އިބްރާހިމް ހަމީދު
ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ބާއްވަމުން އަންނަ ފޯރަމްގެ މިއަހަރުގެ ހަތްވަނަ ފޯރަމް މިރޭ ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
ކުޅުދުއްފުށި އަފީފުއްދީން ސްކޫލުގައި ބޭއްވި މިފޯރަމްގައި ދަރުސް ދެއްވީ އައްޝައިހް މުހައްމަދު މޫސާއެވެ. މިރޭ ބޭއްވި މިފޯރަމްގައި އުފާވެރި ހަޔާތެއް ބިނާކުރުމުގައި މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމުގެ މައްޗަށް ޝެއިހް ވާހަކަދެއްކެވި އެވެ. އަދި މައިންބަފައިންގެ ހައްގުތަކަކީ ކޮބައިކަން ގުރުއާނާ ސުންނަތުގެ އަލީގައި ޝެއިހް ވިދާޅުވެދެއްވި އެވެ. އެގޮތުން ކޮންމެ މީހެއްގެ މައިންބަފައިންނަކީ އެމީހެއްގެ މައްޗަށް ބުރައުފުލާ ހިދުމަތް ތަކެއް ކޮށްދީފައިވާ ބައެއްކަމާއި އެމީހުންގެ މައްޗަށް އޯގާތެރިވުމާއި ހެޔޮކޮށްހިތާ އިހްސާންތެރިވުމަށް ޝެއިހް މުހައްމަދު މޫސާ ނަސޭހަތް ތެރިވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވަމުން އަންނަ އިހުޔާކުރުމުގެ މި ޕުރޮގްރާމުގައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ނައިބް ފާތިމަތު އާފިޔާ ވެސް ބައިވެރިންނާ މުހާތަބުކޮށް ވާހަކަދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި މައިން ބަފައިންގެ ހައްގުތަކެއް ވާއިރު ދަރީންގެ ހައްގުތަކެއްވެސް ވާކަމާއި މައިންބަފައިން ދަރީންނަށް ވެފައިވާ ގުރުބާނީތައް ދުވަހަކުވެސް އަދާނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިފޯރަމްގައި ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވަބު ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ އަބްދުއްލް މަޖީދު އަބްދުއްލްބާރީ އާއި ޝެއިހް މުހައްމަދު މޫސާ އަދި ހެލްތް މިނިސްޓަރުގެ ނައިބު ފާތިމަތު އާފިޔާއެވެ. މިފޯރަމްގައި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ގިނައަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.