.
ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމުމުން އެކަމަށް މަރުހަބާ ކިޔާކަމަށް ކުޅުުދުއްފުށީގެ ކްލަބް ޖަމިއްޔާތަކުން ބުނެފިއެވެ.
ކުޅުދުއްފުށީގެ އެންމެ ގިނަ ދުވަސްވީ ކުލަބްކަމަށްވާ މަގުލަސް ކްލަބުން ބުނީ ކައުންސިލުގެ އެނިންމުމަށް މަރުހަބާ ކިޔާކަމަށާއި އެއީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން އެކަމާބެހޭ އެއްވެސް މަޝްވަރާއެއް އެކުލަބާއެކު ކޮށްފައި ނުވިނަމަވެސް ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެހީތެރިކަން އެކްލަބްގެ ފަރާތުން ލިބޭނެކަމަށް ވެސް މަގުލަސް ކްލަބްގެ ނައިބު ރައީސް އަހުމަދު މޫސާ ވިދާޅުވި އެވެ. އަދި އަތޮޅު ފެންވަރުގައި އާއި ޒޯންތަކުގެ ފެންވަރުގައި ކުޅުދުއްފުށިން ވާދަކުރަން ބޭނުންނަމަ އެފަދަ މުބާރާތެއް ވަރަށް މުހިއްމު ކަން އަހުމަދު މޫސާ ފާހަގަ ކުރެއްވިއެވެ.
ކުޅުދުއްފުށީގެ “ހިރަފުސް” ދަނޑަށް ނިސްބަތްވާ ގިނަ ފުޓުބޯޅަ ކުޅުން ތެރިންތަކެއް ހިމެނޭ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް އިން ބުނީ ކައުންސިލުން ބާއްވާ މުބާރާތުގައި އެކުލަބުންވެސް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ މުބާރާތެއް ބާއްވަން ކައުންސިލުން ނިންމި ނިންނުމަށް މަރުހަބާ ކިޔާކަމަށް ވެސް ސްކައި ޖަމިއްޔާގެ ނައިބު ރައީސް އަދި މިވަގުތު އެޖަމިއްޔާ ހިންގުމުގެ މަސްއޫލިއްޔަތު އުފުލަމުން އަންނަ އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އިންޓަރ އޮފީސް ފުޓްސަލް މުބާރާތެއް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖްގެ ރައީސް މުހައްމަދު އާސިފް ވެސް ބުނެފައި ވަނީ އެފަދަ މުބާރާތެއް ކުޅުދުއްފުއްޓަށް ވަރަށް މުހިއްމު ވެފައިވާ ކަމަށެވެ. އަދި ކައުންސިލުގެ އެނިންމުމަށް ޒިގްޒެގުންވެސް މަރުހަބާ ކިޔާކަމަށެވެ. އަދި ކައުންސިލުން ބާއްވާ މުބާރާތަށް ޒިގްޒެގުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށްވެސް އާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކުޅުދުއްފުށީގެ އެކި ހިސާބު ތަކުގައި ހަރަކާތްތެރިވާ ރަޖިސްޓްރ ނުކުރާ ކްލަބްތަކުން ވެސް ވަނީ، އެފަދަ މުބާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފެހި ސިގްނަލް ދީފައެވެ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައި ވަނީ މިމަހުގެ ކުރީ ކޮޅު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައެވެ.