twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރޯދަމަހުގައި ކައިބޮއި އުޅެންވީ ގޮތް

Aug 20, 2011

ނަބީލް

އާދަމްގެފާނުން ފެށިގެން އަހަރެމެންގެ މާތް ނަބިއްޔާ އާ ހަމައަށް ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންގެ ބަސްފުޅުތަކަށް ބެއްޔަސް، އެންމެ އިހުގެ ޙަކީމުންގެ ނަސޭހަތްތަކާއި އިރުޝާދުތަކުން ފެށިޔަސް، މި ޒަމާނުގެ ފަހުގެ ހޯދުންތަކަށް ނަޒަރުހިންގިޔަސް، ކެއުމުގެ ނިޒާމުގައި ހަމައެއް ނުބެހެއްޓުމުގެ ދޯހަޅިކަމާއި ގެއްލުމުގެ މައްޗަށް ދަލީލުކުރާ ކިތަންމެ ބުނުންތަކަކާއި ދިރާސާއެއް ފެންނާނެއެވެ.

ކެއުން މަދުކުރުމާއި އެމީހަކަށް ކިރިޔާ ފުދޭ މިންވަރަށް ނޫނީ ނުކެއުމަށް ނަސޭހަތްތެރިވެ، އަދި އެމަގުން ކަސިޔާރުވުމުން، ހުރި ނުބަޔާއި ނުރައްކާ ބަޔާން ނުކުރާ އެއްވެސް ޙަކީމަކު އިހުގައި ދުނިޔެ ދެކެފައި ނުވެއެވެ.

އަހަރެމެންގެ ދީން ވެސް އަންގަނީ ކެއުމަކީ އަޅުކަމަށް ބާރުހޯދަން ކުރާ ކަމެއް ކަމުގައި ހެދުމަށާއި ފެނަށާއި ނޭވާއަށް އޮތް ބައި ފުރާނުލުމަށާއި، ލޮޑުކަން ލިބޭވަރަށް ނުކެއުމަށެވެ. އޭގެ އިތުރަށް އެމާތް ދީނައިގެން ވަޑައިގެންނެވި މާތް ސާހިބާ އެ ނަމޫނާ ވަނީ އަހަރެމެންނަށް ދައްކަވާފައެވެ.

ގިނައިން ކެއުމާއި ބަނޑުލުމަކީ މާތް ނަބިއްޔާ އަވަހާރަވުމަށްފަހު އުންމަތުގައި އުފެދުނު އެންމެ ނުބައި އެއް ކަންތައް ކަމުގައި މުއުމިންތަކުންގެ މަންމާފުޅެއް ކަމުގައިވި ސިއްތުނާ ޢާއިޝާގެފާނު ވަނީ ސިފަކުރައްވާފައެވެ.

މި ޒަމާނުގެ އެންމެ ބޮޑެތި ބަލިތަކުގެ އަސްލަކީ، އެންމެ ގިނަ ބަލިތައް ކޮންޓްރޯލު ނުކުރެވުމުގެ އެއް ސަބަބީ ވެސް ހަމަ ކެއުމުގެ ނިޒާމު ގޯސްވެފައިވުން ކަމާ މެދަކު ދެބަސްވާނޭ މީހަކު އުޅޭނޭ ހެނެއް ހީއެއް ނުވެއެވެ.

ރޯދަމަސް އަންނަނީ ކެއުމާއި ބުއިމުގައި ތިމާގެ ނަފުސަށް ތިމާ ބޭނުން ގޮތެއް ހަދާލެވޭނެ ކަން ޔަގީންކޮށްދެމުންނެވެ. ދުވާލުގެ ވަގުތުގައި އެކައްޗެއް ނުކައި ތިމާ ހޭދަކުރާ ފަދައިން، އެހެން މަސްމަހުގައި ކެއުމާއި ބުއިމުގައި ބޭނުންކުރާ ހަމައެކަނި ގޯސްއާދަތަކުން ދުރުވެވޭނެކަން ދަސްކޮށްދެމުންނެވެ.

ކެއުމާއި ބުއިމުގައި ހުއްދަ ހުރިހާ އެއްޗަކުން ދުވާލުގެ ވަގުތުގައި މަނާވެގެން ތިބޭ ތިބުމުން، އެހެން މަސްމަހުގައި ހަމައެކަނި ގެއްލުން ހުރި ތަކެއްޗާއި ނުވަތަ ކޮންމެވެސް ސަބަބަކާހުރެ ޑޮކްޓަރަކު މަނާކޮށްފައިވާ އެއްޗަކުން ދުރުވެތިބެވިދާނެ ކަމުގެ ނަފުސާނީ އިތުބާރު ދިރުވައިދެމުންނެވެ.

ނަމަވެސް، ރޯދައިގެ ސަބަބުން ހަޖަމުގެ ނިޒާމަށް ލިބޭ ލުޔާއި ހައްޓަށް ލިބޭ ފަސޭހަ ގެއްލުމާއި އަނިޔާއަށް ބަދަލުކޮށްލަނީ ހަމަ އަހަރެމެންގެ އަތްތަކުންނެވެ. ކެއުމާއި ބުއިމުގެ ނިޒާމު އަހަރެމެން އެކަށައަޅާ ކަނޑައަޅާފައިވާ ގޮތްތަކުންނެވެ.

ރޯދަވީއްލުމާއެކު ސިކުނޑީގެ މައްޗަށް ޝިކާރަވެފައި އެ އޮންނަ “ދޮގުވެރި ބަނޑުހައިކަމަށް” އަހަރެމެން އީމާންވަނީ ދަސްވި ކެތްތެރިކަމާއި، ހަމަޖެހުން އެއްފަރާތްކޮށްފައެވެ. ނަތީޖާއަކީ ރޯދަމަހާ ދިމާކޮށް ބަނޑުގެ ބަލިތަކާއި އެނޫންވެސް ކެއުމުގެ ނިޒާމު ގޯސްވުމުން ނުކުންނަ މުސީބާތްތައް ހެސްކިޔާފައި އިތުރުވެގެންދިއުމެވެ.

މީގެ ބަދަލުގަައި ރޯދަވީއްލާ ގަޑީގައި އެންމެ ފަނިތަށްޓަކާއި ދެތިން އޮށް ކަދުރު، ނުވަތަ އެނޫންވެސް ލުއި ފޮނި ކާއެއްޗަކުން، ރޯދަވީއްލުމުން ހަށިގަނޑަށް ލިބޭ އަރާމާއި ދުޅަހެޔޮކަން ތަޖުރިބާކުރުން މުހިންމެވެ. އޭގެ ފައިދާތަކުގެ ވާހަކަ އަޑުއައެހުން ކޮންމެހެން ބޭނުމެވެ. އެގަޑީގައި ތެލަށް އަޅާފައި ހުންނަ ތަކެތީން ގޮހޮރު ހުހަށް އޮއްވާ އަނިޔާކުރީމާ އެލިބޭ ހާނީއްކަތަކުގެ ވާހަކައިން ޑޮކްޓަރުން ކިޔައިދޭ ތަފްސީލުތަކަށް އިޖާބަދިނުން ހަމަ ކޮންމެހެން ލާޒިމެވެ.

އިހުޒަމާނުގައި އަހަރެމެން ރޯދަވީއްލާ ގަޑިއަށް އެހަދާ ސާގުފަނި ފަދަ އެއްޗެއް ތާފަނާކަމާ އެކީ ބޯލުން، މިހާރު މިޒަމާނުގެ ފިނިކޮށްފައި މިހުންނަ ބުއިންތަކަށްވުރެ ސިއްހަތަށް ފައިދާ ބޮޑުކަމަކީ ހަމަ ހަގީގަތެކެވެ. އެނޫނީ ކުރުނބާއެއް ބުޔަސް އެޔަށް ހަކުރުއަޅައިގެން ކިލަނބުކުރުމަށްވުރެ، ޠަބީޢީ ރަހައިގެ ފައިދާ ލިބިގަތުން، ކާބަފައިންގެ އަސްލު ސަގާފަތާއި ގާތްވެފައި، ޒަމާނީ ތަޢުލީމުތަކާއި ސިއްހީ ހޭލުންތެރިކަމާ ވެސް މާ ގާތްކަން ބޮޑެވެ.

އަދި ހާރުކެއުން އަވަސްކޮށްގަތުމުން، ތިމާގެ ބަނޑަށް ދޭން ނުވާވަރަށް ހައިހޫނުކަން ނުދިނުމަށްޓަކައި، ހާރަކީ ރޯދައިގައި ތިމާއަށް ބާރަކަށް ހެދުމަށްޓަކައި ހާރުކެއުން ވީ އެންމެ ލަސްކުރުމަށް ކޮންމެހެވެސް ސަމާލުކަންދޭންޖެހެއެވެ.

ނިކަން ކުރުކޮށްލާފައި ބުނަންޏާ ރޯދަމަހުގެ ރޭގަނޑުގެ ބާރަގަޑިއިރު، ސައްވީސްގަޑިއިރުގެ ކެއުމާއި ބުއިމަކަށް ނުހެދުން، ނުވަތަ އެކަން ނުކޮށް ފުދޭ މިންވަރަށް ކެއުން ގެންގުޅޭ މީހުން ތިމާއަށް ބޭނުންވާނޭ މާއްދާތައް ހިމެނޭ ކާނާކެއުމަށް އިސްކަންދިނުމީ ރޯދަ ހިފުމުގައި އެކަންކުރަން އޮތް ގޮތަށް އެކަން ކުރެވޭނޭ، އަދި ރޯދައިގެ ޙަޤީޤީ ފައިދާ މާއްދީގޮތުންނާއި ރޫޙާނީ ގޮތުން ވެސް ލިބިގެންދާނޭ ހަމައެކަނި ގޮތެވެ.

މިކަންކަން މި މަގަށް ނެތުމުން، ރޯދަމަހުގައި އެހެން މަސްމަހަށް ވުރެ އަތުން ޚަރަދުވާ ބައިވެސް އިތުރުވެގެންދަނީއެވެ. އަދި ސިއްހަތަށް ފައިދާހުރި ނިޢުމަތެއް ކަމުގައިވި ރޯދަ، ވޭންހުރި ބައްޔަކަށް ބައެއް މީހުންނަށް ހަދާލެވުމުގެ ސަބަބުން ހޮސްޕިޓަލަށް ވެސް ކުރަންޖެހޭ ޚަރަދު ގިނަވެގެންދަނީއެވެ.

އަހަރެމެންގެ މާތް ނަބިއްޔާ ވެސް ރޯދަމަހުގައި އެހެން މަސްމަހަށްވުރެ ޚަރަދުކުރެއްވުން އިތުރުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އެބައި އިތުރުކުރައްވަނީ ރޯދަމަސް އަތުވެއްޖެ ނަމަ ވައިރޯޅިއަކަށް ވުރެ ވެސް ދީލަތިވެވަޑައިގެން ކުރައްވާ ޞަދަޤާތްތަކުންނެވެ. އަހަރެމެންނާއި އަހަރެމެން ނަމޫނާ ކަމުގައި ބަލައިގެން މިއުޅޭ މާތް ނަބިއްޔާއާ ހުރި ތަފާތެއްގެ ބޮޑުކަމާއެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355