twitterviber whatsapp telegramfacebookyoutube instagram
12th December 2024

ވާހަކަ – މޮޔަ ހިތް މަގޭ (17)

Aug 14, 2012

.

މަރިޔަމް ޔަސްމާ

އޯގަސްޓް 07 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ގަމީހުގެ ދެފަރާތުގައި ހިފާ ރީތިކޮށްލާފައި އާޒިމް ނިކުމެގެން ދަމުން ތުންފަތްކައިރިއަށް ފޭދިފައިވާ ލޭކޮޅު ބޮޑުވައިއިނގިލިން ފުހެލިއެވެ. ދެފަރާތުގައި އެއްވެފައިވާ މީސްތަކުންވެސް އަވަސްއަވަހަށް ފަހަތަށްޖެހިފައި އޭނާ ދާން މަގުދެއްކިއެވެ. އާރިއާއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ނިކުމެގެން ދިޔައިރު އާޒިމްގެ ލޮލުން ފެނުނު ކުލަވަރު އެއީ އިންޒާރެއްކަމުގައި އޭނާގެ ހިތް ބުންޏެވެ. އެންމެ ކަންބޮޑުވީ ރާކިންއާއިމެދު ވިސްނާލެވުމުންނެވެ. އައިސްފައި ހުރި ރުޅީގައި އޭނާ ކޮށްފަނުކުރާނީ ކޮންކަމެއްކަން ހިޔާލަށް ގެންނަންވެސް ދައްޗެވެ. މަންޒަރުބަލަންތިބި މީހުން ގޮސް ހުސްވިފަހުން އާރިއާ އައިސް ގޮނޑީގައި ހަމަޖެހިލިއެވެ. ދެއަތްދެއަތާއި ގުޅުވާލައިގެން އިނދެ އޭނާ އިންތިޒާރުކުރިއެވެ. އެހެނަސް އޮފީސް ބަންދުކުރާ ވަގުތު ޖެހުނުއިރުވެސް ރާކިންގެ ޚަބަރެއްނުވިއެވެ.

ފައިވާން ހަރުގަނޑުގައި ފައިވާން ބަހައްޓާފައި އާރިއާ އެތެރެއަށް ވަންނަންވެގެން ދިޔައިރު ޔޫންގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. އެއަޑުއަހާފައި އާރިއާގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވެއްޖެއެވެ. އަޑު އަންނަނީ ޔޫންގެ ކޮޓަރިންކަން އެނގިގެން އޭނާ ސިޓިންރޫމް ހުރަސްކޮށްފައި ދުވެގޮސް އެކޮޓަރީގެ ދޮރުހުޅުވާލަން ބަލާލިއިރު ދޮރުހުރީ ނުލައްޕައެވެ. އެވަގުތު ދުލުން ބޭރުވާން އުޅުނު ޖުމްލަ އެހިސާބުން ހުއްޓުނީއެވެ. ޔޫންގެ އެނދުގައި ހުސްގަޔާ އޮށޯވެލައިގެން ޓެބްލެޓުން ގޭމްކުޅެން އޮތް ރާކިން ފެނިފައި އާރިއާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދުވަސްތަކެއްފަހުން ރާކިން އެސިފައިގައި ފެނުމުން ކުރީގެ ހަނދާންތަކެއް އާވިއެވެ. ހޭވައްޓާލާފައި ގޭމްކުޅެން ތިބި ބައްޕައާއި ދަރިފުޅަށް އާރިއާ އެތެރެއަށް ވަތްކަން އެނގުނީ ވާހަކަ ދެއްކި އަޑަށެވެ. ޔޫން އަވަސްއަވަހަށް ތެދުވެފައި އެދެމީހުންގެ ކައިރީގައި އިށީނުމަށް އެދެންފެށިއެވެ. އާރިއާއަށް ބަލާލެވުނީ އަނެއްކާވެސް ރާކިންއަށެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ރާކިން ހުރީ ހަމަޖެހިފައެވެ. އެމޫނުން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އާރިއާއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ދަރިފުޅުގެ އެދުމުގައި ކޮޅުފައިނުޖަހަންވެގެން އޭނާ އިށީނެވެ.

“ޑެޑީ. މީ ޔޫންގެ ފަހަރު.” ޔޫން ކުއްލިއަކަށް ޓެބްލެޓް ދަމައިގަތެވެ. ރާކިން ހިނިތުންވެފައި އެތުއްތު މޫނަށް ބަލާލިއެވެ. ދެމީހުންގެ މެދުގައި ރަނގަޅަށް ހަމަޖެހިލައިގެން އެކުއްޖާ އަމިއްލަ ޝައުޤުގައި ކުރިއަށް ދިޔައެވެ. ސްކްރީނުން ނަޒަރު ވަކިކޮށްލަމުން އާރިއާ ސިއްރުން ރާކިންއަށް ބަލާލިއެވެ. އެވަގުތު އޭނާ ސިހުނެވެ. ރާކިން އޮތީ ކުރިއްސުރެ ބަލަހައްޓައިގެންނެވެ.

 “އައިމް ސޮރީ.” ސީލިންގާއި ދިމާއަށް މޫނު އުފުލާލުމާއެކު ކަންފަތަށް އިވުނު އަޑު އާރިއާއަށް ޤަބޫލެއްނުކުރެވުނެވެ. ބިރެއް ފެނިގެން އުޅުނު މީހެއްހެން ދެލޯބޮޑުކޮށްލާފައި އާރިއާ އަނެއްކާ ރާކިންއަށް ބަލާލިއެވެ.

“އައި މީން އިޓް.” ރާކިން އިތުރުކޮށްލިއެވެ.

“ކީއްވެ؟” އާރިއާގެ އަޑުނިކުތީ ވަރަށް އުދަނގުލުންނެވެ.

“އެގޮތަށް އެންމެންގެތެރޭގައި އާޒިމްގެ ގަޔަށް އަތްލައިގެން ސީންއެއް ކްރިއޭޓްކުރެވުނީމަ. އަހަރެންނަށް އެނގޭ އެކަމުން އާރިއާގެ ނަންވެސް ބަދުނާމުވާނެކަން. މީހުން ވާހަކަ ދައްކާނެ އެކި ގޮތްގޮތަށް. ގަޔަށް އަތްނުލައިވެސް މައްސަލަ ހައްލުކުރެވޭނެ.” ރާކިން އެހުރިހާ ވާހަކައެއް ދެއްކިއިރު އާރިއާއަށް އޮވެވުނީ އަޑު އަހާށެވެ. އޭނާ ވަނީ ހައިރާންވެފައެވެ. ރާކިންއަކީ ދުވަހަކުވެސް އަމިއްލަ ކުށް ޤަބޫލުކުރަން ބޭނުންވާ މީހެއް ނޫނެވެ. އޭނާގެ ނަޒަރުގައި އޭނާގެ އެއްވެސް ނިންމުމެއް ގޯހެއްނުވާނެއެވެ. ގޮތްދޫކުރުމަކީ އަމުދުން ނުވާނެކަމެކެވެ. އެހުރިހާކަމެއް އެގޮތަށް ހުއްޓާ މިއަދު ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ އާރިއާއަކަށް ނުވިސްނުނެވެ. ކުޑައިރުކޮޅެއްފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ.

“ނޭނގެ ކިހިނެތްކަމެއް ނަންބަރު ހޯދީ. ފުރަތަމަ ދުވަހު ހުޅުމާލެއިން މީޓްވީފަހުން އޭނާ މަށަށް ގުޅާ. އާޒިމްއަށް އިނގޭ އަހަރެން ޑިވޯސްޑްކަމާއި ކިޑެއް ހުންނަކަންވެސް. ދައްކާވާހަކައިން އެނގުނު ވަރަށް މައުލޫމާތު ހޯދާފަހުރިކަން. އަނެއްކާ އެހާ ފްލާޓީ. އަހަރެން އަޅައެއްނުލަން. ދެން ހަމަ ހުރެފަ މިއަދު ކުއްލިއަކަށް ބުނަނީ ރަތްޓެހިވާށޭ.”

“ދެން އާރިއާ ބުނީ ނޫނެކޭ ދޯ.” ރާކިން ކުއްލިއަކަށް ވާހަކަ މެދުކަނޑާލިއެވެ.

“އޮބްވިއަސްލީ.” އާރިއާ އަވަސްއަވަހަށް ބުނެލިއެވެ. އިތުރު ވާހަކައެއް ދެއްކުމުގެ ކުރީން ދެމީހުން ބަލަހައްޓައިގެން އޮތެވެ.

“އަހަރެން އަދި ތައްޔާރެއްނޫން އިތުރު ގުޅުމަކާއި ދިމާއަށް ދާކަށް.” ނުސީދާ ބަހުން އޭނާ ރާކިންއަށް މެސެޖެއްދިން ކަހަލައެވެ. ޔޫން ގޮވާލުމާއެކު ރާކިން އެކުއްޖާ އާއި ކައިރިވެލުމުން އާރިއާ ތެދުވެގެން އޭނާގެ ކޮޓަރިއަށް ވަންނަން ދާންފެށިއެވެ.

އޮންސްކްރީން ފިލްމެއްގެ ސްލޯ މޯޝަން މަންޒަރެއްހެން ކުދިފިޔަވަޅުތަކެއްގައި އާރިއާ ގޮސް ކޮޓަރިއަށް ވަނެވެ. އެނދާއި އަރާ ހަމަވުމާއެކު އޭނާ ފާޑަކަށް ޖެހިގަތީއެވެ. ދުރުބަލަހައްޓައިގެން އިންއިރު ސިކުނޑީގައި އެތަކެއް ހިޔާލު އެނބުރެމުން ދިޔައެވެ. ރާކިންގެ އެންމެ ޖުމްލައެއްގެ ސަބަބުން އޭނާ މިއޮތްހާދުވަހު ހިފަހައްޓައިގެން އެއުޅޭ ވާހަކަތައް ދުލަށް ގެންނަން ހިތް އެދެންފެށިއެވެ. ހަޤީޤަތް ހާމަކުރުމުގެ ވަގުތު އަތުވެއްޖެކަމުގައި ޤަބޫލުކުރެވުނެވެ. ދުރުގަވިޔަކަސް ދެހިތުގެ އިހްސާސްތަކަށް ބަދަލެއް ނާންނަކަން ހޭދަވެދާ ކޮންމެދުވަހަކުމެ އެދަނީ ސާބިތުވަމުންނެވެ. ކަންމިހެން އޮތްއިރު އެގުޅުމަށް އޮތް ހަމައެކަނި ހުރަސް ނައްތާނުލާންވީ ސަބަބެއް ނެތެވެ. އާރިއާއަށް ޔަޤީނެވެ. ރާކިން އޭނާގެ ވާހަކަތައް ޤަބޫލުކުރާނެއެވެ. “އެކަމަކު ޒާނަ….” ޒާނަގެ ނަން ހިތަށްއައުމާއެކު އާރިއާގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލިކަހަލައެވެ. އިދިކޮޅު ހިޔާލުތަކުން ވިސްނުމުގެ ދާއިރާ ބަދަލުވާން އުޅޭފަދަ އިޝާރާތްތައް ފެންނަން ފެށުމުން އޭނާ ގުޅީ އާދަމް އަށެވެ.

ފޯނުން ވާހަކަދައްކާ ނިމުނުއިރު ސިކުނޑިއަށް ލުއިކަން ލިބިއްޖެއެވެ. ފެންވަރައި ތާޒާވެލައިގެން ނިކުމެ ތެތް އިސްގަނޑު ހިއްކަމުން ރާކިން ހޯދަންވެގެން އާރިއާ ދިޔައެވެ. ވަރުގަދަ އަޒުމަކާއިއެކު އެހިތުގައިވާ ހުރިހާ ވާހަކައެއް ދުލާއިހަމައަށް ގެންނަން ގަސްތުކޮށްގެން ހުރެއެވެ. އެކަމަކު ވަގުތާއި ތަޤްދީރު ތަންނުދީފިނަމަ ކިތަންމެ ވަރުގަދަ އަޒުމެއްވެސް ފުރިހަމަވުން އޮންނާނީ ދުރުގައެވެ. ޔޫންގެ ފަރާތުން ރާކިން ބޭރަށް ނިކުތްކަން އެނގިގެން އާރިއާ އަނެއްކާ އަނބުރާލާފައި ކޮޓަރިއަށް ވަނެވެ.

މައިދައިތަ އައިފަހުން ރާކިން އުޅެނީ ކުރިއަށްވުރެ ބޮޑަށް ވިސްނައިގެންނެވެ. ހަނީފާއަށް ކުޑަވެސް ޝައްކެއްވާކަށް އޭނާ ނޭދެއެވެ. ގެއަށް ގޮސް ވަންއިރު ދެމައިން އުޅެނީ ބަދިގޭގައި ކާއެއްޗެއް ތައްޔާރުކުރާށެވެ. ކުޑަ ހިނިތުންވުމަކާއިއެކު ރާކިން ގޮސް ދޮރުކަނީގައި އަތްވިއްދާލައިގެން ހުއްޓިލިއެވެ.

“ދަރިފުޅާ ރާކިން. ތިއައީދޯ؟ ދޭ އަވަހަށް ތާޒާވެލައިގެން އަންނަން. ޒާނައާއި ދެމީހުންވެގެން މިއުޅެނީ ވަރަށް މީރުއެއްޗެއް ތައްޔާރުކޮށްލަންވެގެން.” ހަނީފާ ހިނިއައިސްފައި ރާކިންއަށް ބަލާލިއެވެ. ޒާނަ ހުރީ ފުރަގަސްދީގެންނެވެ. ބަސްއަހާ ކުޑަކުއްޖެއްފަދައިން ރާކިން ދާންވެގެން އެނބުރިލިއެވެ. އޭނާ އެނބުރި އައިއިރު ކާމޭޒުމަތި އޮތީ ތައްޔާރުކޮށްފައެވެ. ރޫބީ ތަށިމައްޗަށް ބަހައްޓާފައި ތިންމީހުން ކާންއެރިއެވެ. ގޭގެ ބެލްޖަހާއަޑު އިވިގެން ޒާނަގެ ސަމާލުކަމަށް އެކަމަށް ހުއްޓުނެވެ. އެގަޑީގައި ގެއަށް އަންނާނީ މިސްކުކަން ހަނދާންވެފައި ވަގުތުން އޭނާގެ މޫޑު ބަދަލުވެއްޖެއެވެ. ކެއުމުގެ ޝައުޤުވެރިކަމެއް ނެތްތާނގައި ޖޫސްފޮދެއްހާ ހިސާބުވެސް އަރުން އެތެރެކުރުންވީ ބޮޑު ވޭނެއްފަދަ ކަމަކަށެވެ. ޒާނައަށް މިއައި ބަދަލު ހަނީފާ ފާހަގަކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މާލެ އައިއްސުރެވެސް އޭނާ ދެކެމުން އައީ ބަދަލުވެފައިވާ ޒާނައެކެވެ. ކެއުންބުއިމާއި މުޅިން ދުރެވެ. ހީ ސަކަރާތްޖެހުމުގައި މުޅިދުވަސް ދުއްވާލަން އާދަވެފައިވާ އަންހެންކުއްޖާ ހިނިތުންވެ އުޅޭތަން ފެންނަނީ މަދުފަހަރަކުއެވެ. ތަފާތު ހިޔާލުތަކުން ހަނީފާގެ ސިކުނޑިއަށް އުދަނގޫކުރަމުން ދިޔައިރުވެސް އޭނާ ސުވާލެއް ނުކުރެއެވެ. ހަނީފާ ބޭނުންވީ އަމިއްލަ ލޮލުން ދެނެގަންނާށެވެ.

“ޒާނަ ކީއްވެތަ މިހާރު ކެއުމާއި އެހާދުރީ؟” ހަނީފާއަށް ނީނދެވިގެން އަހާލިއެވެ. އެއަޑަށް ރާކިންގެ ނަޒަރު ޒާނައަށް ދަތުރުކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒާނައަށް ބަލާލެވުނީ ދޮރުން ވަދެގެން އަންނަނީ ކާކުތޯއެވެ. އެވަގުތު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ޒާނައަށް ވީގޮތް ފެނިފައި ރާކިން އާއި ހަނީފާވެސް އެނބުރި ދޮރާއި ދިމާއަށް ބަލާލިއެވެ. މިސްކުގެ ފަހަތުގައި ހުރެގެން ކައިރިއަށް އެއަންނަނީ އާތިފާއެވެ.

“ދަމައިގަތް ކަނޑީގެ މިޔަމައްޗަށް ދޯ މިއާދެވުނީ. އެކަމަކު އަހަރެން މިއައީ ބޭރުން ކައިގެން.” މިސްކު ހުއްޓިފައި އެކިމީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އާތިފާ އާއި ހަތަރުކަޅި ހަމަވިވަގުތު ޒާނަ ގަދަކަމުން ހިނިތުންވެލާފައި ކާން ދައުވަތުދިނެވެ.

“ނޫނޭ. އަހަރެންވެސް މިއައީ މިސްކުއާއިއެކު ކައިގެން. އެސައިމެންޓްހަދަން މިސްކު ހެލްޕްވެދޭނަމޭ ބުނީމަ މިއައީ. ޒާނަ ނިންމައިފިންތަ؟ ކައިގެން އާދޭ އަހަރުމެންނާއި ބައިވެރިވާން.” އާތިފާ ޖަވާބުގައި ވާހަކަ ދެއްކިއެވެ. ޒާނަ އިތުރު އެއްޗެއް ނުބުނެއެވެ. އެމީހުން ނިކުމެގެން ދިއުމާއެކު އަނެއްކާވެސް އިށީންދެފައި ތަށީގެ ތެރޭގައި އޮތް ސަމުސަލާއި ކުޅެންފެށިއެވެ.

ކާކޮޓަރިން ނިކުތީއްސުރެ ޒާނައަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާއަށް ވިސްނެނީ  މިސްކުއާއި މެދުގައެވެ. ލައްޕާފައިވާ އެކޮޓަރީގެ ދޮރުން އެތެރޭގައި އޭނާގެ މިސްކު އާއިއެކު ހިލޭ އަންހެންކުއްޖަކު ވާކަން ހިތަށްއަރާފައި މުޅިމީހާ އުދާސްވަމުން ދިޔައެވެ. މަންމައަށް ދެއްކެންވެގެން ރާކިންގެ ފަހަތުން ކޮޓަރިއަށް އައިސް ބެލްކަނީގައި ހިނގާލަހިނގާލަ ހުންނަތާ މިހާރު އިރުގަނޑެއްވެއްޖެއެވެ. އޭރު ރާކިން އޮތީ އެނދުގައި އޮށޯވެ ލޯމަރާލައިގެން ނެވެ.

ބައިގަޑިއިރު ވީއިރުވެސް އާތިފާ ނުނިކުތުމުން ޒާނަ ގޮތެއް ނިންމައިފިއެވެ. ކިޔަވާއެއްޗެހި ބަހައްޓާފައި ހުންނަ ކޮޓަރިއަށްވަދެ އެސައިމެންޓަށް ބޭނުންވާ އެއްޗެހި ހަމަކޮށްލައިގެން ދާން ނިކުންއިރު މީގެ ދެދުވަސްކުރީން އޭނާ ނިންމާފައިވާ އެސައިމެންޓްގެ ކަރުދާސްތައް އޮތީ ކޮޓަރީގައި ހުރި ޑަސްބިންތެރޭގައެވެ.

މިސްކުގެ ކޮޓަރި ދޮރުމައްޗަށް އަރާފައި ޒާނަ ޓަކިޖަހާލިއެވެ. ދޮރުހުޅުވާލި ވަގުތު ޒާނަ އާއި މިސްކު ހަތަރުކަޅި ހަމަވިއެވެ.

“ހޭއި ޒާނަ އައީތަ؟ އާދޭ އަވަހަށް.” ލިޔާމޭޒު ދޮށުގައި އިން އާތިފާއަށް ފެނިގެން ގޮވާލިއެވެ. މިސްކު އެކައްޗެއްވެސް ނުބުނެ އަނެއްފަރާތަށް އެނބުރިފައި ހިނގައިގަތުމާއެކު ފަހަތުން ޒާނަވެސް ވަދެގެން ދިޔައެވެ. މޭޒުމަތީގައި ފޮތްތަކާއި ގަލަންތައް ބަހައްޓާފައި ޒާނަ ބަލައިލީ އަނެއްކާވެސް މިސްކުއަށެވެ. މިސްކު އާތިފާ އާއި ކައިރިވެލާފައި މޭޒާއި ދިމާއަށް ގުދުވެގެން ވާހަކަދައްކަން ފެށި މަންޒަރު އެއީ މާޒީގެ ހަނދާނެއް އާކޮށްދިން ކަމަކަށްވިއެވެ. ޒާނަގެ ހިތަށް ތަދުވިއެވެ. އެހެން އަންހެންކުއްޖަކާއި އެހާ ކައިރީގައި މިސްކު ހުރުމުން ބުނެދޭންދަތި އަސަރުތަކެއް ކުރިއެވެ. ހިމޭންކަމާއިއެކު ޖެހިގެން ހުރި ގޮނޑީގައި އިށީންދެފައި އޭނާ މަތީ އޮތް ފޮތް ހުޅުވާލައިގެން އެއަށް ސަމާލުކަން ހުއްޓާލެވޭތޯ މަސައްކަތްކުރިއެވެ. ވަގުތު ކުރިއަށް ދިޔަވަރަކަށް މަސައްކަތްވެސް ނިމުމާއި ގާތްވަމުން ދިޔައެވެ. އެކަމަކު ގިނަފަހަރު ޒާނަ އިންނަނީ މިސްކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ކިތަންމެ ފަހަރަކު އިސްއުފުލާލާ ވަގުތު މިސްކުއަށް އެތަން ފެނިގެން އަނެއްފަރާތަށް މޫނު އަނބުރާލައެވެ.

“އާތި އެކަނިދާނެކަމެއް ނެތް. ހިނގާ އަހަރެން ގެންގޮސް ދޭނަން. މިހާރު އިރުއޮއްސުނީއެއްނު.” އާތިފާ ދަބަސްހިފައިގެން ދާން ތެދުވުމާއެކު މިސްކު ބުނެލިއެވެ. އާތިފާ ބޯޖަހާލިތަން ދެކެފައި އޭނާ ދާންވެގެން ތެދުވިއެވެ. ތިންމީހުން އެކުއެކީގައި ކޮޓަރީގެ ދޮރާއި ހަމައަށް ގޮއްސައި އަނެއްކާވެސް ވާހަކަދެއްކީ މިސްކުއެވެ.

“އާތި ނުބުނަންތަ އަހަރެމެންގެ ނިއުރިލޭޝަންގެ ވާހަކައެއް. ޒާނައެއީ ފްރެންޑެއްނު.” މިސްކު ކުއްލިއަކަށް ހުއްޓުނެވެ.

“ތިބުނީ؟” އާތިފާ ލޮލަށް ގޮތެއް ހަދާލިއެވެ. ޒާނަ ހުރީ ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަބަލާލާ ދެންބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

“އަހަރެން ބުނެފާނަމޭ. ޒާނަ! މީ އެން އާތި، ވީއާރ ޑޭޓިން.” މިސްކު އިއްވާލިއެވެ. ޒާނަގެ މޫނު ދިޔައީ ހުދުވެގެންނެވެ. ޤަބޫލުނުކުރެވިގެން އޭނާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ.

“ތިބުނީ.. ތިބުނީ މިސްކު ދެކެނީ އެގޮތަށޭތަ؟” ޚުދު އާތިފާވެސް ހުރީ ޤަބޫލު ނުކުރެވިފައެވެ.

“އޯހ ބޭބީ. އަދިވެސް ހާދަ ޅައޭދޯ. ގަޑިއެއް ވޭތުނުވޭ އަހަރުމެން ފޯނުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ. އެވަރުން ނުވެގެން އެތަކެއްފަހަރު އެބަ މީޓްކުރަން. މިއެއްނޫންތަ ޑޭޓްކުރުމަކީ؟” މިސްކު ހީގެންފައި އާތިފާގެ ކޮލުގައި ހިފާލިއެވެ. އާތިފާ ހުރީ ހިނިތުންވެފައެވެ. އަދި މިސްކު އަތްތިރިކޮށްލުމާއެކު އަމިއްލައަށް ކޮލުގައި ފިރުމާލިއެވެ.

“ދެން މިއަށްވުރެ ބޮޑަށް ފާޅުކުރަންވެއްޖެއްޔާ ވަރުގަދަ ޕްރޮޕޯސަލްއެއް ތައްޔާރުކުރަން ޖެހޭނީ. އެންމެރަނގަޅު އާތިބުނަނީ ކީކޭ؟ އަހަރެންނާއި ރަށްޓެހިވެގެން އުޅެމުން އަނެއްކާ ރަތްޓެހިވާނަންތަ؟” މިސްކު ތިރިވެފައި ތިރީގައި ކުޑަކަކޫ ޖަހާލަމުން އާތިފާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

އުފަލުން ފޮޅިފައި ހުރި އާތިފާ ލުއި ހީލުމަކާއިއެކު މޫނުގައި ދެއަތްއަޅާލަމުން ބޯޖަހާލިއެވެ. އާތިފާގެ އެއަދާއިން މިސްކުގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ކޮޅަށް ތެދުވެފައި އޭނާ އުޅުނީ އާތިފާގެ ދެކޮނޑުގައި ހިފާ މޭގައި ޖައްސާލަންވެގެންނެވެ. އެތަނުގައި ޒާނަ ހުރިކަން މިސްކު ހަނދާންވީވެސް އެވަގުތު ކަހަލައެވެ. ޒާނަ ފެނިގެން ހިޔާލުބަދަލުވެގެންދިޔަ ފަދަ ގޮތަކަށް މިސްކު އާތިފާގެ ދެކޮނޑުން ދޫކޮށްލިއެވެ. މޫނުން ދެއަތްނެގިގޮތަށް އާތިފާ އަނެއްކާވެސް ހީގެންފައި އެންމެންނަށްވުރެ ކުރިން ކޮޓަރިން ނިކުމެގެން ބާރުބާރަށް ހިނގައިގެންފައި ގެއިން ނިކުންނަން ދާންފެށިއެވެ. ފަހަތުގައި ހުރި މިސްކުވެސް އޭނާގެ ފަހަތުން އަޅުވާލިއެވެ. އެކަމަކު ޒާނަ ހުރީ އަދިވެސް ހުއްޓިފައެވެ.

އިންތިޒާރުގެ ވަގުތު ދިގުލަމުން ދިޔަވަރަކަށް އާރިއާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ޔޫންއަށް ކާންދީފައި އެކުއްޖާ ނިންދަވަންވެގެން ކޮޓަރިއަށް ވަދެ އޮތްއިރުވެސް އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބަލާލެވެއެވެ. ދެންމެ ދެންމެ ހީވަނީ ރާކިން އެދޮރުހުޅުވާލާފައި ވަދެދާނެހެންނެވެ. ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ.  އޭނާއަށް ނިދުނީވެސް އެހެން އޮތްވައެވެ.

މިސްކު އެނބުރި އައިސް ގެއަށް ވަންއިރު ބާރަޖަހަން އުޅެއެވެ. މީހެއްގެ ހިލަމެއްނުވާތާގައި މުޅިގެއަށްވެސް ވެރިވެފައިވަނީ ފަނޑުއަލިކަމެވެ. ސިޓިންރޫމްގައި އިން ރޫބީއަށް އޭނާ ވަންތަން ފެނިގެން ތެދުވެގެން ގޮސް ދޮރުތަޅުލާފައި ކޮޓަރިއަށް ހިނގައްޖެއެވެ. ކުރެވުނު ކަންތަކާއިމެދު ވިސްނާލެވުމުން މިސްކުއަށް އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. ޒާނަ ދެރަކުރަންވެގެން އޭނާ އަންހެންކުއްޖެއްގެ ދިރިއުޅުމާއި ކުޅެލީއެވެ.

ނުނިމޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355