މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ އަތޮޅުގެ ރަށްތަކުން ކައުންސިލް ރައީސްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީންއަށް މެޖޯރިޓީ ކާމިޔާބެއް ނުވި އެވެ.
އެގޮތުން ހދ އަތޮޅުގެ އިންތިހާބު ބާއްވާފައިވާ 12 ރަށުގެ ތެރެއިން ވެރިކަން ކުރާ ޕީއެންސީއަށް ކާމިޔާބުވެފައިވަނީ ކައުންސިލް ރައީސްގެ 2 ގޮނޑިއެވެ. އެއީ އެ އަތޮޅު ނޮޅިވަރަމް އަދި ނޮޅިވަރަމްފަރެވެ. މިދެ ރަށުގެ ރައީސްކަމަށް އެމްޑީޕީން ވާދަކޮށްފައެއްނުވެ އެވެ.
ނޮޅިވަރަންފަރު ކައުންސިލް ރައީސްކަމަށް އަމިއްލަގޮތުން ވާދަކޮށްފައިވާ އިބްރާހިމް ޔޫސުފަށް ލިބިފައިވަނީ 124 (%12.11) ވޯޓެވެ. މީގެ އިތުރަށް އަމިލަ ގޮތުން ވާދަކުރި ދެވަނަ ކެނޑިޑޭޓަށް ލިބިފައިވަނީ 385 (%37.60) އަދި ޕީއެންސީން އިންތިހާބުވީ ކެނޑިޑޭޓަށް ލިބިފައިވަނީ 515 (%50.29) ވޯޓެވެ.
ދެން ރައީސް ގޮނޑި ސަރުކާރަށް ލިބުން ނޮޅިވަރަމުން ވާދަކިރި އަމިއްލަ ކެނޑިޑޭޓަށް ލިބުނީ 552 (%45.36) ވޯޓެވެ. އަދި ހޮވުނު ސަރުކާރުގެ ކެނޑިޑޭޓަށް ލިބުނީ 665 (%54.64) ވޯޓެވެ.
އެމްޑީޕީން ހދ. އަތޮޅުގެ މެޖޯރިޓީ ހޯދާފައިވާއިރު، އެ ޕާޓީން ގޮނޑިތައް ކާމިޔާބުކުރި ރަށްތަކުގެ ތެރޭގައި ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ނައިވާދޫ އަދި ނެއްލައިދޫ ހިމެނެއެވެ.
ހަނިމާދޫގެ ރައީސްކަން އަލީ އިބްރާހިމް ކާމިޔާބުކުރެއްވީ 802 ވޯޓުންނެވެ. ކުމުންދޫގެ ރައީސްކަން އަލީ ގާސިމް (435 ވޯޓު) ކާމިޔާބުކުރެއްވިއިރު، ވައިކަރަދޫގެ ރައީސްކަން އިބްރާހިމް މުހައްމަދު (524 ވޯޓު) އަދި މަކުނުދޫގެ ރައީސްކަން އަބްދުﷲ ވަހީދު (670 ވޯޓު) ވަނީ ކާމިޔާބުކުރައްވާފައެވެ. މީގެ އިތުރުން ފިނޭގެ ރައީސްކަން އަބްދުލް ލަތީފް އަލީ (206 ވޯޓު)، ނައިވާދޫގެ ރައީސްކަން މުހައްމަދު ނައުފަލް (281 ވޯޓު) އަދި ނެއްލައިދޫގެ ރައީސްކަން މުހައްމަދު އިލްހާމް (372 ވޯޓު) ވަނީ ކާމިޔާބުކުރައްވާފައެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓަކު ވެސް ވަނީ ދެ ރަށެއްގެ ރައީސްކަން ކާމިޔާބުކުރައްވާފައެވެ. އެއީ ނޭކުރެންދޫގެ ރައީސްކަން ކާމިޔާބުކުރެއްވި މުހައްމަދު ތޯހިރު (448 ވޯޓު) އާއި ކުރިންބީގެ ރައީސްކަން ކާމިޔާބުކުރެއްވި އަލީ ވިސާމް (235 ވޯޓު) އެވެ.
ރާއްޖޭގެ 5 ސިޓީގެ މޭޔަރުކަންވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންކަން ފާހަގަކޮށްލެވެ އެވެ.




