twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރެހުން ނުބައިވުން

Aug 2, 2012

.

ނަބީލް

ހުދު ގަނޑެއްގައި ކުލަފިއްސަކުން ނިކަން ރީތި ފިނިފެން މަލެއް ކުރަހަން މަސައްކަތްކުރީމެވެ. ފިނިފެންމާ ހުންނަ ގޮތް އަހަރެންގެ އެކުވެރިޔާއަށް ތަސްވީރުކޮށްދިނުމަށްޓަކައެވެ. ކުރަހާ ނިމިއްޖެއެވެ. ގަނޑުވަނީ ޚަރާބުވެފައެވެ. ކުރެހުނު އެއްޗަށް ބަލާލާފައި އެކުވެރިޔާ ބުންޏެވެ. ފިނިފެންމަލަކީ ހާދަހާ ހުތުރު ގޮތަކަށް ހުންނަ ބިރުވެރި އެއްޗެއްތާއެވެ. އަހަރެން ބުނީމެވެ. ތިހެން ބުނުމުގެ ޙައްޤު އެބައޮތެވެ. ފިނިފެންމަލެއް ދުވަހަކު ނުފެންނަ މީހަކަށް އޭތި ތަސައްވަރުކުރެވޭނީ އަހަރެން ދަންނަ މީހާ ކުރަހައިދިން ތަސްވީރު ބުނެދިން ގޮތަށްތާއެވެ. އެހެންވީމާ ޙަޤީޤަތުގައި ކުށްވެރިއަކީ އަހަރެންނެވެ. މައްސަލައަކީ އަހަރެންގެ ކުރެހުން ނުބައިވުމެވެ.

އަހަރެން ބުނީމެވެ. އަހަރެންނަށް މާފުކުރާށެވެ. ނޭގުނީތީއެވެ. ނުވަތަ ގަސްދުގައި އެހެން ހެދުނީތީއެވެ. ނުވަތަ ހިތުގައި އޮތް ޙަޤީޤީ ސޫރަ ތަސްވީރުކޮށްދިނުމަށް ނުކުޅަދާނަވީތީއެވެ. ނުވަތަ ނުކެރި ފަސްޖެހެވުނީތީއެވެ.

އަހަރެން ގަބޫލުކުރާ ގޮތުގައި މީހަކަށް އެއްޗެއް ބަޔާންކޮށްދޭނަމަ، އެއެއްޗެއް ތަސްވީރުކޮށްދިނުމުގެ ކުރިން ފުރަތަމަ ނިކަން ރަނގަޅަށް އެބަޔާންކޮށްދޭން ބޭނުންވާ އެއްޗެއްގެ ޖައުހަރާއި ގޮތްބާވަތް އަހަރެން ދަންނަންވާނެއެވެ. އެޔަށް ފަހު އޭތި އެހެން ބަޔަކަށް ތަސްވީރުކޮށްދޭނެ ގޮތްތަކާއި ފަންނާއި ހުނަރު، ތަސްވީރުކޮށްދިނުމުގެ ތަޖުރިބާ ނެތި އެކަމާއި އުޅެގެން ނުވާނެއެވެ. އެހެންނޫނީ ބަޔަކަށް ޙަޤީޤަތް އޮޅުވާލުން ނޫން ކަމެއް ނުކުރެވޭނެއެވެ.

އަހަރެން ވިސްނީމެވެ. މަސައްކަތްކުރީމެވެ. އެކުވެރިޔާއަށް އިސްލާމްދީނުގެ ތަސްވީރު ކުރަހައިދީ ކަލާނގެ ބާވާލެއްވި ދިރިއުޅުމުގެ ނިޒާމު މަންޒަރުކޮށްދެވޭތޯ ހިތްވަރުކުރީމެވެ.

ދީނުގެ ތަސްވީރުތޯއެވެ. ދީނުގެ ތަސްވީރުގައި ވަނީ ކުލަތައް ހަމަވެގެންނެވެ. ބުރުގެ ބޭރު ރޮނގުވަނީ ކަތިވުމެއް ނެތި ގޮސް އެއްކޮޅު އަނެއްކޮޅާއި ގުޅި ވަށަމިން އޮމާންވެގެންނެވެ. އެތެރޭގެ ކުދި ރޮނގުތައް ބުގިސްވެފައިހުރީ ހަރުދަނާ ގޮތެއްގައެވެ. ވަށަމިނުގެ ކައިރި ކުދި ރޮނގުތައް ރީތިކޮށްފައި ހުރީ އަސްލު ކުލަތަކުން ފޭދިފައިހުރި ފޮދުވަރުތަކުންނެވެ.

ނަމަވެސް އަހަރެންނަށް ކުރެހުނު ސޫރަ އޮތްގޮތަކީ ކޮބައި ކަމަށްހެއްޔެވެ؟ އަރިމަތީ ކައިރި ރޮނގުތައް ބަނބުކެޔޮ ގަހެއްގެ ބުޑު ގަނޑުހާ ފަލަކޮށްލެވުނީއެވެ. ފޭދިފައި ހުންނަ ކަމަށް މިބުނި ފަނޑު ކުލަތައް، ގަދަބާރުދައްކާ ފަވާލެވުނީއެވެ. މަންޒަރު ޚަރާބުކޮށްލެވުނީއެވެ. ރަހުމަތްތެރިޔާއަށް އެއްޗެއް ވަކިވާ ވަރެއް ނުތްވެވެ. އޭނާއަށް ބުނެވުނީ ހާދަކަޅޭ..! ހާދަ ބިރުވެރިޔޭ..! ވާނުވާއެއް ނޭގުނޭ..! މިހެންނެވެ.

މައްސަލައަކީ ރަޙުމަތްތެރިޔާ ހެއްޔެވެ؟ އަހަރެން ހެއްޔެވެ؟

މިކަންކަން އިސްލާހުކުރެވޭނީ އެ ރޮނގެއް ދަމަންވީ ގޮތަކަށް ދަމައިގެންނެވެ. ޖައްސަންވީ މުނާސަބު ކުލަޖައްސައިގެންނެވެ. އެކަން ކުރެވޭނީ ކަމުގެ ފަންނު ހުރި މީހުން މިކަމާއި އުޅެގެންނެވެ. ނުވަތަ އަހަރެންފަދަ ގަމާރުން ކުރަހަން ދަސްކޮށްގެންނެވެ. ކުދި އެއްޗެހި ކުދިކޮށް ކުރަހާފައި، ބޮޑެތި އެއްޗެހި ބޮޑުކޮށް ކުރަހައިގެން ނޫނީ ކުރެހުން ރަނގަޅު ނުވާނެ ކަން ގަބޫލުކުރެވިގެންނެވެ. ފަލަކޮށް ހުންނަންވީ މައި ރޮނގުތައް ކަމާއި ގަދަކޮށް ހުންނަންވީ އެރޮނގުތަކުގެ ކުލަތައް ކަމަށް އިޢުތިރާފުވެވިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355