twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދިރާގުގެ ހިއްސާ އާއްމުކޮށް ވިއްކުމާއި ބެހޭގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދީފި

Oct 6, 2011

އިބްރާހިމް ހަމީދު

ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ދިރާގުގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ތެރެއިން އާއްމުންނަށް ހިއްސާ ވިއްކުމާއި ބެހޭގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ސެމިނަރއެއް ބާއްވައިފިއެވެ.

ދިރާގު ކަސްޓަމަރ ސާވިސް އެންޑް ސޭލްސް ޑިރެކްޓަރ އަލީ ރިޔާޒާއި މާކެޓިންގ ޑިރެކްޓަރ އަހްމަދު މަޢުމޫން ކުޅުދުއްފުއްޓަށް ވަޑައިގެން މިއަދު ކުޅުދުއްފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާއި ދިއްދޫގެ 6 ފަރާތެއްވެސް ބައިވެރިވިއެވެ.

ދިރާގުގެ ހިއްސާގެ ބަޔާނުގައި އެކުލެވޭ ކަންތައްތަކާއި ބެހޭގޮތުން ހުލާސާކޮށް މައުލޫމާތު ދިނުމުގެ އިތުރުން ބައިވެރިވި ވިޔަފާރިވެރިން ކޮށްފައިވާ ސުވާލުތަކަށްވެސް މިސެމިނަރގައި ޖަވާބު ދިނެވެ.

މިބައްދަލުވުމާއި ބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ދިރާގު އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު މުހައްމަދު ފާހިރު ވިދާޅުވީ، މިއީ ހއ. ހދ. އަދި ށ. ހިމެނޭ ސަރަހައްދަށް ހިއްސާ ވިއްކުމާބެހޭ މައުލޫމާތު ދިނުމަށް ފެށުނު ޕްރޮގްރާމެކެވެ. އަދި ދިރާގު މިހިސާބަށް އައިރު ދިރާގުގައި ތިބީ ދެ ހިއްސާދާރުކަމަށާއި އެއީ ކޭބަލް އެންޑް ވަޔަރލެސް އާއި ދިވެހިސަރުކާރެވެ. މިހާރު ކުރިއަށްދާ ޕްރައިވެޓޭޝަންގެ ދަށުން ދިރާގުގެ ސަރުކާރުގެ ހިއްސާއިން  އެއްބައި މިވަނީ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައެވެ.

“ދިރާގުގައި ހިމެނޭ ސަރުކާރުގެ 48 އިންސައްތަ ހިއްސާގެ ތެރެއިން 15 އިންސައްތަ މިވިއްކާލަނީ ރައްޔިތުންނަށް. ނަމަވެސް މިއީ ދިރާގުގެ ރައުސްމާލު އިތުރުކުރުމަށް ވިއްކާ ހިއްސާއެއް ނޫން.” ފާހިރު ވިދާޅުވިއެވެ.

ދިރާގުގެ ހިއްސާގެ ބަޔާން ދޫކުރަން ފަށާފާވާއިރު މިމަހުގެ 25 އިން ފެށިގެން 25 ނޮވެންބަރުގެ ނިޔަލަށް ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހިއްސާގަތުމަށް އެޕްލައިކުރެވޭނެއެވެ. އަދި ޑިސެމްބަރު 25 އިން ފެށިގެން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ގަނެވިއްކޭނެއެވެ. ހިއްސާއަށް އެދޭފޯމުގައި މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސިޓަރީގައި ހިއްސާ ޑެޕޮސިޓް ކުރުމަށް އެކައުންޓް ހުޅުވުމަށް ވެސް ބައެއްވަނީ ހިމަނާފައެވެ.

މިއަދު ބޭއްވިފަދަ ބައްދަލުވުންތައް ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވޭނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ. އަދި ކުޅުދުއްފުށީގައިވެސް އިތުރު ސެމިނަރތައް ބާއްވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355