.
ނަބީލް
ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރާ ކަމަށް ބުނުމަށް ފަހު، މުސްތަޤުބަލާ މެދުގައި ހިތް ނުތަނަވަސް ވެ ކަންބޮޑުވުން ފާޅު ކުރާއިރުގައެވެ.
ﷲ ގެ ރަޙުމަތްފުޅާ މެދު ފުރިހަމަށް އިތުބާރުކުރާ ކަމަށް ބުނުމަށް ފަހު، ނާކާމިޔާބުގައި ނާއުންމީދު ވާއިރުގައެވެ.
ﷲ ތަޢާލާ ކަންކަން ހިންގަވާނީ އެންމެ ޙިކުމަތްވަންތަ ކަމާއި އެކުގައި ކަމަށް ބުނުމަށްފަހު، އެކަލާނގެ މިންވަރުފުޅުން ކަނޑައަޅުއްވައިފި ކަމަކާއި މެދު ނުރުހުންތެރިވެވޭ އިރުގައެވެ. އަހަރެމެންނަކީ ހަމަ ތެދުވެރީންހެއްޔެވެ؟
ﷲ ތަޢާލާއީ ޢަދަލުވެރި ރަސްކަލާނގެ ކަމުގައި ބުނުމަށްފަހު، އަނިޔާވެރިންނަށް ނުބައި ނިމުމެއް ވާ ކަމާމެދު ޝައްކުކުރާ އިރުގައެވެ.
އާޚިރަތް ދުވަހަށް އީމާންވަމޭ ބުނުމަށްފަހު، އެދުވަހަށް ތައްޔާރު ވުމެއް ނެތި ޙަޔާތުގެ ދުވަސްތައް ހިތުހުރި ގޮތަކަށް ތަޅާ ބުރުއްސާއިރުގައެވެ. އަހަރެމެންނަކީ ހަމަ ތެދުވެރީންހެއްޔެވެ؟
ޤުރްއާނަކީ އަހަރެމެންގެ ދުސްތޫރޭ ބުނެފައި، ހެދި ކޮންމެ ޤާނޫނެއް އެ ޤުރުއާނާއި އިދިކޮޅަށް ހަދަމުން ކުރި ކޮންމެ ޢަމަލެއް އެ ޤުރުއާނާއި ޚިލާފުކުރާއިރުގައެވެ.
ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމްއަށް ލޯބިކުރަމޭ ކިޔަކިޔާފައި އެކަލޭގެފާނުގެ ސުންނަތެއްގެ ވާހަކަ ހަމަ ބުނާއިރަށް މޫނު ކުނިކޮށް ހެދޭއިރުގައެވެ. އަހަރެމެންނަކީ ހަމަ ތެދުވެރީންހެއްޔެވެ؟
ޝައިޠާނާއަކީ އަހަރެމެންގެ ޢަދާވާތްތެރިއެކޭ ބުނަމުން އޭނާ ރުހޭހާ ކޮންމެ ކަމެއް ކުރަމުން، އޭނާ ނުރުހޭނެހާ އެންމެހާ ކަމަކުން ދުރުހެލިވެގެން މިތިބޭ އިރުގައެވެ.
މިވެނި މީހަކީ އެވެނިހެން އުޅޭ މީހެކޭ މަހާދަހާ ފޫއްސެއް އަރަޔޭ، ބުނެފައި ހަމަ އެބުނި ސިފަ ތިމާގެ ކިބައިގައި ހުންނަ އިރު އެ ސިފަ ތިމާގެ ކިބައިން ފިލުވާލުމަށް މަސައްކަތް ނުކުރާއިރުގައެވެ. އަހަރެމެންނަކީ ހަމަ ތެދުވެރީންހެއްޔެވެ؟
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންނަށް ފާފަފުއްސަވާށޭ، އަޅަމެން އެދެނީ އިބަރަސްކަލާނގެ ފުއްސެވުމަށޭ ކިޔަކިޔާފައިމެ، ހަމަ އަބަދު އެއް ފާފަތަކެއް ތަކުރާރުކުރާ ނަމަ އަހަރެމެންނަކީ ހަމަ ތެދުވެރީންހެއްޔެވެ؟