twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒަކާތާމެދު ފަރުވާތެރިވާށެވެ.

Aug 12, 2012

ޒަކާތަކީ، އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެއް ރުކުނެވެ. ނަމާދާއި ރޯދަ ފަރުޟު ކުރެއްވި ފަދައިން ޒަކާތަކީ ވެސް މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަދުގެ މުޖުތަމައަށް ނަޒަރު ހިންގާލާއިރު، ޒަކާތާއި މެދު ގިނަބަޔަކު ފަރުވާކުޑަކުރާކަން އެނގެއެވެ.

މުދަލަކީ، މާތް ﷲ އިސްނާނުންނަށް ދެއްވާފައިވާ އަމާނާތެކެވެ. ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އެކަލާނގެ މުދާ ދެއްވުމަށް ފަހު އެމުދަލުގެ ތެރެއިން ކުޑަ މިންވަރެއް ޒަކާތުގެ ގޮތުގައި ހޭދަ ކުރުމަށް ވަނީ އަންގަވާފައެވެ. މުދާ ދެއްވި ފަރާތުން އެމުދަލާމެދު އަމަލުކުރަންވީ ގޮތް އަންގަވާފައިވާއިރު، މުދާ ލިބުމުން ބޮޑާވެ ކިބުރުވެރިވުމަކީ ވަރަށް ނުބައި ސިފައެކެވެ.

އިޖްތިމާއީ ނަޒަރަކުން ބަލާއިރު ޒަކާތަކީ މުހިއްމު އަޅުކަމެކެވެ. އެހެން އަޅުކަންތަކާއި ހިލާފަށް ޒަކާތުގެ ސަބަބުން މުޖުތަމައަށް ތާޒާކަން ގެނެސްދެއެވެ. މުއްސަނދި މުދާވެރި މީހުން ފަގީރުންގެ މަތިން ހަނދާންކުރުމުގެ ނަތީޖާއަކީ ފަގީރުން މަދުވެ އެމީހުންވެސް މުޖުތަމައުގައި އެކަށީގެންވާ ގޮތެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމެވެ.

ނަމާދު، ރޯދަ އަދި ހައްޖުގެ އަޅުކަންތައް ކުރުމަށް ސަމާލުކަންދޭ ފަދައިން މުދާ ވެރިން ޒަކާތް ދެއްކުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ޒަކާތާއި ބެހޭ މައުލޫމާތު އިލްމުވެރިންގެ ކިބައިން ހޯދައި، ތިމާގެ މައްޗަށް އޮތް ހައްޤު އަދާ ކުރުމަށް އަވަސްވެ ގަންނާށެވެ. މުދަލުގެ ބަރަކާތް ކެނޑި އެމުދާ ދެއްވި ފަރާތުން ގެންދެވުމުގެ ކުރިން ހޭއަރާ ވިސްނާށެވެ. ބަރަކާތް ތެރި ރަމަޟާން މަސް ބައްދަލުވެ ހިނގަމުން މިދާ ދުވަސްތަކުގައި ފިތުރު ޒަކާތް ދެއްކުމަށް އަވަސްވެ ގަންނަމާ ހިނގާށެވެ. ރަމަޟާން މަހުގެ ރޯދަ ﷲގެ ހަޟުރަތުގައި ގަބޫލުކުރުވަނިވި އަޅުކަމަކަށް ހެދުމަށްޓަކައިވެސް ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަން ދެއްވުމަކީ މުހިއްމު ކަމަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355