.
މަރިޔަމް ޔަސްމާ
ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ދެވަނަ ފަހަރަށް ކައިރިއަށް ދާން އުޅުމުން އާރިއާ އަތް އުފުލާލާފައި އެކަން މަނާކުރިއެވެ.
“ލުކް. އައިމް ސޮރީ އާރިއާ. އަހަރެންނަކަށް ނޭނގެ މާފަށް އެދޭނެ ގޮތެއްވެސް. ކަމުގެ ދެކޮޅުނުބަލައި ފުރަތަމަވެސް ވަރިއާއި ދިމާއަށް ދެވުނުކަން އެއީ އަހަރެންގެ ކުށް. ތެދުތެދަށް ބުނަންޏާ ޓްރަސްޓް ކުރިން އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް. އެކަމަކު މަދު ވަގުތުކޮޅެއްގެ ރުޅި ސިކުނޑީގެ މިސްރާބު އޮޅުވާލީ. ވެދިޔަ ހުރިހާ ކަމަކަށްފަހު މިއަދު ކުއްލިއަކަށް އައިސް މިހުރިހާ އެއްޗެއްކިއުން އިންސާފަކަށްވެސް ނުވާނެ. އެކަމަކު އަހަރެން ބޭނުން އާރިއާއަށް މިކަން އެނގެން. އަހަރެންނަށް ކުރެވުނީ ކުށެއްކަން ޤަބޫލުކުރެވިއްޖެ. ވިސްނާނުލާ އެދުވަހު އަހަރެން ބުނި ހުރިހާ ވާހަކައެއް އަނބުރާ ގެނެވޭނެނަމަ އެކަންވެސް ކުރާނަން. ހަމަތެދެއް މިބުނީ އެދުވަހު އަހަރެން ދެކުނު މަންޒަރުތަކާއި ބެހޭގޮތުން އާރިއާގެ ފަރާތުން އެއްވެސް ކަހަލަ އެކްސްޕްލެނޭޝަންއެއް ބޭނުމެއް ނޫން. އަހަރެންނަށް އެނގޭ އާރިއާ ދުވަހަކުވެސް އަހަރެންނަށް ބޭވަފާތެރިނުވާނެކަން.” ރާކިންގެ ދުލުން ބޭރުކޮށްލި ކޮންމެ ޖުމްލައެއްގައި ވަނީ ތެދުކަން ސާބިތުކޮށް ދިނުމަށްޓަކައި އޭނާގެ ލޮލުގައިވި ކަރުނަތައް ހެއްކަކަށް ފުދެއެވެ. އެކަމަކު އާރިއާ އެވާހަކަތައް ޤަބޫލުކުރާކަށް ތައްޔާރެއް ނޫނެވެ. ޤަބޫލު ކުރެވޭނީވެސް ކިހިނެތް ހެއްޔެވެ؟ ރާކިން ކުރި ހަމައެކަނި ކުށަކީ އޭނާއާއިމެދު އިތުބާރު ކަނޑާލުމަށްފަހު ވަރިކޮށްލުމެއް ނޫނެވެ. އެއަށްފަހު ދެވަނަ ކައިވެންޏެއްވެސް ކުރީއެވެ.
“ކުއްލިއަކަށް މިއަދުތަ އެނގުނީ ތިކަން؟ އަހަރެން އަނެއްކާވެސް ރާކިންގެ ދަރިއަކަށް ބަލިވެއިންކަން އެނގުނީމަތަ؟” އާރިއާއަށް ރޮވެން ފެށުމުން އަނގަމަތީގައި އަތްއަޅައިގެން އިސްޖަހާލިއެވެ.
“ނޫން. މިއަދަކު ނޫން. މިވާހަކަތައް ބުނަން ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއްވެއްޖެ.” ރާކިންއަށް ނުހުރެވިގެން ގޮސް އާރިއާގެ ކޮނޑުގައި ހިފަހައްޓާލިތަނާ އާރިއާ އަވަސްއަވަހަށް ފޮޅުވިގެންފައި ދުރަށް ގޮސް އެދެމެދަށް އެނދު ހުރަސްވާގޮތަށް އަނެއްފަރާތުގައި ހުއްޓުނެވެ.
“ރާކިންއަށްޓަކައި އަހަރެންގެ މުޅިދުނިޔެ ދޫކޮށްލިން. މަންމައާއި ބައްޕަގެ އެދުމުގައި ކޮޅުފައިން ޖެހިން. އެކަމަކު ބަދަލުގައި ކޯއްޗެއް ލިބުނީ؟ ވަރިކޮށްލާފަ އެވަރުން ނުފުދިގެން ގޮސް އެހެން ކައިވެންޏެއްވެސް ކުރީ. ދެން ހަމަ ކުއްލިއަކަށް އައިސް މާފުކުރާށޭ ބުނީމަ ވެދިޔަ ހުރިހާ ކަމެއް ނިމުނީތަ؟ ކިހާފަސޭހަ ތިހެން ބުނެލަން. އިނގޭތަ؟ ދެވަނަ ދަރިއަކަށް ބަލިވެއިންކަން އެނގުނު ވަގުތު އަހަރެން އުފަލެއްނުވި. އަހަރެންނަށް ހީވީ ބަނޑުގައި އުފެދި ބޮޑުވަމުންދިޔަ ދަރިފުޅަކީ އަހަރެންނަށް ކުރެވުނު ފާފައެއްގެ ނިޝާނެއް ކަމަށް. އެއީ ރާކިން އަހަރެންގެ ސިކުނޑިއަށް އެވިސްނުން ވެއްދީތީ. އަހަރެން މޮޔަނުވީ ކިރިޔާ. ދެން މިހާރު ތިބުނަނީ ކީއްވެހޭ ނޭންގީ؟ އެދުވަހު އަހަރެން ގަތީ ބިރު. އަހަރެންނަށް ކޮންއިތުބާރެއް އޮތީ ރާކިން އަހަރެންގެ ދަރިފުޅާއިމެދު ޝައްކު ނުކުރާނެ ކަމާއިމެދު. ދެން ޤަބޫލެއް ނުކުރެވޭނެ ރާކިން ދައްކާ އެއްވެސް ވާހަކައެއް. ލޯބި އެކަނިވުމަކުން ނުފުދޭނެ. އިތުބާރުވެސް ކުރަންޖެހޭނެ. އެކަމަކު އަހަރެންނަކަށް ނުކެރޭނެ ދެން ރާކިންއަށް އިތުބާރު ކުރާކަށް. އަހަރެންނަކަށް ނުކެރޭނެ އަލުން މިދިރިއުޅުން ރާކިންއާއި ހަވާލުކުރާކަށް. ނުކެރޭނެ….ނުކެރޭނެ….” އާރިއާއަށް ވާހަކަނުދެއްކިގެން ހުއްޓާލިއެވެ. އަދި ރާކިންއަށް އެއްވެސް ފުރުސަތެއްނުދީ ހިނގައިގެންފައި ގޮސް ފާޚާނާއަށް ވަދެ ދޮރުބަންދުކޮށްލުމާއެކު ދެން އިވެންފެށީ އޭނާގެ ރުއިމުގެ އަޑެވެ.
އެނބުރި ދާންވެގެން ރާކިން ފާޚާނާގެ ދޮރާއި ކައިރިވެލިއެވެ.
“އާރިއާ. އަހަރެންނަށް ބުނެވޭނީ އަނެއްކާވެސް މާފުކުރާށޭ. ވެދިޔަތަން އަލުން އަނބުރާ ހޯދުމަށްޓަކައި ކިތަންމެ ދިގު އިންތިޒާރެއް ކުރަންވެސް މިހުރީ ތައްޔާރަށް. ޓޭކް ޔުއަރ ޓައިމް. އުންމީދުކުރަން ކޮންމެވެސް ދުވަހަކުން އަހަރެން ބޭނުންވާފަދަ ޖަވާބެއް އާރިއާގެ ފަރާތުން ލިބިގެންދާނެކަމަށް. އެން އޯލްވޭސް ރިމެމްބަރ! އަހަރެންގެ ދެދަރިންނާއި އާރިއާއަށްޓަކައި އަހަރެންގެ ގޭގެ ދޮރުހުންނާނީ އަބަދުވެސް ހުޅުވިފައި.” ދޮރުފަތުގައި އަތްޖައްސާލާފައި ރާކިން އާރިއާއަށް އިވޭވަރަށް ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރުހުޅުވާލާފައި ނިކުމެގެން ހިނގައިގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ޒާނަ ކާންވެގެން އައިއިރު އެތާގައި ރާކިން ނެތުމުން ރޫބީއާއި ސުވާލުކުރިއެވެ. ރާކިން އެދިގެން ދާދި ދެންމެއަކު އެކޮޓަރިއަށް ކާއެއްޗެހި ގެންދިޔަ ވާހަކަ ބުނުމުން ޒާނަގެ ހިތުގައި ސުވާލު އުފެދުނެވެ. ރާކިންއަށް ކަމެއްވީ ބާވައެވެ؟ ޒާނަގެ ކެއުންވެސް ރާކިންގެ ކޮޓަރިއަށް ގެންދަން ބުނެފައި އޭނާ ހިނގައިގަތެވެ. ދޮރުހުޅުވާލިއިރު ރާކިން ފެންނާކަށް ނެތެވެ. ޒާނަ ގޮސް އެނދުގައި އިށީންދެލައިގެން އިންދާ ރާކިން ނިކުތީ ފާޚާނާއިންނެވެ.
“ހޭ…!” ޒާނަ ހިނިތުންވެލިއެވެ. ޒާނަ ކަމަކުތަ؟” ރާކިން ތުވާލިން ބޯހިއްކަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ.
“ކަމަކު ނޫނީ އައިސްގެން ނުވާނެތަ؟” ޒާނަ އަނގައަށް ގޮތެއް ހަދާލިތަން ލޯގަނޑުން ފެނުނެވެ. އެވަގުތު ރާކިން ހީގެންފައި އެނބުރި ބަލާލިއެވެ.
“އަހަރެންނަށް އޮޅިއްޖެ. އެއް ރަހުމަތްތެރިޔަކު އަނެއް ރަހުމަތްތެރިޔަކާ ބައްދަލުވަނީ ކަމެއްބޭނުންވީމައި ތަ؟” ޒާނަ ތެދުވެގެން ގޮސް ކާއެއްޗެހި އަތުރާފައިވާ މޭޒުކައިރިއަށް ހުއްޓުނެވެ. ތަށިތަކުގެ މަތި ނެގިއިރު އެކައްޗެއްވެސް ކައިފައެއް ނެތެވެ.
“ޒާނަ ހާދަ ގޯހޭދޯ. ތިހިރީ އަހަރެންނާއި ދޭތެރޭ ދެކޭގޮތް.” ރާކިން ހިނިއައިސްފައި ހުރެ އަލަމާރި ކައިރިއަށް ޖެހިލާފައި ޓީޝާޓެއް ނަގައިގެން ބޮލަށް މަހާލިއެވެ.
“ދެން ތިވާހަކަ ހުއްޓާލާ. އަހަރެން މިއައީ ރާކިން ކާންނުދިޔައީމަ ވީގޮތެއް ބަލަން. ރޫބީ ކައިރީ ބުނެފިން މަށަށްވެސް ކާއެއްޗެހި ގެނެސްދޭށޭ. އެނގެއެއްނު އެކަނި ކާން އަހަރެން ފޫހިވާވަރު.” ޒާނަގެ ވާހަކަ އެހިސާބަށް ދިޔަތަނާ ރޫބީ ދޮރުހުޅުވާލާފައި ވަދެއްޖެއެވެ. ރޫބީ ގޮސް ކައިރިއަށް ހުއްޓުމާއެކު އޭނާގެ އަތުން ތަބައް އަތުލާފައި ޒާނަ ތަށިތައް މޭޒުމަތީ އަތުރާލިއެވެ. ރޫބީ ނިކުމެގެން ދިޔަފަހުން ރާކިންވެސް ގޮސް ޒާނަގެ ކުރިމަތީގައި މޭޒުގެ އަނެއްފަރާތުގައި ކާން އިށީންދެއްޖެއެވެ.
“އަހަރެން ވާހަކައެއް ދައްކަން ބޭނުންވެފައި މިއިންނަނީ. އެކަމަކު ހިތަށް އަރަނީ ރާކިންގެ ޕާސަނަލް ލައިފްގެ ތެރެއަށް ވަދެވެނީއޭ. ހުއްދަދިނިއްޔާ ވަރަށް ރަނގަޅު.” ކެއުމުގެ ތެރެއިން ޒާނަ ރާކިންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ދައްކަން އެއުޅޭ ވާހަކައިގެ ކުޑަބޮޑުމިން ނޭނގޭތީވެ ރާކިން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
“އޯކޭ ރާކިން ހުއްދަ ނުދިނަސް އަހަރެންގެ އަނގަ މައިތިރިއެއް ނުކުރެވޭނެ. ރާކިންއަށް އެނގޭތަ އާރިއާ ބަނޑުބޮޑުކަން؟” ޒާނަ އަވަސްއަވަހަށް ސުވާލުކޮށްލިއެވެ. އެއަޑުއަހާފައި ރާކިން ކެއުން ހުއްޓާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ރާކިން ހިތްހަމަނުޖެހުނުހެން ހީވެގެން ޒާނަ ޖެހިލުންވިއެވެ.
“އައިމް ސޮރީ. ޒާނަ ކަރުއެލުވާލިއެވެ. އަހަރެންނަށްވެސް އެނގުނީ މިއަދު.” ކުޑައިރުކޮޅެއްފަހުން ޖަވާބު އައެވެ.
“ތިބުނީ އެދަރިފުޅަކީ ރާކިންގެ ދަރިއެއް ނޫނޭތަ؟” ޒާނަ ލޯބޮޑުކޮށްލާފައި ކުއްލިއަކަށް ބުނެލިއެވެ. އެއަޑު އަހާފައި ރާކިން ސިހުނުވަރުން ކޮށިއަރާގޮތްވިއެވެ. އެވަގުތު ޒާނަ އަވަސްއަވަހަށް ފެންތަށި ކައިރިކޮށްލަދިނެވެ. ރާކިން ފެންކޯވަރެއް ބޯލާފައި ދެފަހަރަކު ކެއްސާލުމަށްފަހު ހިމޭންވިއެވެ. ޒާނަ އިނީ ރާކިން ދޭނެ ޖަވާބެއް އަހާ ހިތުން ކެތްމަދުވެފައެވެ.
“އެއީ އަހަރެންގެ ދަރިއެއް.” ރާކިން އިނީ އިސްޖަހައިގެންނެވެ.
“އާރިއާ އަހަރެންނަށް ސިއްރުކުރީ. ވެދާނެ އޭނައަށްވެސް އެގުނީ ވަރީގެ ފަހުންކަމަށް. ޒާނައާއި މެރީކޮށްގެން އައިސް އޮފީހަށް ނިކުންނަ ފެށިފަހުން އެއްދުވަހަކު ދުށިން އޭނަ ވަރަށް ފާޑަކަށް އިންދާވެސް. އެދުވަހު އިރުއިރުކޮޅާ ފާޚާނާއަށް ވަދެވަދެފަ އުޅުނީ. ފަހަކަށްއައިސް މާ ދޫކޮށް ހެދުންއަޅާފަ ހުންނާތީ ބަނޑުން ނޭނގުނީ. ޔޫންއަށް ބަނޑުބޮޑުއިރުވެސް އޭނާގެ ބަނޑުން އެނގުނުއިރު ފައިވް ވެގެން ސިކްސް ވާންއުޅޭ. އަހަރެންނަށް ޔަޤީންވާއެއްޗަކީ ވަރިވިފަހުން ކުރިކަމެއްނަމަ އޭނާގެ ބަނޑަށް އަދި ހަތްމަހެއްނުވާނެކަން.” ރާކިން ޒާނައަށް ހުރިހާވާހަކައެއް ކިޔައިދޭން އުޅޭކަހަލައެވެ.
“ދެން އޭގެކުރިންނޯ؟ ރާކިންއަށް ކިހިނެތް އެނގެނީ އިނދެގެން ހުރެ އެހެންމީހަކާއި….” ރާކިން ފާޑަކަށް ބަލާލުމުން ޒާނަ ޖުމްލަ މެދުކަނޑާލާފައި އަނގައަށް ގޮތެއްހަދާލަމުން އިސްޖެހިއެވެ.
“ކަމްއޯން ޒާނަ. ޝިޒް ނޮޓް އަ ބިޗް.” ރާކިން ހިތްހަމަނުޖެހިގެން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“އައިމް ރިއަލީ ސޮރީ. ބައެއްފަހަރު އަހަރެންނަށް ބުނަން ނުވާކަހަލަ އެއްޗެހިވެސް ބުނެވޭ. އެއްގޮތަކުން ބަލަންޏާ އެގޮތަށް ހީނުކުރެވެންވީ ސަބަބެއްވެސް ނެތް ކަންނޭނގެ. އާރިއާއަކީ ތިބުނާކަހަލަ ވަފާތެރިއެއްނަމަ ރާކިން އޭނަ ވަރިކޮށްލީ ކީއްވެބާވައޭ ހިތަށްއަރަނީ؟ އެހެންވެގެން އަހަރެންނަށް އޭނައާއި ދޭތެރޭ ގޯސްކޮށް ދެކެވެނީ. އަހަރެންނަކަށް ނޭނގެ ތިދެމީހުން ދޭތެރޭ ކަންތައް ހިނގާފައިވާގޮތެއް.” ޒާނަ ކަންބޮޑުވެގެން ކެއުން ހުއްޓާލާފައި ތުންފަތް ހަފަންފެށިއެވެ. ރާކިން ޖަވާބުދޭން ބޭނުންނުވެފައި އިންދާ މޯބައިލް ރިންގްވާން ފެށިއަޑަށް އަވަސްއަވަހަށް ތެދުވެގެން ގޮސް ފޯން ނެގިއެވެ.
“ތޭންކްސް ލަތާ.” އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހާފައި ރާކިން ބުނެލިއަޑު އިވުނެވެ.
އާދުވަހެކެވެ. ހެނދުނު ޔޫން ސުކޫލަށް ލާފައި އައިސް އާރިއާ ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވާން ފެށިއެވެ. މުހިންމު ލިއުންތައް ހުރި ފައިލް ނަގައިގެން ކޮޓަރިން ނިކުންނަން ދަނިކޮށް ފޯން ރިންގްވިއެވެ. އެކުގައި ދާން އެއްބަސްވި ހުސްނާއަށް ކަމެއް ދިމާވެގެން ދެވެން ނެތްވާހަކަ ބުނުމުން އާރިއާ މާބޮޑުކަމަކަށް ނުހެދިއެވެ. ބޭރަށް ނިކުތުމާއެކު ކުރިމަތީގައި އޮތް ރާކިންގެ ކާރު ފެނިފައި އާރިއާއަށް އެހުރި ފިޔަވަޅު މައްޗަށް ހުއްޓެވުނެވެ.
“އަހަރެން ގެންގޮސްދެންތަ؟” ކާރުން ފައިބައިގެން ރާކިން އައިސް އާރިއާގެ ކުރިމައްޗަށް ހުއްޓުނެވެ.
“ކާކުބުނީ އަހަރެން ޑޮކްޓަރަށް ދައްކަން ދާންއުޅޭ ވާހަކަ.” އާރިއާ ރުޅިއައިސްގެން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“ތިސުވާލު ޖަވާބު ދިނުން އަހަރެންނަށް މުހިންމެއް ނޫން. އަހަރެންނަށް މުހިންމީ އާރިއާގެ ބަނޑުގައި ތި ވާ ދަރިފުޅު. ބޭނުމެއްނޫން އާރިއާ އެކަނި ހުރިހާ ބުރައެއް އުފުލާކަށް. އާރިއާ އަހަރެންނަށް ބޭނުންވާ ކޮންމެހިނދަކު އަހަރެން ހުންނަން ބޭނުމީ ކައިރީގައި. ރުޅިމަޑުކޮށްފަ ވިސްނާލަބަލަ. އާރިއާގެ މައްޗަށް މިވަރުގެ ހައްޤެއްވެސް އަހަރެންގެ ނެތީތަ؟ އަހަރެންވެސް ބޭނުންވާނެއެއްނު ބޭބީގެ ހުރިހާކަމެއް އެންމެގާތުން ދެކެން.” ރާކިންގެ އަޑުގައިވި އަސަރަކުން އާރިއާއަށް ދެކޮޅެއް ނުހެދުނެވެ. ދެކޮޅުވާނީވެސް ކިހިނެތް ހެއްޔެވެ؟ އަދިވެސް އެއީ އޭނާގެ ލޯބިވާ ރާކިންއެވެ.
ރާކިން ކަނޑައަޅާފައިވާ ގޮތަށް އާރިއާ ޑޮކްޓަރަށް ދައްކަން ދާ ކޮންމެ ފަހަރަކު އެންމެ ކައިރީގައިވަނީ އޭނާއެވެ. އޭގެ އިތުރުންވެސް ރޭގަނޑު އާރިއާއަށް ނުނިދިގެން އުޅޭ ކޮންމެ ވަގުތެއްގައިމެ ރާކިން ގުޅައެވެ. ގިނަފަހަރަށް އިއްތިފާޤުން އެގޮތަށް ދިމާވަނީއެއްކަމެއް ނޫނީ ދެހިތް ގުޅިފައިވާލެއް ބޮޑުކަމުން އެކަކު އަނެކަކުގެ ހިތުގެ ހާލު އެހާދުރުންވެސް އިހްސާސް ވަނީއެއްނޫންކަމެއް ނޭނގެއެވެ. ބައެއްފަހަރު އާރިއާ އަމިއްލައަށް އިސްނަގައިގެންވެސް ރާކިންއަށް ގުޅައެވެ. އެކަމަކު އެދެމެދުގައި ދެކެވޭނީ ހަމައެންމެ ވާހަކައެކެވެ. ދަރިންގެ ވާހަކައެވެ. އެގޮތުގައި އިތުރަށް ދެމަސް ހޭދަވެގެންގޮސް އާރިއާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. މިހާރު އެންމެންވެސް އިންތިޒާރު ކުރަމުން ދަނީ އޭނާ ވިހާނެ ދުވަހަކަށެވެ.
އެއްރެއެއްގެ ރޭގަނޑެވެ. ރޭގަނޑޭ ބުނުމަށްވުރެ އެއީ މެންދަމޭ ބުނިއްޔާ ރަނގަޅުވާނެއެވެ. ގަޑިން ބާރަ ނުޖަހައި ހުރީ ފަސްމިނިޓެވެ. ނުނިދިފައި އާރިއާ އޮތެވެ. ރާކިންގެ ޚަބަރެއް ނުވެގެން ގުޅާލިއިރު އޭނާގެ ފޯންވެސް އޮތީ ނިއްވާލައިފައެވެ. އުދަނގޫގޮތަކަށް އެނދުން ތެދުވެފައި އާރިއާ ފޯން ހިފައިގެން ދެކޮޅަށް ހިނގަންފެށިއެވެ. އިރުއިރުކޮޅާ ބަނޑުން ތޮޅެލުމުން އެއްއަތުން ފިރުމާލައެވެ.
ބެލްކަންޏަށް ހުޅުވެންހުންނަ ދޮރުގައި ކުއްލިއަކަށް މީހަކު ތަޅައިގަތެވެ. އާރިއާގެ މެއަށް ހީވީ ފިނިފެންއެއްޗެއް އޮއްސާލިހެންނެވެ. އެނބުރި ބަލާލުމާއެކު ތުނި ފޮތިގަނޑުގެ ފުރަގަހުން އަތްތިލައެއް ފެނުނެވެ.
“ކާކު؟” އާރިއާ ޖެހިލުންވެގެން ފަހަތަށް ޖެހިލިއެވެ.
“މީ މަށޭ. ރާކިން.” ބޭރުން އަޑުއައެވެ. އާރިއާއަށް މޭގައި އަތްއަޅާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އަވަސްއަވަހަށް ކައިރިއަށް ޖެހިލާފައި ދޮރުހުޅުވިއެވެ.
“ރާކިން ކިހިނެތް މިތަނަށް އެރީ؟” އާރިއާ ނިކުމެ ދެފަރާތް ހޯދާލާފައި ރާކިންއާއި ކުރިމަތިލިއެވެ.
“ޖެހިގެން އެހުރި ބެލްކަނިން މިތަނަށް އައީ.” ރާކިން ހަމަޖެހިލާފައި ޖަވާބުދިނެވެ. އޭނާގެ އެއް އަތް އޮތީ ފުރަގަހުގައެވެ.
“މޮޔަވީތަ؟ ރާކިންއަށް ކަމެއް ވީނަމަޔޯ.” އާރިއާއަށް ބޭއިޚްތިޔާރުގައި ރާކިންގެ ގިރުވާނުގައި ދެއަތުން ހިފާލެވުނެވެ. އެވަގުތު އެދެލޮލުން ފެނުނު ނުތަނަވަސްކަން ރާކިންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. މިއަދުވެސް އާރިއާ އޭނާއަށްޓަކައި އަޅާލާ މިންވަރު ދެކެފައި އެދެލޯ ފެންކަޅިވިއެވެ.
“ތިހާ ކަންބޮޑުނުވެބަލަ. އަހަރެންނަށް ކަމެއްނުވެއެއްނު.” އާރިއާގެ އަތް ނައްޓުވާލާފައި ރާކިން ކޮޓަރިއަށް ވަނެވެ. އެވަގުތު ފުރަގަހުގައި އޮތް އަތް އަނެއްކާވެސް ކުރިމައްޗަށް ގެންދިޔަކަން ފާހަގަވިއެވެ. ހީވާގޮތުން ރާކިންގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތީއެވެ.
“އެންމެ ރަނގަޅު ދެން އެވާހަކަ ހުއްޓާލާފަ ބުނެދީފާނަންތަ މިހާ ލަސްވީމަ އައި ބޭނުން. ރާކިންއަށް އެނގެއެއްނު ބައްޕަމެނަށް އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެވަރު.” އެތެރެއަށް ވަދެ ދޮރުލައްޕާލާފައި އާރިއާ ހަށަންބަނދެލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“ވަގުތުގެ ހާއްސަކަމުން ނައިސް ކެތްނުވީ.” ކުރިމައްޗަށް އައިސް ހުއްޓުނުއިރު ރާކިންގެ އަތުގައި ރަތްފިނިފެންމަލެއް އޮތެވެ.
“ހެޕީ ބާތް ޑޭ.” ރާކިން ލަސްލަހުން ބުނެލިއެވެ. އާރިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޚުދު އޭނާވެސް އެދުވަސް ހަނދާންނެތެވެ.
މަލުގައި ހިފަންވެގެން އުފުލާލިއަތް ތުރުތުރު އަޅާލުމާއެކު އާރިއާއަށް ހިފެހެއްޓުނީ ރާކިންގެ މުލައްދަނޑީގައެވެ. ދެތުންފަތް ފިއްތާލެވުމާއެކު އަނެއްއަތުން ބަނޑުގައި ހިފަހައްޓާލާފައި އޭނާ ހުރިތަނަށް ތިރިވާންފެށިއެވެ. ރާކިންއަށް ވަގުތުން ނަގައިގަނެވުނެވެ. އާރިއާގެ ބަނޑުގައި ރިއްސަން ފެށީއެވެ. މާ ދޫކޮށްލާފައި ރާކިން ކުއްލިއަކަށް އާރިއާ ހިފެހެއްޓިއެވެ. އެނދުގައި އާރިއާ ބައިންދަންވެގެން ދިޔައިރު ދެމީހުންގެ ފިޔަވަޅު ދަށުވެފައި ތިރީގައި އޮތް ފިނިފެންމާ ފިސްފިސްވެ ފުނޑުވިގެން ދިޔައެވެ.
ނުނިމޭ