twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޝަބުނަމުގެ ފިނި ރޯޅީގައި، ފަތިސްހަނދުވަރުގެ ރިހި ދޯދީގައި

Mar 11, 2012

.

ނަބީލް

އެއްޒަމާނެއްގައި އުޅުނު އަޅުވެރިއެކެވެ. މީނާ ކަންތައް ކުރާ ގޮތަކީ ރޭގަނޑު ނިދަންވުމުން އަތުގައި ވާގަނޑެއް ގެ އެއްކޮޅު އެއްސުމަށް ފަހު އަނެއް ކޮޅު ކުޑަ ދޮރުން ބޭރަށް މަގުމައްޗަށް ވާ ގޮތަށް ބާއްވަނީއެވެ. އޭނާގެ އެކުވެރިންނަށް އަންގާފައި އޮންނަނީ އެއިން މީހަކު ފަތިސްނަމާދަށް ދަނީ ކަމުގައި ވަނީ ނަމަ އެ ވާގަނޑުގައި ހިފާ ދަމާލުމަށެވެ. ފަތިސްނަމާދަށްޓަކައި އަޅުވެރިޔާ ސަމާލުކަން ދީފައިވާ ދަރަޖައަކީ މިއީއެވެ.

ކޮންމެހެން މިފަދައިން ތިބާ ކަންތައް ކުރާކަށް ނުޖެހެއެވެ. އަމުދުން ހޭލައިތިބޭ މީހުންނާއި އުސޫލެއް ނެތި ސަމާސާކުރާ ލާނެތް މީހުން މިހާ ގިނަ މުޖުތަމައުތަކުގައެވެ. އެހެން ނޫނަސް ޒަމާނަކީ ތަރައްޤީވެ ކުރިއަރާ ގޮސް އެކި ފާޑުގެ ސޯނާ ގަޑިތައް ނުހަނު އަގުހެޔޮކޮށް ލިބެން ހުރި ޒަމާނަކަށް ވާތީއެވެ. ނުވިތާކަށް މުށުގައި އޮތް ފޯނުގައި ވެސް އެލާމުގެ ރަނގަބީލުތައް ނުހަނު ގިނަކަމުގައިވާތީމެއެވެ.

ތިބާފަދަ އެ މުސްލިމު އަޅުވެރިޔާއާ އަޅާ ބަލާއިރު ތިޔަ ހުރެވުނީ ކިހާ ހިސާބެއްގައި ތޯ އަމިއްލައަށް ވިސްނާލާ ފިކުރުހިންގާލުން ވަރަށް ބުއްދިވެރި ވަގުތެކެވެ. ގުނެމުން މިދަނީ އެންމެ ފަރުޟެއް އަދާކޮށްފި މީހާއަށް ހަތްދިހަ ފަރުޟު އަދާކުރި ކަމުގެ ޘަވާބު ލިބޭނޭ މާތް މައްސަރެވެ.

މާތް ނަބިއްޔާގެ ބަސްފުޅުގައިވަނީ ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި ރޭގަނޑުގައި އަޅުކަން ކުރި ފަދަކަމުގައެވެ. ފަތިސްނަމާދާއި ޢިޝާނަމާދު ކުރުމަކީ މުނާފިޤުންނަށް ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ. އަދި ފަތިސްނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމުގެ ޘަވާބު މީސްތަކުންނަށް އެނގޭނަމަ، ހަތަރެސްފައި މައްޗަށް ފިރުކޭ ހާލުގައި ނަމަވެސް އެ ދެ ނަމާދަށް މީސްތަކުން އަންނާނޭ ވާހަކައެވެ. މާތް ނަބިއްޔާ އަންގަވާފައިވަނީ ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މާތްކަލާނގެ ޙިމާޔަތުގެ ދަށަށް ވަދެއްޖެ ކަމުގައެވެ. އަދިވެސް އަންގަވާފައިވެއެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތް ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗަކަށް ވުރެ ހެޔޮކަން ބޮޑެވެ. ވީއިރު ފަތިސް ނަމާދުގެ ފަރުޟު ދެ ރަކުޢަތުގެ ދަރުމަޔާއި ޘަވާބުގެ ގިނަގުނަކަން ތަސައްވަރުކޮށްލާށެވެ.

މުޅި ރޭގަނޑުގައި އަޅުކަން ކުރި ކަމުގެ ޘަވާބު ހަމަ ނިކަން ފަސޭހައިން ހޯދެން އޮއްވާ އަދި އެ ޘަވާބު ހަތްދިހަ ގުނައަށް އިތުރުކޮށްދެއްވާނޭ މި މާތް މައްސަރުގައި، ދެއެއް ތިނެއް ޖަހަންދެން ހޭލައިތިބެފައި، ފަތިސްނަމާދާ މެދު ފަރުވާލެއް ނުބަހައްޓާ ނިދާ މީހާއާއި ހާރުކާން ހޭލާފައިމެ އެންމެ ބައިގަޑިއިރަށް މަޑުކޮށް ނުލާ ނިދާ މީހަކީ ހާދަހާވާ ފިނޑި މާތްރަސްކަލާނގެއާއި އޮންނަންޖެހޭ ގުޅުން ހާދަހާވާ ކުޑަ މީހެކެވެ. މުނާފިޤުކަމުގެ ސިއްކަޖެހިދާނޭތީ ބިރެއް ނެތި، ކަލާނގެ ޙިމާޔަތަށް އެދުމެއް ނެތި އުޅޭކަމާމެދު  އަޖައިބު ހީވެއެވެ.

އަމިއްލަ ނަފުސާއި މެދުގައި ތިޔަހާ އިހާނާތްތެރި ނުވާށެވެ. މި ދުނިޔޭގެ ކުރު ޙަޔާތް ދާދި އަވަހަށް ނިމި ހިނގައިދާނެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ތިމާ ހެއްދެވި މަޤުސަދާއި މި ދުނިޔެއަކީ ތާއަބަދަށް އުޅެން އޮތް ތަން ނޫން ކަމާއި، މާދަމާ ޤިޔާމަތުގައި ކަލާނގެ ޙަޟްރަތުގައި ހުއްޓި ހުންނާންޖެހޭ މައުޤިފު ހަދާނަށް ގެނަސް އުޅެވޭ ގޮތާމެދު ނިކަން ކުޑަކޮށް ނަމަވެސް ވިސްނާލަބަލާށެވެ. ޝަބުނަމުގެ ތިކިތަކުން ލިބޭ ފިނިކަމާއެކު ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ހީވާގިވާށެވެ. ލޮލުގެ އަރާމާއި ހިތުގެ ޝިފާވަނީ، މި ދުނިޔެއާއި އެދުނިޔޭގެ ކާމިޔާބު އެކުވެފައިވަނީ ފަތިސްހަނދުވަރުގައި ކަލާނގެ ރުއްސެވުމަށް އަދާކޮށްލެވޭ ލުއި ޙަރަކާތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355