twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރޯދަމަހުގައި ގަރަނުވާނެ ގޮތް

Aug 15, 2011

ނަބީލް

އަހަރެންގެ އެކުވެރިޔާ ބުންޏެވެ. ރޯދަ މަސް އައުމާއެކު ނަމާދަށް އަރަން ފެށި ބައިގަނޑު ގަރަވެއްޖެއެވެ. އަހަރެން ބުނީމެވެ. ތިޔަކީ އަހަންނަކަށް އާ ވާހަކައެއް ނޫނެވެ. އޭނާ ބުންޏެވެ. އެއްކަލަހެން ޚަތިމުން ދުވާލަކު ފޮތެއް ކިޔަން އުޅުނު މީހުންވެސް ގަރަވެއްޖެއެވެ. އަހަރެން ބުނީމެވެ. އިންސާނީ ޠަބީޢަތަށް އިންކާރުނުކުރާށެވެ. އޭނާ ބުންޏެވެ. ތަރާވީހުން ފުރަތަމަކޮޅު ފެނުނު ބޮޑު ޖަމާއަތުން ގިނަ ބަޔަކު ވެސް ގަރަވެއްޖެއެވެ. އަހަރެން ބުނީމެވެ. އެމީހުން ހިފަން ފެށި ރޯދައިގައި އެމީހުން އަދިވެސް ގަރައެއް ނުވެއެވެ.

ގަރަވުމޭ މި ކިޔަނީ އަހަރެމެން ކިޔާ ގޮތަށެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި ގަރަވުމޭ ކިޔަނީ ލޮނުގަދަވުމަށެވެ. އަހަރެމެން ވިއްޔާ ކަމެއްގައި ހުންނަ ފޯރި ކެނޑި ހިތްވަރު ވަޅޯވުމަށް ވެސް ގަރަވުމޭ ކިޔަމެވެ.

އިންސާނުންކުރާ ހަމަ ކޮންމެ ކަމެއްގައި ވެސް ނިކަން ގިނަ ފަހަރަށް ގަރަވާ ގޮތް ދިމާވެދެއެވެ. ރޯދަމަހާއި ގަރަވުމާއި ގުޅުވާލާއިރު، ރޯދަމަހަށް އަމާޒުކޮށްގެން ފަށާ އިސްލާހީ ވަރަށް ގިނަ ހަރަކާތްތަކާއި އަޅުކަމުގެ ޕުރޮގުރާމުތައް ހަފުތާއެއް ތެރޭ ހުއްޓި ތިމާގެ ޖޯޝާ ފޯރި ގަރަވާތަން އާދެއެވެ. އެއީއަކީ މައްސަލައެއް ނޫނެވެ. އަދި އިސްލާހަށް މަސައްކަތްކުރާ މީހުން މިސްކިތައް އެރި މީހުންތައް މިހާރު މަދުވެއްޖޭ، ތިން ހަތަރު ދުވަހުން ފާފަތައް ފޮހެވުނީ ބާވައޭ ގޮވާ ސުވާލުކޮށް، ގަރަވީ ކުދީންނަށް މަލާމާތްކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އަހަރެމެން ބަލަންވީ ރޯދަމަހުގައި ކުރަން ރޭވި އަޅުކަންތަކުގައި ގަރަވާންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟ އަދި އެކަމުގެ ހައްލަކީ ކޮބައިތޯއެވެ؟ އަހަރެމެން ވިސްނަންވީ ރޯދަމަހުގައި ދެމިގެންވާ ގޮތެއްގައި އަޅުކަން ގިނަކުރުމަށް ނަފުސު ފަރިތަކުރުވާނެ ގޮތަކާމެދުގައެވެ. ރޯދަމަހަށް ފަހުގައިވެސް ރޯދަމަހުން ކުރި އަސަރު ދަމަހައްޓާނޭ ގޮތަކާއި މެދުގައެވެ.

ރޯދަ މަހުގައި އެކި މީހުން ގަރަވަނީ އެކި މިންވަރަށެވެ. އެއްބައި މީހުން ވަރަށް ކުޑަކޮށެވެ. އަނެއް ބައި މީހުން ނިކަން ބޮޑަށެވެ. ނަމަވެސް ގަރަވި ގަރަވީނުން ރޯދަ ދޫކޮށްލާ ހިސާބަށް ދަނީ ވަރަށް މަދު މީހެކެވެ. އަނެއްހެން ބަލާއިރު އެއީ ނުވެސް އުޅޭ ބަޔެކޭ ބުންޏަސް ހެޔޮވެދާނެއެވެ. އަދި ހަމަ މިޔާ އެކު އަޅުކަމުގެ ރޭހުގައި ދުވަހަކަށް ވުރެ ދުވަހެއް ހިތްވަރު ގަދަކޮށް ފޯރިޔާއެކު ސަވާބުގެ ދަނޑުން ކަނޑަމުންދާ ގޮވާން ގިނަކުރަމުންދާ މޮޅެތި މީހުންނަކީ ވެސް މަދެއް ކަމަކު އުޅޭ ބަޔެކެވެ.

ރޯދަމަހު އަޅުކަމުގައި ހީވާގިވުމަށްޓަކައި ކުރީއްސުރެ ތައްޔާރުވާނޭ ނިޒާމެއް އިސްލާމްދީން ގެނެސްދީފައިވެއެވެ. މާތް ނަބިއްޔާ ރޯދަމަސް ފިޔަވައި އެންމެ ގިނައިން ރޯދަ ހިއްޕަވާ މަހަކީ ރޯދަމަހުގެ ކުރިއަށް އޮންނަ ޝަޢުބާން މަހެވެ. އެމަހުގައި ރޯދަހިފުން ގިނަކުރުމަކީ ސުންނަތެކެވެ. އެސުންނަތް އަދާކުރަމުން އައި މީހާ ރޯދަމަހަށް ހުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ހަމަ އެގޮތަށް އާދަވަގެން ރޯދަމަސް ނޫން މަސްމަހުގައި ވެސް ކޮންމެ ދުވަހަކު ޤުރުއާނުން ހަތަރު ސަފުހާ ވަރު ކިޔަވަމުން އަންނަ މީހެއް ނަމަ ރޯދަމަހާ އެކު ކުޑަކުޑައިކޮށް އިތުރުކޮށްލާކަށް މާ އުނދަގުލެއް ނުވާނެއެވެ. އަދި ފަރުޟު ފަސްވަގުތުގެ އިހާއި ފަހުގެ ސުންނަތްތައް އަދާކުރަމުން އަންނަ މީހަކު ރޯދަމަސް އައިމާ ތަރާވީހު ނަމާދު އޭގެ ތެރެއަށް އިތުރުކޮށްލުމަކަށް މާ ބުރަތަކެއް އުފުލާކަށް ނުޖެހޭނެއެވެ.

ނަމަވެސް ސުންނަތް ރޯދައެއް ދުވަހަކު ނުހިފާހުރެފައި، ސުންނަތް ނަމާދުތަކާއި ރުޅިހަދައިގެން އުޅެފައި، ޤުރުއާން ޚަތިމް ރުމާލަށްލައި ފިލާމަތީ ބޭއްވި ގޮތަށް ހިރަފުހުގައި އޮއްވާ، ކުއްލިއަކަށް ރޯދަ މަސް އަންނަ އިރަށް، ފަސްވަގުތު ގެ ޖަމާޢަތާ އެކު އިހާފަހުގެ ސުންނަތާ، އަދި ތަރާވީހުގެ އެގާރަ ނުވަތަ ތޭވީސް ރަކުއަތާ، ޚަތިމުން ދުވާލަކު ފޮތެއް ކިޔުމަށް ރާވާލާފައި އެކަން ފަށައިގަނެފައި، އަނެއްކާ، ކަރުބުޑަށް އިނގިލިލީމާ އިނގިލިކުރީގައި ކޭ އެއްޗެހި ޖެހޭ ހިސާބަށް ރޯދަ ވީއްލާ ވަގުތު ކައިފައި، މިހެން އުޅޭތާ ތިން ދުވަސް ތެރޭ އިންސާނަކު ގަރަނުވިއްޔާ ދެން އެމީހަކަށްވާ އިންސާނެކޭ ވެސް ކިޔާނެ ކަމެއް ނެތްތާއެވެ! އެންމެ ފަހުން ކަންތައް ވާ ގޮތަކީ ރޯދަމަހުގެ ފުރަތަމަ ދިހައަކާ އެކު ތިމާގެ ކުރީ ހާލަތަށް އެނބުރި ރުޖޫޢަވެވުމެވެ. ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ އެންމެ ގަދަބައިގެ ސަވާބުތައް ހޯދައި ނުލެވުމެވެ. ރޯދަމަހުގެ އަސަރެއް ކަންފުޅެއް ރޯދައިގެ ފަހުން ތިމާގެ ކިބައިގައި ހަރުލައިފައި ނެތުމެވެ.

ވުމާއެކު ރޯދަމަހަށް ތައްޔާރުވެ ނަފުސަށް ތަމްރީނު ނުދީ ހުއްޓާ ރޯދަމަސް ލައިގަނެއްޖެ މީހަކު ކަންކުރުން އެންމެ ރަނގަޅު ކަމުގައި ފެންނަނީ ދެ ގޮތެކެވެ.

އެއް ގޮތަކީ މަދުމަދުން ފަށައިގެން ގިނަކުރަމުން ދިއުމެވެ. ފުރަތަމަ ދުވަހު ތަރާވީޙް ނުކުރެވުނަސް ސުންނަތް ނަމާދުތައް ބަރާބަރަށް ކޮށްލެވޭތޯ ބެލުމެވެ. އެއް ގޮތަކަށް ނުކިޔަވާ ހުރެފައި ތިމާގެ ހުރި ކިޔެވުމުގެ ކޮށިކަމާއެކު ފަށައިގަންނަ އިރު ދުވާލަކަށް ގިނަވެގެން ހަތަރު ސަފުހާއިން ފުއްދާލުމެވެ. އެކަމަކު އެފެށި ހިސާބުގައި މަޑުނުޖައްސާ ދުވަހުން ދުވަހަށް ގިނަކުރަމުން ފެންވަރު މަތިކުރަމުން ގެންދާށެވެ. ރޯދަމަސް ދެބައިވާއިރު އަޅުވެރިއަކަށް ވެވޭނެއެވެ. ފަހު ދިހައެއްގެ އޮނަހިރި ރޭތައް އަންނަ އިރު ކާމިޔާބުވެދާނެއެވެ. ޢީދު އަންނައިރު ޤުރުއާންކިޔެވުމާއި ސުންނަތްތައް މުޅީން ކަށީގައި ހިފާފާނެއެވެ. މިއީ އެއްގޮތެވެ.

ދެވަނަ ގޮތަކީ ރޯދައާއެކު އެ އަންނަ ފޯރިއަށް ފުރިހަމައަށް އިޖާބަދީ ބިންދައިގެން ދާނެކަން ޔަގީންވާއިރުވެސް ހަމަ އެންމެ މަތީން ފަށައިގަތުމެވެ. ނަމަވެސް ގަރަވާ ވަގުތު ކޮންމެވެސް ވަރަކަށް އަޅުކަން މަދުކޮށްލާފައި ހިތްވަރުޖެހިލައިގެން ފަށާ، ގަރަވުމުގެ މައްޗަށް ކާމިޔާބު ހޯދުމެވެ. އެންމެ ފުރަތަމައަށް ތަރާވީސް ވެސް ހަމަ އެއްކޮށް ކުރަން ފަށާނީއެވެ. ޤުރުއާންކިޔެވުން ވެސް ހަމަ ގަޑިދެގަޑިއިރަށް ދަންމާލާ، ކިޔުނު އެންމެ ގިނައެއްކޮށް ކިޔާނީއެވެ. މިނޫންވެސް ހެޔޮހާ ކަމެއް ކުރުމުގައި ގަދައަޅާނީއެވެ. ފުރަތަމަ ތިން ދުވަސް ދިއުމާއެކު ނަފުސު ގަރަވާ ގޮތްވީމާ ކުރަމުން އައި ކަންތައް ހަތަރުބައިކުޅަ އެއްބަޔަށް މަދުކޮށްލާފައި، ދެދުވަސް ވަރުވީމާ އެޔަށް އެއްބައި އިތުރުކޮށްލާފައި ފަސް ދުވަސް ފަހުން، އަރާ ބޮންތީގައި ހިފީމާ ހުންނާނީ ނަފުސު ހަމަ ރަނގަޅަށް ހާނުވާލެވި ތަރުބިއްޔަތުކޮށްލެވިފައެވެ.

އޭރުން އުންމީދުން ފުރިގެންވާ ރޭ ލައިލަތުލްޤަދްރި އެކީގައި ޣަނީމާކޮށްލާކޮށް އުނދަގުލެއް ނުވާނެއެވެ. ރޯދަމަހުގެ ފަހުގައި ތިމާގެ ކިބައިގައި ރޯދައިން ކުރި އަސަރުތައް ވިދިގެން އަންނަ ރޯދަމަހާ ހަމައަށް ދެމިހުންނާނެއެވެ.

އަދި މިކަންކަން މިހެން ކުރުމަށް ރޯދަމަހުގައި ކެއުން ގެންގުޅެންވީ ގޮތް އެނގުން ކޮންމެހެން މުހިންމު ކަމުގައި ދެކެމެވެ. އެހެން ފަހަރަކުން އެ މައުޟޫއަށް އަލިއަޅުވާލާ އެއްޗެއް ލިޔެވޭތޯ ބަލާނަމެވެ. ހަމަ އެހެންމެ މި މަޒުމޫނުގައި މައިގަނޑު ގޮތެއްގައި މި ވާހަކަދެކެވުނީ ޤުރުއާންކިޔެވުމާ ސުންނަތް ނަމާދަށް ކަމުގައި ވިޔަސް ދެން ވެސް އިތުރު ހެޔޮ ކަންކަމާ މި ކަމާ އަޅާކިޔާލާށެވެ. އަދި ހެޔޮ ކަމުގެ ތެރޭގައި އެެކަމެއް އާދަކުރުވުމަށް ކޮންމެހެން ސިޑިބަރީ ނިޒާމް ބޭނުން ނުކޮށް އާދަކުރެވޭނެ ޞަދަޤާތްދިނުން ފަދަ ކަންކަންވެސް ހުންނަ ކަން ހަނދާންކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355