twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދައުލަތް ހިންގުމަށް ޓެކްސް ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ހެއްޔެވެ؟

Oct 15, 2011

ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ

ދައުލަތް ހިންގުމަށް ރައްޔިތުންގެ އަތުން އެކި ބާވަތްތަކުގެ ޓެކްސް ނެގުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއް ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ގިނަބައެއްގެ ހިތުގެ ތެރޭގައި އުފެދޭ ސުވާލެކެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފަރުޟު ޒަކާތް ފިޔަވައި އެއްވެސް ބާވަތެއްގެ ޓެކްހެއް ރައްޔިތުންގެ ނުރުހުމުގައި އެބައިމީހުންގެ މުދަލަކުން ނެގުން ހުއްދައެއް ނުވާނެއެވެ. އިސްލާމީ ޝަރީއަތުގައި މިކަން އޮތްގޮތް ދެނެގަތުމަށްޓަކައި މަޝްހޫރު ޢިލްމުވެރިން ވިދާޅުވަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ. އޭގެ ކުރިން ކަމުގެ މައިގަނޑަށް ބަލާލަމާތޯއެވެ.

ރައްޔިތުންނަށް ބޭނުންޖެހޭ ޟަރޫރީ ކަންތައްތައް ފަހިކޮށްދިނުމީ ދައުލަތުގެ ޒިންމާއެކެވެ. މިކަން ކުރުމަށް ބޭނުންވާ ފައިސާގެ ތަނަވަސްކަން ދައުލަތުގައި ނެތްނަމަ، އެކަންތައް ކުރުމަށް ބޭނުންވާ ފައިސާ ކޮންމެހެންވެސް ހޯދަންޖެހެއެވެ. ޓެކްސް ނެގުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން ކަމުގައި ވީހިނދު، ޓެކްހަކީ ހަމައެކަނި ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ޓެކްސް ނަގައިގެން ރަނގަޅު ފެންވަރަކަށް ޞިއްޙީ ފަރުވާއާއި ތަޢުލީމާއި ރަނގަޅު ބޯހިޔާވަހިކަމަކާއި ޟިއްޙީ ގޮތުން ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމާއި މިބާވަތުގެ ކޮންމެހެން ބޭނުންވާ އަސާސީ ކަންތައްތައް ފަހިކޮށްދީ އެކަންކަމަށް ބޭނުންވާނޭ އެންމެހައި ވަސީލަތްތައް ދައުލަތުގެ ފަރާތުން ޤާއިމު ކޮށްދޭން ވާނެއެވެ. މިގޮތަށް ޓެކްސް ނެގުން ދީނީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ކަމުގައި ދީނުގެ އިތުބާރު ހުރި ޢިލްމުވެރިން ވިދާޅުވެއެވެ.

ރައްޔިތުންގެ އަތުން ޓެކްސް ނެގުމަކީ ޙަރާމް ކަމެކޭ ވިދާޅުވާ ބޭފުޅުން ބުރަވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލުގެ ހުރުމަތްތެރިކަމާބެހޭ ގޮތުން ވާރިދުވެފައިވާ ޢާއްމު ދަލީލުތަކަށެވެ. އެދަލީލުތަކުން ދޭހަވާގޮތުގައި އެއްވެސް މީހެއްގެ މުދާ އެމީހެއްގެ ރުހުމާނުލައި ނެގުން ހުއްދައެއް ނުވާނެއެވެ. ރަސޫލާގެ ހަދީޘްފުޅެއްގެ މާނާގައި ވެއެވެ. “މީހުންގެ މުދަލުން ‘މަކްސް’ ޓެކްސް ނަގާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.” މިހަދީޘްގެ ދޭހައާމެދު އިސްލާމީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިއެއް ކަމުގައިވާ ޑރ. ވަހްބަތުއް ޒުޙައިލީ ވިދާޅުވެފައި ވެއެވެ.

“މިކަމުގައި ބަލަންޖެހޭ ހަމައަކީ ޓެކްސް ނެގެވޭ މިންގަނޑުގައި ހުރި ޢަދުލުވެރިކަމަކަށެވެ. ހަމައެހެންމެ ޓެކްސް ނަގައިގެން ކުރާ ކަމަކަށެވެ. އެއީ، އެއްވެސް ބެލުމެއްނެތި އަނިޔާވެރި ގޮތެއްގައި ރައްޔިތުންނަށް ނުކަތާ މިންވަރަށް، އެބައިމީހުންގެ އަތުން ނަގާ ޓެކުހެއް ނަމަ، އަދި އެއިން ހޭދަކުރެވެނީ ރައްޔިތުންގެ މަންފާއާއި ލާބައަށް ކަމުގައި ނުވާނަމަ، ޝައްކެއްނެތް މިފަދަ އެންމެހައި ޓެކްހެއް ހިމެނިގެން ދާނީ ޙަދީޘްގައި ޙަރާމް ކުރަށްވާފައިވާ ޓެކްސް “މަކްސް” ގެ ތެރޭގައެވެ. އަދި އެކަން ކުރާބަޔަކު އެކަމުގެ ފާފަ ތަޙައްމަލު ކުރަން ޖެހޭނެއެވެ. އެއާ ޚިލާފަށް ޢަދަލު ވެރިގޮތެއްގެ މަތިން، ރައްޔިތުންނަށް ބުރަ ނުވާ މިންވަރަށް، ދައުލަތް ހިންގުމަށް ބޭނުންވާ މިންވަރުގެ ޓެކުހެއް ރައްޔިތުން އަތުން ނެގުމަކީ މައްސަލައެއް ނޫނެވެ. އަދި މިހާލަތުގައި ހިތުން ރުހުމުން ޓެކްސް ދައްކަން ވާނެއެވެ. އެއީ، އެއްވެސް ޙާލެއްގައި ޙަރާމް ވެގެންވާ “މަކްސް” ގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި މިކަން ކަނޑައެޅިފައިވާ ގޮތަކީ މިއީއެވެ.”

ހަމަ އެހެންމެ ޓެކްހާ ޒަކާތާ މިއީ ދެއެއްޗެކެވެ. އެހެންކަމުން ޓެކްސް ނެގިކަމުގައި ވިޔަސް ޒަކާތް ނަގަންޖެހެއެވެ. ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. ޒަކާތް ނަގައި ޤުރުއާނުގެ ކަނޑައެޅިފައިވާ އޭގެ ޙައްގުވެރި ފަރާތްތަކަށް ބެހުމަކީ އިސްލާމީ ދައުލަތެއްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށްޓަކައި ޒަކާތް ނެގުމާއިބެހޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ދަނީ ކުރަމުންނެވެ.

(މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވާ ހިދާޔަތުގެ އަލި 34 ވަނަ އަދަދުން ނަގާފައިވާ މަޒުމޫނެކެވެ.)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355