twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފިކުރުގެ އަރާރުން

Apr 1, 2012

.

ތަރުޖަމާ: ނަބީލް

ބައެއް ކަންކަމަކީ އެކަންކަމުގައި މެދުމިން ޚިޔާރުކުރުން، ހަމައެކަނި ޚިޔާލީ ވަހުމެއްގެ ގޮތުގައި ހުންނަ ކަންކަމެވެ. މިސާލަކަށް އީމާންކަމާއި އިލްޙާދު (ކަލަކުވޮޑިގެންވާ ކަމަށް ގަބޫލުނުކުރުމާ) ދެމެދު އެއް ދުރުމިނެއް ވާހެން ހުއްޓިހުރުމީ ކުރެވޭނެ ކަމެއް ނޫނެވެ. ބައި މުއުމިނަކަށް، ބައި މުލްޙިދަކަށް ވެގެން ހުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެއްފަހަރާ އެއް ވަގުތެއްގައި ދޮގުވެރިއަކަށާއި ތެދުވެރިއަކަށް ނުވެވޭނެއެވެ. ތަޤްވާވެރި ނުލަފާ މީހަކަށް ވެސް އެއްވަގުތަކު ނުވެވޭނެއެވެ. މިއީ މަރާއި ދިރުމާއި ދިމާ ނުވާހެން ދިމާ ނުވާނޭ ކަންކަމެވެ.

މިކަހަލަ ކަންކަމުގައި އަޅިކުލައެއް ނޯވެއެވެ. އެއްގޮތަކީ ހުދު އިޚްތިޔާރުކޮށްފައި ކަޅާއި ދެކޮޅު ހެދުމެވެ. ނުވަތަ ކަޅު އިޚްތިޔާރުކޮށްފައި ހުދާއި ދެކޮޅު ހެދުމެވެ.

މިމިސާލުގެ ދެ އެއްޗެއް އެއްފަހަރާ ޖަމާކޮށް އެއްތަންކުރަން އުޅުމީ ސޭކުކަމެވެ. އޭގެ މިސާލަކީ ގުނަކޮށްގެން ނެރެން ބޭނުންވާ ނަތީޖާ ހޯދުމަށް ގެއްލުމުގެ މިސާލެވެ. ނުވަތަ ނަރަކައިގެ އަހުލުވެރިންގެ ޢަމަލުކޮށްފައި ސުވަރުގެ ބޭނުންވާ މީހާގެ މިސާލެވެ.

އިދިކޮޅު ދެމަބްދައަކަށް (އުސޫލަކަށް) އެއްފަހަރާ ނިސްބަތްވެގަނެގެން ދިގު މުއްދަތަކަށް ހުރުމަކީ ހަގީގަތުގައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެހެން އެކަންވެއްޖެ ނަމަ ތިބާއީ ނަފުސަށް މަކަރުވެރިވެގެން ހުރި މީހެކެވެ. އެއިން ކޮންމެވެސް އެއް އުސޫލެއްގައި ނަފުސަށް އޮޅުވާލައިގެން ހުންނަ މީހެކެވެ. ސަބަބަކީ އެފަދަ ދެކަމެއް ޖަމާކުރުމަކީ ހަގީގަތެއް ނޫނެވެ. އޭގެ ވެސް އެންމެ ނުބައި ގޮތަކީ އެ ދެ އުސޫލުގައިމެ ނަފުސަށް އޮޅުވާލައިގެން ހުރުމެވެ.

އާއެކެވެ. މިފަދަ ކަންކަމުގައި ދެމަގުން ކުރެ މަގެއް އިޚްތިޔާރު ނުކޮށް ހުރުން، އޭގެ ތެރެއިން ނުބައި މަގު އިޚްތިޔާރުކުރުމަށް ވުރެ ވެސް ނުބައިކަން ބޮޑުވެގެންވެއެވެ. މުނާފިޤުންނަށް ނަރަކައިގެ އެންމެ އަޑި ޚާއްސަވަނީ އެހެންވެގެންނެވެ.

ބައެއް ފަހަރަށް އަސާސީ އަރާރުންތަކެއް ނުވަތަ ކޯޅުންތަކެއް ފިކުރުގައި ނުހުރެ ހިނގައިދެއެވެ. ނަމަވެސް ޤަބޫލުކުރާ މަބްދައުތައް، އުސޫލުތައް ތަރުތީބުކުރުމުގައި އޮޅުން އަރާ ގޮތްވެއެވެ. އެހެންވުމުން ތަންފީޒުކުރުމުގައި ކަސިޔާރުވާގޮތްވެއެވެ. މިސާލެއްގެ ގޮތުން ދަންވަނަނީ ނަމަ އަހަރެމެން ކުރެ ކޮންމެ މީހަކީ ވެސް އެމީހަކަށް ނިސްބަތްވުންތަކެއް ވާ މީހެކެވެ. ދީނަށެވެ. ވަޠަނަށެވެ. ޢާއިލާއަށެވެ. އަމިއްލަ ނަފުސަށެވެ. މިހެން ގޮސް…..

ނަމަވެސް މީހާގެ ކިބައިގައި މި ނިސްބަތްވުންތައް ތަރުތީބުކުރުމެއް ނެތް ނަމަ ނުބައި ނިންމުންތަކަކަށް އޭނާ ހުންނާނީ ހުށައެޅިފައެވެ. އެހެން އެކަން ނުވެ ސީދާ މަގުންދާނީ އޭނާގެ ނިސްބަތްވުންތައް ރަނގަޅު މަގަކަށް ތަރުތީބުވެފައި ހުރެގެންނެވެ. މިސާލަކަށް އެންމެހާ ނިސްބަތްވުންތަކެއް ގެ ކުރިއަށް ދީން އިސްކޮށް އެހެން ހުރިހާ އެއްޗެއްގެ މައްޗަށް ބާރު ފޯރުވަނީ ދީންކަމުގައި ކަނޑައެޅުމެވެ.

މީހާއަށް އޭނާގެ އުސޫލުތައް ތަރުތީބުކުރުމުގައި ކާމިޔާބުވެ، ފުށުއެރުންތަކުން ސަލާމަތް ވެވިއްޖެ ނަމަ، ފިކުރީ ގޮތުންނާއި ނަފުސާނީ ގޮތުން އެއްގޮތްކަން ކަނޑައެޅުމުގައި އޭނާއަށް އެއެޅުނީ ވަރަށް މުހިންމު ފިޔަވަޅެކެވެ. ލާމެހި ގުޅިފައިވާ ފިކުރީ ބިނާއަކާއި މަބްދައުތަކެއްގެ ތަޅާފޮޅުމާއި ދެމެދުގައި ހާސް ހާސް ފަރަޤު ވެއެވެ. ފުރަތަމައަށް ބުނި ވައްތަރުގެ ފިކުރު ވަރުގަދަވާނެއެވެ. އެ މައްޗަށް އޭގެ ވެރި މީހާއަށް ބިނާވެ ބަރޯސާވެވިދާނެއެވެ. ދެވަނައަށް ބުނިވައްތަރު ބަލިކަށިވާނެއެވެ. އޭގެ މައްޗަށް ބިނާއެއް ނެގުމަކީ އޮޅުމުގެ މައްޗަށް އިތުރު އޮޅުންތައް އެރުވުމެވެ.

ތިމާގެ ނަފުސީ އަރާމާއި ތަނަވަސްކަން ހާސިލުވާނީ މަބްދައުތައް ހަމަޖެއްސިފައި، ގަބޫލުކުރާ އުސޫލުތައް އެކަތި އަނެކެއްޗާއި ދިމާވީ މިންވަރަކުންނެވެ. ތިމާގެ އަސާސީ ފިކުރުތައް އެއް ފިކުރު އަނެއް ފިކުރަށް ބާރުދޭހެން އެމުނި އެކުލެވުނު މިންވަރަކުންނެވެ. އެޔާއި މުޑިއަރާނެ އެހެނިހެން އަސާސްތަކާއި ދުރުހެލިވެ، އިދިކޮޅު ދެ އުސޫލެއްގެ މުޑިއެރުމުން ތިމާގެ ބުއްދި ސަލާމަތްކުރެވިގެންނެވެ. އެހެން އެކަން ނުވެއްޖެ ނަމަ ތިމާގެ ޢަމަލުތައް ދޭހަކޮށްދެމުން ދާނީ ތިމާ އުފުލާ ނުވަތަ އުފުލުމަށް ލޯބިކުރާ އަގުކުރުންތަކެއް ނޫނެވެ.

މިއީ އަލްބަޔާން މަޖައްލާގެ ދުއިސައްތަ އައްޑިހަ ދެވަނަ ޢަދަދުން ނަގާފައިވާ މަޒުމޫނެއްގެ އަވަސް ތަރުޖަމާއެވެ. ފިކުރުކުރުމާއި ދެކޭގޮތް ތަފާތުވުމާއި މިފަދަ މައުޟޫތަކުގައި އަޅުގަނޑަށް ލިޔެވިފައިހުރި ލިޔުންތައް ކިޔަމުން އަންނަ މީހަކަށް މުހިންމު މައުލޫމާތުތަކެއް ހިމެނިފައިވާ ލިޔުމެއް ކަމުގައި ދެކެމެވެ.-

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355