަތަށް ގަވާއިދުން ނިކުތުމުންކަމަށެވެ. އަދި އޮފީސްތަކުން ދޭ ހިދުމަތްތައް ލަސްވާނަމަ އެއިދާރާއަކަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީއު ފާހަގަކުރެއްވި ގޮތުގައި، މާލީ ބޮޑެތި ކޮރަޕްޝަންތަކަށް މަގުފަހިވަނީ އިދާރީ ނިޒާމުގެ ތެރެއިން ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން އިދާރީ ގޮތުން ނިޒާމު ހަރުދަނާކޮށްފިނަމަ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ފުރުސަތު އެއްކޮށް ބަންދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އަދި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ހިދުމަތެއް ދެވޭނެ،" މިނިސްޓަރ ވިދާޅުވި އެވެ.




