twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޙުކުމްކޮށް ނިންމާލުމުގެ ކުރީގައި..!

Dec 18, 2011

.

ނަބީލް

ޙުކުމްކުރުމޭ މިބުނީ ގޮތް ކަނޑައެޅުމަށެވެ. ކަންކަމުގައި ގޮތް ނިންމުމަށެވެ. މިގޮތުން ބަލާއިރު ޙުކުމްކުރަނީ ހަމައެކަނި ގާޒީންނެއް ނޫނެވެ.

ކޮންމެ މީހަކީ ވެސް ޙުކުމްކުރާ މީހެކެވެ. އެއްޗެއްސާއި މީހުންނާއި މެދުގައެވެ. ތަންތަނާއި ކަންކަމާ މެދުގައެވެ.

ޙަޔާތުގައި ދިމާވާ ކަންކަމާއި މީހުންނާއި ތަންތަނާއި އެއްޗެއްސާއި މެދުގައި ޙުކުމް ނުކޮށް އެއްވެސް އިންސާނަކަށް އެމީހެއްގެ ޙަޔާތް ކުރިއަކަށް ނުގެންދެވޭނެއެވެ. ވުމާއެކު އެންމެ ތުއްތުކުދީންވެސް އެމީހުންނަށް ކަމުދާ މީހުންނާއި ތަކެތި، ތަންތަނާއި ކަންކަން ދެނެގަނެ ޙުކުމްކޮށް އެކި ޙާލަތްތަކުގައި ޢަމަލުތައް ބަހައްޓަންވީ ގޮތްތައް ނިންމާ އެގޮތްގޮތަށް ޢަމަލުކުރެއެވެ.

ނަމަވެސް އިންސާނާގެ މި އެންމެ އަސާސީ އެންމެ ބޭނުންތެރި އެއް ސިފަ މީހާ ހަރުވެ ބޮޑުވާއިރު ތުއްތުކަންމަތީ ދެމިހުންނަނީ ނަމަ އެއީ ވަރަށް ވެސް ނުރައްކާތެރިކަމެކެވެ. ހަމަ އެހެންމެ ޙުކުމްކުރުމުގައި ހުންނަ އަވަސްކަމާއި ކިތަންމެ ލަހުން ޙުކުމް ޖަހާ ނިންމާލިޔަސް ހަތްއަރިމަތީން ނުވިސްނާ އެއް ވިސްނުމުގެ މައްޗަށް ނިންމާލެވޭ ޙުކުމްތަކުގައި ހުރީ މީހާ ހަލާކުވެދިއުމެވެ. އެފަދަ މީހެކޭ މަންމަ ނޫން މީހަކު އުރަން އަތް ދިއްކޮށްލީމާ، އެއީ މަންމަ އަށް ނުވާތީ ބިރުން ރޮއިގަންނަ ތުއްތު ކުއްޖެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އެމީހަކީ ކިތަންމެ މަތީ ފާހެއް އޮތް މީހެއް ކަމުގައި ވިޔަސްވެހެވެ.

ވަކީން ޚާއްސަކޮށް ޙުކުމް އެކުރެވޭ ކަމަކީ މުޅި ޤައުމާއި ތިމާ ދިރިއުޅޭ މުޅި މުޖުތަމަޢުއާއި ގުޅިފައި ހުރި ކަމެއް ނަމަ ކަމުގެ ނުރައްކާތެރިކަން ވަރަށް ވެސް ބޮޑެވެ. އާދައިގެ މީހަކު އެމީހެއްގެ މަތީ ތަޢުލީމު ހާސިލުކުރާނެ ޔުނިވަސިޓީއެއް ނިންމުމުގައި ކުރާ ޙުކުމާއި ދައުލަތެއްގެ ވެރިކަމުގެ ނިޒާމާ މެދު ފިކުރީ ޤާއިދެއްގެ ހައިސިއްޔަތުން ކުރާ ޙުކުމާއި ދެމެދުގައި މަސްއޫލިއްޔަތުގެ ތަފާތު ވަރަށް ވެސް ބޮޑެވެ.

އެއްޗަކާ މެދު ޙުކުމް ކުރިޔަސް ނުވަތަ މީހަކާ މެދު ގޮތެއް ނިންމިޔަސް އެއެއްޗެއްގެ މައިގަނޑަށް ނިކަން ރަނގަޅަށް ވިސްނަންވާނެއެވެ. އެކި ޙާލަތްތަކުގައި އެއެއްޗަކަށް އަންނަ ބަދަލުތަކަށް ވެސް ފިކުރު ހިންގަންވާނެއެވެ. އެކި ގައުމުތަކުގައި އެކި ގޮތަށް އޮންނަ ކަމެއް ނަމަ އެއް ނަމެއް ކިޔަސް، އެކި މީހުން އެކަމެއް ބަލައިގަނެފައިވަނީ އެކި ގޮތަކަށް ކަމަށް ވަނީ ނަމަ އެއްޗަކަށް ކިޔާ ނަމުގެ މައްޗަށް ޙުކުމް ކޮށް ނިންމާލުމަކީ މުޙައްމަދު ކިޔާ ކޮންމެ މީހަކީ ރަސޫލެއް ކަމަށް ނިންމުން ފަދަ ކަމެކެކެވެ.

ޙުކުމްކުރަންވާނީ މީހެއްގެ މައްޗަށް ނަމަ، އެމީހަކު މުޅީން މަރުވެދިއުމުން އޭނާގެ ކަންކަމާއި އެކި ޙާލަތްތަކާއި އޭނާގެ ވަށައިގެން ހުރި އެންމެހާ ކަމަކަށް ނަޒަރުދެމުންނެވެ. ދިރިހުއްޓާ ނަމަ މާޒީގެ އެންމެހާ ކަމެއްގެ މައްޗަށް ބިނާކޮށެވެ. ވަކިވަކީން ނެގި އެންމެ މައުޤިފެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެހެން ނޫނީވިއްޔާ އިބިލީހާއި އަބޫލަހަބު ވެސް ހެޔޮލަފާ މީހުން ތެރޭން ވުމުގެ ފުރުސަތު ހުޅުވިދާނެއެވެ. ނިކަން މާތް އަޅުވެރީން ކާފަރުންގެ ތެރޭގައި ވެސް ހިމަނަންޖެހިދާނެއެވެ.

ޙުކުމްކުރުމުގައި އެންމެ އިސްކަމެއް ދޭންވީ އެކި ގޮތްގޮތަށް ތަފާތު ނަޒަރުން ވިސްނުމަށާއި މުނާސަބު މީހުންގެ ކިބައިން މަޝްވަރާ ހޯދުމަށެވެ. ނަމާއި ބޭރުފުށުގެ ސިފަތަކުގެ މައްޗަށް ބިނާކޮށް ޙުކުމްކުރުމުގެ ބަދަލުގައި ކަމުގެ ޙަޤީޤަތާއި އެއެއްޗެއްގެ މަދާއި މެދު ވިސްނާފައި ގޮތެއް ނިންމުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355