ކުޅުދުއްފުށީ މަގެއްގައި ހުރި ޔޫޓިލިޓީ ކުންފުނީގެ ކަރަންޓް ޑިސްޓްރިބިއުންޝަން ދެ ފޮއްޓެއްގައި އަލިފާން ރޯވެއްޖެއެވެ.
ކުޅުދުއްފުށީ ލައިނޫފަރު މަގުގައި ހުރި މީހުން ނޫޅޭ ދެ ގެއެއްގެ ފާރުގައި ހަރުކޮށްފައި ހުރި ޑިސްޓްރިބިއުންޝަން ފޮށި ތަކުގައި ރޯވެފައިވަނީ މެންދަމުން ބާރަ ޖަހާލާހާއިރުއެވެ. ނަމަވެސް ރޯވެފައި ހުރި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް އާންމުން ނުކުމެ ވަނީ ނިއްވާލާފައެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުވެސް އެތަނުގައި ހަރަކާތްތެރި ވިއެވެ.
ފުރަތަމަ އަލިފާން ރޯވި ފޮއްޓަކީ އެހިސާބުގެ ގެޔަކުން ކަރަންޓް ގޮސްގެން އިންޖީނުގޭގެ މީހުން އައިސް ބެލިފޮއްޓެއް ކަމަށްވެއެވެ.
މިކަމާގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.