ރަމަޟާން މަހު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރާގުގެ ވައިފައި ޒޯންތަކުން އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.
އޯގަސްޓް އެކަކުން ފެށިގެން ފިތުރު އީދުގެ ނިޔަލަށް ހިންގާ މިޕްރޮމޯޝަންގައި ވައިފައި ޚިދުމަތް ދިނުމަށް %50 ގެ ޑިސްކައުންޓެއް ދިރާގުން ދޭންވަނީ ނިންމާފައެވެ. މިގޮތުން ދިރާގުގެ ޕޯސްޓް ޕެއިޑް ނަންބަރު ތަކުގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލުން ކިތަންމެ ގިނަފަހަރަކުވެސް އެ މުއްދަތުގެ ތެރޭގައި ޔޫޒަރނޭމް އަކަށް އެޕްލައި ކުރެވޭނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.
މިޕްރޮމޯޝަންގެ ދަށުން 2 ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފައި ވެއެވެ. އެގޮތުން 2 ގަޑިއިރުގެ ޕްރޮމޯޝަނަލް އެކައުންޓަށް އެޕްލައި ކުރުމަށް “ވައިފައި ޕްރޮމޯ ޓޫ” ޖައްސަވާފައި 414 އަށް އެސްއެމްއެސް އެއް ފޮނުއްވުމުން ކުރިން 30 ރުފިޔާއަށް ލިބެމުންދިޔަ 2 ގަޑިއިރުގެ ޚިދުމަތް 15 ރުފިޔާއަށް ލިބޭނެއެވެ. އަދި އަންލިމިޓެޑް ޕްރޮމޯޝަނަލް އެކައުންޓަށް އެޕްލައިކުރުމަށް “ވައިފައި ޕްރޮމޯ ޔޫއެންއެލް” ޖައްސަވާފައި 414 އަށް ފޮނުއްވުމުން ކުރިން 95 ރުފިޔާއަށް ލިބުނު 24 ގަޑިއިރު 47.50 ރުފިޔާއަށް ލިބޭނެއެވެ.
ކުޅުދުއްފުށީ ވައިފައި ޒޯންގެ ގޮތުގައި 3 ތަނެއްގައި ހޮޓްސްޕޮޓް ދިރާގުން ގާއިމުކޮށްފައިވެއެވެ. އެއީ ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރާއި ހިކިފިނިފެންމާގެ ގެސްޓްހައުސް ބަޔާއި އަމީގޯ ކެފޭއެވެ.