.
ނަބީލް
އެކި ޢިލްމުވެރިން ގެންގުޅުއްވާ މަންހަޖު ތަފާތެވެ. އުސްލޫބާއި ބަސްމަގު ތަފާތެވެ. ޙަވާލާދެއްވާ ފޮތްތަކާއި ޢިލްމުވެރިން ތަފާތެވެ. އެބޭފުޅަކަށް ވަޑައިގެންނެވުނު ހިސާބަކާއި ފިކުރުފުޅުގައި ހުރި ވިސްނުމަކާއި ދެކެވަޑައިގެންނެވި މަންޒަރުތަކާއި ކުރެއްވުނު އެކި ތަޖުރިބާތަކާއި މި ހުރިހާ ކަމަކާއި އިސްވެ ބުނި ތަފާތުތައް ހުންނަނީ ގުޅިފައެވެ. އެޔަކީ ހުއްޓޭކަށް ނިންމޭކަށް އޮންނަ ކަންކަމެއް ނޫނެވެ.
އާއެކެވެ. އެކި ޢިލްމުވެރިން ތަފާތެވެ. ބައެއް ޢިލްމުވެރިން ދަލީލު ނެންގެވުމުގައި ދަލީލުގެ ދެލިގަނޑުގައި ހިއްޕަވާލެއް ގަދަފަދައެވެ. އަނެއްބައި ޢިލްމުވެރިން އެންމެ އިސްކަމެއް ދެއްވަނީ މައުޟޫގައި އައިސްފައި ހުރި ހުރިހާ ދަލީލެއް އަޅާބެއްލެވުމަށެވެ. އަނެއްބައި ޢިލްމުވެރިން މީގެ އިތުރަށް ހާލަތަށާއި ޒަމާނުގެ ތަފާތަށާއި ތަނުގެ ތަފާތަށް ވެސް ރިޢާޔަތްކުރައްވައެވެ.
ބައެއް ޢިލްމުވެރިންނަށް ބޮޑަށް ވަދެވަޑައިގެންނެވިފައި ހުންނަނީ ޙަދީޘް ޢިލްމުގެ ތެރެއަށެވެ. ވުމާއެކު ފިޤުހީ ބައި ނުވަތަ ޙަދީޘްގެ މަފްހޫމާއި މާނަ ދޭހަކޮށްގަތުމުގައި އިހުމާލެއް އުޅޭހެން ހީވާ ފަހަރު އާދެއެވެ. ނުވަތަ ކިޔެވި މާހައުލާއި ދިރިއުޅޭ މާހައުލުގެ ތަފާތުކަމާއި އެކު، ޤަބޫލުކުރެއްވޭ ގޮތާއި ދެ މާހައުލު އަޅާކިޔުން ހަދާން ނައްތާލެވޭ ފަހަރުވެސް އާދެއެވެ.
ބައެއް ޢިލްމުވެރިންނަށް ބޮޑަށް ވަދެވަޑައިގެންނެވިފައި ހުންނަނީ ފިޤުހުގެ ތެރެއަށެވެ. އުޞޫލުތަކެއްގެ އަލީގައި ޙަދީޘްތައް އަޅާ ބެއްލެވުމުގެ ތެރެއަށެވެ. މިފަދަ ޢިލްމުވެރިންނަށް ބައެއް ފަހަރަށް ޙަދީޘް ޢިލްމުގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް ވެސް އިހުމާލުކޮށްލެވެނީ ފިޤުހީ އުސޫލުތަކާއި ދިމާ ނުވާ ކަމުގައި ބެއްލެވޭތީއެވެ.
އަދި ބައެއް ޢިލްމުވެރިންނަކީ މިދެންނެވި ދެ މަންހަޖު އެއްކުރައްވައިގެން އޭގެ މެދު އުސޫލެއް ހިއްޕަވައިގެން އުޅުއްވާ ޢިލްމުވެރިންނެވެ.
ދިވެހިރާއްޖެއަށް ބެލިކަމުގައި ވިޔަސް ޞާޙާބީންގެ ޒަމާނުއްސުރެ މުސްލިމުން ކުރެ ޢިލްމު އުގެނިގެން ތިއްބެވި ޢާލިމުންގެ ތެރެއިން ފެނުނު ކަމެއް ނުފެންނާންވީ ކީއްވެގެން ހެއްޔެވެ؟ ވުމާއެކު ފެންނާނެއެވެ.
ޙަދީޘްތަކާއި އާޔަތްތަކުން މާނަ ނެންގެވުމުގައި ތަނަވަސް ބޭފުޅުންނާއި، ބޮޑަށް ރައްކާތެރި ގޮތް އިޚްތިޔާރު ކުރައްވާ ބޭފުޅުންނެވެ. މި ދެންނެވި ތަނަވަސް ގޮތަށް ބައެއް މީހުން މާބޮޑަށް ލުއިފަސޭހަކޮށް ކަންފަސޭހަ ކުރަނީ އޭ ވެސް ބުނެދާނެއެވެ. އަދި ހަމަ އެހެން ބޮޑަށް ރައްކާތެރިވުމުގެ ގޮތޭ މިދެންނެވި ބަހަށް އެއީ ހަރުކަށިވުމޭ، ދެލިގަނޑުގައި ހިފާ ދެމުމޭ ވެސް މީހަކު ބުނެފާނެއެވެ. ތިބާ ނިންމާނެ ގޮތެއް، ޤަބޫލުކުރާނެ ގޮތެއް އެނގޭނީ ހަމަ ތިބާއަށެވެ.
އަޅުގަނޑުމެންގެ އުސްތާޒު ޑރ އަފްރާޝީމް ޢަލީ އަކީ ފިޤުހު ޢިލްމުގައި އަރާހުންނެވި އެދުރެކެވެ. އުސޫލުލް ފިޤުހުގައި ފަހުގެ މިޒަމާނުގައި ރާއްޖެ ނުދެކޭ ފަދަ ޤާބިލު ބޭފުޅެކެވެ. މީގެ އިތުރަށް ލިބިވަޑައިގެންނެވި ޢިލްމު އެހެން މީހުންނަށް ފޯރުކޮށްދެއްވުމުގައި ނުހަނު ދީލަތި ބޭފުޅެއްމެއެވެ.
ޑރ އަފްރާޝީމް ގެންގުޅުއްވީ ދީން އުގަންނަވައި ދެއްވުމުގައި އަމިއްލަ އުސްލޫބެކެވެ. ޒަމާނީ ޢިބާރާތްތަކެކެވެ. އެއީ ފެށުމަކަށް ވުމާއެކު އެ ގޮތް ކަމުނުދާ މީހުންނާއި އެގޮތް ރާއްޖެއަށް އެކަށީގެން ނުވާ ކަމަށް ދެކޭ މީހުންވެސް އުޅުމަކީ އެކަން ވާނެ ގޮތެވެ. އާ ކޮންމެ ކަމަކާއި އާ ކޮންމެ ގޮތަކާ މެދު ބީރައްޓެހި ނަޒަރުން ދުށުމީ ހަމަ ގިނަ ބައެއްގެ ޠަބީޢަތެކެވެ. އެޔަކީ މައްސަލައެއް ނޫނެވެ. ޑރ އަފްރާޝީމް ޤަބޫލުފުޅު ކުރެއްވި ގޮތުގައި ޚިޔާލަކީ ތަފާތު އެއްޗެކެވެ. ހަމަ އެކަނި ކުރަން ޖެހޭ ކަމަކީ އެކެއްގެ ޚިޔާލަށް އަނެކަކު އިޙްތިރާމް ކުރުމެވެ.
ފިޤުހީ ވަރަށް މަދު މައްސަލައެއްގައި ދިވެހި މުޖުތަމަޢުގައި ތިއްބެވި ވަރަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންނާ ޑރ އަފްރާޝީމް ޚިލާފުވެވަޑައިގެންނެވިއެވެ. ނަމަވެސް އޭގެ ސަބަބުތަކާއި ގޮތްތައް ވިސްނައިފި މީހަކަށް އެނގޭނެއެވެ. ހަމަ އެހެންމެ އެ ޚިޔާލު ތަފާތުވުން ފަރުބަދައެއްހާ ބޮޑުވެގެން ދިޔަ ސަބަބުވެސް ފިކުރުހިންގައިފި މީހަކަށް އޮޅުން ފިލާކަށް ލަހެއްފަހެއް ނޯންނާނެއެވެ.
އަދި އެފަދައިން ޑރ އަފްރާޝީމް ތަފާތު ރައުޔުފުޅެއް ގެންގުޅުއްވި މައްސަލަތަކުގައި ހަމަ އެ ޚިޔާލުފުޅު ގެންގުޅުއްވާ އެޔަށް ތާއީދު ކުރައްވާ ދީން ކިޔަވައިގެން ތިއްބެވި އެތައްބޭފުޅުންނަކާއި ޚުދު އަޅުގަނޑާއި ދިމާވިއެވެ. ނަމަވެސް އޭގެ ގިނަ ބޭފުޅުން ތިއްބަވަނީ ފަރުދާގެ ފުރަގަހުގައި ފިއްލަވައިގެންނެވެ.
އަޅުގަނޑު ބެލި ބެލުމުގައި ޑރ އަފްރާޝީމް ތަފާތު ޚިޔާލުފުޅަކާއި ރައުޔުފުޅެއް ގެންގުޅުއްވީ ވަރަށް މަދު މައްސަލައެއްގައެވެ. ގިނަހެން ބައެއް މީހުންނަށް ހީވަނީ މުޖުތަމަޢުގައި މަޝްހޫރުކޮށްފައިވަނީ ދީނުގެ ކަންކަމުން ކުރެ މަދު ކަންތައްތަކެއް ކަމުގައިވާތީއެވެ.
ބައެއް މީހުން ޑރ ގެ އަޤީދާއާ މެދު ވެސް ޝައްކު ކުރާ ހިސާބަށް ކަންތައް ދުއްވާލިއިރުގައި، ޒަމާނުއްސުރެ ފެށުނީއްސުރެ އެމަނިކުފާނު ގަބޫލުފުޅުކުރައްވަމުން އައި ޢަޤީދާއަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާކަން ހާމަކުރައްވަމުން އައީ ހަމައެކަނި ޝަހީދުކޮށްލުމުގެ ކުރިން ދެއްވި ބަސްދީގަތުމުގައެއް ނޫނެވެ. އޭގެ މާކުރީއްސުރެ ވެސް މެއެވެ. އެކަމަކު މައްސަލައަކީ ބަޔަކު މީހުންނަށް ފެނުނު ވީޑިއޯ އަކީ ހަމަ އެކަނި އެ ވީޑިއޯ ކަމަށްވުމެވެ.
އެހެން ކަމަށްވުމާއެކު އެ ޕުރޮގުރާމުގައި ނުބައި މަފްހޫމެއް ލިބިފައި ވާ ނަމަ މާފަށް އެދޭ ކަމުގައި ވިދާޅުވި ވިދާޅުވުމުގެ މަފްހޫމުވެސް ބައެއް މީހުންނަށް ނެގިފައިވަނީ ރަނގަޅަށް ހެނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. ބައެއް މީހުންގެ ލިޔުންތަކުން ދޭހަވީ ގޮތުގައި ޑރ އަފްރާޝީމަކީ މުޅި ޢުމުރު ދުވަހު ވަކި ގޮތަކަށް ހުންނަވާފައި އެރޭ ތައުބާވެވަޑައިގެންނެވި ބޭފުޅެކެވެ. ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ މާފަށް އެދިވަޑައިގަތީ އެމަނިކުފާނުގެ ބަސްފުޅަކުން ނުބައި މަފްހޫމެއް ލިބިވަޑައިގެންފައި ވާނަމަ އެކަމަށެވެ. އެހެން ކަމަކަށް ނޫނެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި މާފަށް އެދެން ޖެހެނީ ދައްކާ ވާހަކައަކުން ވަކި ތަންކޮޅަކަށް އަމާޒުކޮށް، މުޅި ވާހަކައަށް ނުބަލާ، ތިމާއަށް ނޭނގޭ އެއްޗަކާއި ޙަވާލާ ދިނުމުން ، އެކަން އޮންނަނީ އެހެން ކަމެއް ވެސް ޔަޤީންކޮށްލުމެއް ނެތި ތިމާ ހިތުހުރި ގޮތަކަށް އަނެކާގެ ބަސް މާނަ ކުރި މީހާއެވެ.
ޑރ އަފްރާޝީމް އެންމެ ފަހުގެ ބަސްފުޅުތަކުގައި ވެސް ވިދާޅުވެފައިވާ ފަދައިން އެމަނިކުފާނު ދީނޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކުގައި މުޅީންވެސް ހަވާލާދެއްވާފައި ހުރީ އުންމަތުގެ ބޮޑެތި ޢިލްމުވެރިންނަށެވެ. އިހާއި ފަހުގެ ބޭފުޅުންނަށެވެ. ނަމަވެސް ޑރ އަފްރާޝީމަކީ އިންސާނެއް ކަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. ހަމަ އެހެންމެ އަޅުގަނޑަށް ޑރ އަފްރާޝީމްގެ ހުރިހާ ޚިޔާލުފުޅުތަކަކާއި ވާހަކަފުޅުތަކަކާއި އެއްބަހެއް ވެސް ނުމެވެވޭމެއެވެ. އަދި ކޮންމެ އިޚްތިޔާރުކުރެއްވުމަކަށް ތާއީދެއް ނުމެ ކުރެވޭމެއެވެ. އެހެން ނަމަވެސް އަޅުގަނޑަށް އެނގޭ އެއްކަމެއް އެބަ އޮތެވެ. އެއީ ޑރ އަފްރާޝީމަކީ ރާއްޖޭގައި ދީނީ ޢިލްމުގެ ރޮނގުން ޕީއެޗްޑީ ނަންގަވައިން ތިއްބެވި މަދު ބޭފުޅުން ގެ ތެރެއިން އެކެއް ކަމެވެ. ވުމާއެކު އަޅުގަނޑަށް ނޭނގޭ ކިތަންމެ އެއްޗެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމެވެ. އަދި ދެއްކެވި ކޮންމެ ވާހަކަފުޅަކަށް ގެންނަވާފައިވާ ދަލީލާއި ޙުއްޖަތަކީ ޢިލްމީ ނަޒަރުން ނުހަނު ބުރަދަން ބޮޑު ދަލީލު ތަކެއް ކަމެވެ.
ޑރ އަފްރާޝީމަކީ ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ޝައުޤުވެރި އުސޫލުތަކަކާއި ބަސްމަގެއް ގެންގުޅުއްވި ބޭފުޅެކެވެ. ހަމަ އެހެންމެ ދިވެހި އެހެނިހެން ބައެއް ޢިލްމުވެރިން ރިޢާޔަތް ނުކުރައްވާ ކިތަންމެ ކަމަކަށް ރިޢާޔަތްކުރެއްވި ތޫނުފިލި ފިކުރީ އުސޫލީ ބޭފުޅެކެވެ.
ޑރ އަލްއުސްތާޒު އަފްރާޝީމް ޢަލީގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން.