twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގުރޭޑް ހަތަރެއްގައި އުޅޭ އަންހެން ދަރިފުޅު ކައިވެނިކުރުވަން ތައްޔާރުތޯއެވެ؟

Aug 10, 2011

ކޮންމެ ތިން ސިކުންތެއްގެ ތެރޭގައި، އުމުރުން އަށާރައަހަރު ނުފުރޭ އަންހެންކުއްޖެއްގެ ކައިވެނި ކުރެވެއެވެ. އެއީ އަހަރެއްގެ ތެރޭގައި، ދިހަ މިލިޔަން ކައިވެންޏެވެ. ގިނަފަހަރަށް މި ކައިވެނިތައް ކުރެވެނީ އަންހެންކުއްޖާގެ ރުހުމާއި ދެކޮޅަށެވެ. އޭނާއަށްވުރެ މާދޮށީ ފިރިހެނުންނާއެވެ.

ތިޔަބޭފުޅާގެ އަންހެންދަރިފުޅު އުޅެނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫނީ ޢަފީފުއްދީން ސްކޫލްގެ ގުރޭޑް 4 ގައިތޯއެވެ؟ އޭނާ “ބޮޑުވެއްޖެ” ނޫންތޯއެވެ؟ ވީމާ، ތިޔަބޭފުޅާ، އޭނާ މީހަކާދެވާފާނަންތޯއެވެ؟ ސުވާލުގެ ޖަވާބު ކޮންމެ ގޮތަކަށް ދެއްވިކަމަށްވިޔަސް ދަރިފުޅުގެ އުޅުމަށް ވިސްނާލައްވާށެވެ.

ޅައުމުރުގައި، (ޙައިޟުވުމާއެކު) ކައިވެނިކުރުވުމަށް ވަކާލާތުކުރާމީހުން އެކަންކުރަނީ ދީނާއި ސަގާފަތުގެ ނިވަލުގައި ތިބެއެވެ. އަދިވެސް އެއްފަހަރު “ބޮޑުވެފައި” ކަމަށް ތިޔަ ވިދާޅުވާ، އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅުގެ އުޅުމާއިމެދު ވިސްނަވާލައްވާށެވެ. އޭނާއަށް ޒަވާޖީ ހަޔާތެއް ނަގައި ކޮޅަށްޖަހައި ދަރިން ތަރުބިއްޔަތުކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވަންތޯއެވެ؟ ދީނުގައި، ދަރިން ތަރުބިއްޔަތުކުރުމަކީ ނުހަނު ބޮޑަށް އަންގަވާފައިވާ ކަމަކަށްވާއިރު، ޢުމުރުން އަށެއް ނޫނީ ނުވައަހަރުގައި ހައިޟުވާތަނުން މީހުނާއިދެވުމަށް ބައެއް މީހުން ދީނުގެ ނަމުގައި ވަކާލާތުކުރަނީ ކީއްވެގެންބާވައެވެ؟

އިލްމުއްނަފުސުގެ އަލީގައި އެނގޭކަމަކީ، ހައިޟުވިޔަސް އަދި ނަފުސާނީގޮތުން އަހަރެމެން ބޮޑުނުވާކަމެވެ. ބާލިޣުނުވާކަމެވެ. އަހަރެމެން ނަފުސާނީގޮތުން “ބާލިޣުވުން” ގުޅިފައިވަނީ ތަފާތު އެތައް ބަހާތަކަކާއެވެ. އެއީ ވަށައިގެންވާ ވެއްޓާއި، އިޖުތިމާޢީގުޅުން ފަދަ ބަހާތަކެވެ.

ހަމަ އެގޮތަށް ޢުމުރުން ނުވައަހަރުގައި، އަހަރެމެންގެ ހަށިގަނޑު ޖިސްމާނީގޮތުން ބޮޑެއް ނުވެއެވެ. ބޭސްވެރިކަމުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ދަރިމައިވުމަށް، އުމުރުން އަށާރަ އަހަރުން ދަށް، އުމުރަކީ ނުރައްކާ އުމުރެކެވެ.

ކުޑަކުދިންނާއި ކައިވެނިކުރުމަށް ޝައުގުވެރިވާ މީހުން، ބުނާގޮތުން ޒިނޭއަށް އަރައިގަތުމުން އޭނާ ސަލާމަތްކުރެވޭނީ އަވަހަށް ކައިވެނިކުރުމުންނެވެ. ހަމަ ބާލިޣުވާތަނުން ކައިވެނިކުރުވުމުންނެވެ! އެކަން އެގޮތަށް ކުރެވެންޖެހެނީވެސް ބާލިޣުވާ އަންހެންކުދިންނާއިމެދުގައެވެ! އެކަމަށް ގޮވާލަނީ ބޮޑެތި ފިރިހެނުންނެވެ!

ބާލިޣުވެފައިވާ ހުރިހާ ކުދިން، ޒިނޭކުރާކަށް ނުފަށައެވެ. ޒިނޭއާއި އަދި އެނޫންވެސް ފާޙިޝް އަމަލުތަކުން ދަރިން ދުރުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެކުދިންގެ ތަރުބިއްޔަތު ހަރުދަނާކުރުން މާބޮޑަށްވެސް ރަނގަޅުވެފައި، ނަތީޖާފެންނާނެއެވެ. އަޅުގަނޑުމެންގެ ދަރިންނަށް، ދިރިއުޅުމުގެ ހުނަރުތަށް ދަސްކޮށްދީ، އުނގަންނައިދީ، ދީންވެރިކުރުވުމަށްފަހު، ރަނގަޅަށް ބޮޑުވީމާ ކައިވެނިކުރުވުމުން، ޔަގީނުންވެސް ދީނުގައި ބާރުއަޅާފައިވާފަދަ އާއިލާއެއް އެކުދިންނަށް ބިނާކުރެވޭނެއެވެ. ތިޔަބޭފުޅާގެ ޚިޔާލަކީ ކޮބައިތޯއެވެ؟

ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާއެއްކަމަށްވާ ‘ ޔޫއެން ކޮންވެންޝަން އޮން ދަ ރައިޓްސް އޮފްދަ ޗައިލްޑް’ ގައި ބުނާގޮތުން، އުމުރުން 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރުވުމަކީ، އިންސާނީ ހައްގެއް ނިގުޅައިގަތުމެވެ. އެއީ ސިއްހީ ރައްކާތެރިކަމާއި، ތަޢުލީމާއި ހެޔޮލަފާ ދީންވެރި ތަރުބިއްޔަތެއް ލިބިދިނުންފަދަ، އިންސާނީ ހައްގުތަށް އެކުދިންގެ ކިބައިން ފޭރިގަތުމެވެ.

މި ލިޔުމާއިއެކު އެވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އުމުރުން އަށްއަހަރުގެ (ގުރޭޑް 3 ގައި އުޅޭ އުމުރުގެ) އަންހެންކުއްޖަކާއި ބޮޑު ފިރިހެނަކު ކައިވެނިކޮށްގެން ގެންދާތަނެވެ. އެ އަންހެންކުއްޖާއަކީ ތިޔަ ބޭފުޅާގެ ލޯބިވާ ދަރިފުޅުފަދަ އަންހެންކުއްޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355