twitterviber whatsapp telegramfacebookyoutube instagram
25th April 2024

ލިބޭ ޢިލްމުގައި ފިކުރު ވަށާ ޖެހުން

Mar 2, 2012

ނަބީލް

ދީނީ ޢިލްމުވިޔަސްވެހެވެ. ސިޔާސީ ޢިލްމުން ފެށިގެން އިޖުތިމާޢީ ޢިލްމުތަކުގެ ކޮންމެ ދާއިރާއެއް ވިޔަސް ހެވެ. ހާސިލުކުރާ ޢިލްމުން އޭގެ ޙަޤީޤީ ފައިދާ ލިބޭނީ، އަދި ތިމާގެ މުޖުތަމައަށް އޭގެ ޙަޤީޤީ މަންފާ ލިއްބައިދެވޭނީ ލިބޭ ޢިލްމުގައި ފިކުރު ވަށާޖެހިގެންނެވެ.

ލިބޭ ޢިލްމުގައި ފިކުރު ވަށާޖެހުމޭ އަޅުގަނޑު މިދަންނަވަނީ ޢިލްމު ހޯދި ދާއިރާއަކުން، ލިބިހުރި މަޢުލޫމާތާއި ގުޅުވައިގެން ތިމާގެ މާހައުލަށް އަމާޒުކޮށް އަމިއްލަ ޚިޔާލުތަކެއް ވިސްނުންތަކެއް އެކަށައަޅާ އެ ހާމަކޮށްދޭން އެނގޭ އެނގުމަށެވެ. ނުވަތަ ހޯދި ޢިލްމު އޭގެ އަސްލުން ބަދަލުކުރުމެއް ނެތި ތިމާގެ މާހައުލަށް ހެޔޮވަރުކޮށްލާ ހެޔޮވަރުކޮށްލުމަށެވެ.

މިސާލަކަށް، ތިމާ ބޭރު ގައުމަކުން ސިޔާސަތުގެ ޢިލްމު އުގެނިގެން އައިސްފައި، އެ ގައުމުގައި އޮތް ގޮތަށް، ތިމާގެ މާހައުލަށް ނަޒަރު ދިނުމާއި ބުއްދިކުރުމެއް ނެތި، އެހެން ގައުމެއްގެ ނިޒާމު ހުރި ގޮތަށް ދިވެހިރާއްޖެއަށް ފައްތަން އުޅުމީ ސިޔާސީ ޢިލްމު އަދި ހުއްޓަސް، އަޅުގަނޑު ހިތުން ވަށާ ނުޖެހޭ ސިޔާސީ ފިކުރެވެ.

ހަމަ މި ގޮތަށް، ދީނީ ޢިލްމު ކިޔަވައިގެން އަންނަ މީހަކު، ދީނުގެ އަސާސްތަކުން ކަފިވެފައި ހުންނަ ގޮފިތަކުގައި، އެކި ޤައުމުތަކުގެ އާދަކާދައާއި ސަޤާފަތާއި ގުޅިފައި ހުންނަ ކަންކަމުގައި ވަކި ޤައުމެއްގައި ދެވިފައި ހުންނަ ފަތުވާތައް، ދިވެހިންގެ ދީނީ ފިޤުހީ ތާރީޚާއި ހޭލުންތެރިކަމަށް ވިސްނުމެއް ނެތި އެ ފަތުވާތައް ހުރި ގޮތަށް ރާއްޖެއަށް ފައްތާލަން އުޅުމީ ވަށާ ނުޖެހޭ ދީނީ ފިކުރެވެ.

ވަށާޖެހޭ ފިކުރެއް މީހަކަށް ލިބެނީ ވަރަށް ގިނަ ކަންކަން އޭގައި ހިއްސާވެގެންނެވެ. ތިމާގެ ދާއިރާއިން އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ލިބިގެންނެވެ. އަދި އޭގެ ބޭރު ދާއިރާތަކުން ޢާންމު މަޢުލޫމާތުގެ މިންވަރެއް ލިބިގެންނެވެ. އިންސާނީ ތާރީޚާއި ދުނިޔޭގެ ޚަބަރުތަކުން ވާނުވާ އެނގޭ ވަރަށް މަޢުލޫމާތު ލިބިގެންނެވެ. އެޔާއެކު ތިމާގެ މަޢުލޫމާތު ދިރިއުޅޭ މާޙައުލާއި އަޅާ ކިޔާން އެނގިފައި، އެމަޢުލޫމާތުގެ އަލީގައި ތިމާގެ އަމިއްލަ ފިކުރުގައި ތިމާގެ މުޖުތަމަޢު ކިރާލަން ދަސްވެގެންނެވެ. އެކަން ދަސްކުރެވޭނީ ލިބިހުރި މަޢުލޫމާތާއި ދަސްކުރާ ޢިލްމާއި އެއްވަރަށް ތިމާގެ މުޖުތަމަޢާއި އެ މުޖުތަމަޢުގެ ތާރީޚާއި ގޮތާއި ސަޤާފަތާއި، ޢާންމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި ވެސް ދަސްކުރެވިގެންނެވެ. އެވިސްނުންތަކުގައި އަހަރުތަކެއް ހޭދަކުރެވި ތަޖުރިބާތަކެއް ލިބިގެންނެވެ.

މިކަންކަން މި މަގަށް ނެތިއްޖެއްޔާ، ވާނީ ދެ ގޮތުން ކުރެ ގޮތެކެވެ. އެއް ގޮތަކީ އެކި ދުވަހު އެކި ގޮތަށް އެނބުރި އެނބުރި، އަބަދާއި އަބަދު ދެ ފަރާތަށް ކިރިކިރި ނުވަތަ ތިންވަނަ ދިމާއެއް އޮވެއްޖިއްޔާ އެ ދިމާއަކަށް ވެސް ލެނބި ލެނބި ހުރެވުމެވެ. ދެވަނަ ގޮތަކީ އެއްވެސް ގޮތަކުން ގޮތްދޫކުރުމެއް ތަރައްޤީވެ ބަދަލުވުމެއް ނެތި ތަޢައްސުބުން ފުރިފައި، އެނގޭ އެއްޗެހީގެ އަސްލު މާނަ ގެއްލިފައި ހުރެވުމެވެ. މި ދެގޮތުން ކުރެ ގޮތެއްގައި ނުކިޔަވާ ތިބޭ ޢާންމު މީހުންނަށް، އަދި ތިމާގެ ޤައުމާއި އުންމަތަށް ކުރާނޭ މަންފާއެއް ނޯންނާނެއެވެ. ގެނެވޭނެ އިސްލާހަށް ވުރެ ފަސާދަ ބޮޑުވާނެއެވެ.

މުޖުތަމަޢު އިސްލާހުކުރުމަށްޓަކައި ބޭނުންވަނީ މަޢުލޫމާތުތަކެއް ނޫނެވެ. އަދި އެހެން ގައުމެއްގެ ފޭރާން ގަދަ ބާރުން ލައްވާ ފިއްތާލުމެއް ނުވަތަ، މިނަށްވުރެ ބޮޑު ފޭރާމެއް ލައްވާ، ހިނގުމާއި ކުރިއަށް ފިޔަވަޅު އެޅުމަށް ދަތިކޮށްލުމެއް ވެސް ނޫނެވެ.

ބޭނުންވަނީ ފިކުރެކެވެ. ވަށާޖެހިފައިވާ ފިކުރެކެވެ. ލިބުނު މަޢުލޫމާތު ގެ އަލީގައި އަމިއްލަ ވިސްނުމެއްގައި މުޖުތަމަޢު ކިރާފައި މައްސަލަތަކުގެ ޙައްލު ނެރެދޭ ފިކުރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355