twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސައިފް ރަސްގެފާނު ވާހަކަ (1)

Oct 13, 2012

.

އިހުޒަމާނުގައި ތަބާބިއާގެ ރަސްރަސްކަލުންގެ ތެރޭގައި އިއްޒަތާއި ޤަދަރު މަތިވެރިވެގެންވާ ރަސްކަލަކު ހުންނެވިއެވެ. އަދި އެރަށުގެ އަހުލުވެރީން، އެމަނިކުފާނުދެކެ ނުހަނުބޮޑަށް ބިރުގަނެއެވެ. ސަބަބަކީ އެޒަމާނުގެ ރަސްރަސްކަލުންގެ ތެރޭ އެފަދަ އެހެން ރަސްކަލަކުނުވާކަމެވެ. މިމަނިކުފާނަކީ ހިމްޔަރު ވަންހައިން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ޝާނާ ޝައުކަތާއި ގަދަފަދަކަންވަނީ އެންމެންގެ މެދުގައި އާންމުވެފައެވެ. އެރަސްގެފާނުގެ ނަންފުޅަކީ ذى يزن އެވެ. އެމަނިކުފާނުގެ ވަޒަނަކީ ޔަމަން ކަރައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި، އެންމެހައި ކަންތައްތަކަށް ޤާބިލް ވަރަށް އިއްޒަތްތެރި ބުއްދިވެރި ވަޒީރަކު ހުންނަވައެވެ. އެމަނިކުފާނުގެ ދޫ ފަސޭހަކަމާއި، ބަސްމޮށުންތެރިކަން ލާމަސީލުވެފައިވެއެވެ. އެމަނިކުފާނުގެ ނަމަކަށް ކިޔަނީ ޔަސްރިބެވެ.

އެވަޒީރުގެ ދަރަޖައާއި އިއްޒަތް ރަސްގެފާނާއި، އެހެނިހެން ވަޒީރުންގެ ކުރިފުޅުމަތީގައި ވަރަށް ބޮޑުވެގެންވެއެވެ. އަދި އެންމެހައި ކަންކަމުގައި ރަށުގެ އަޙުލުވެރީން، މިވަޒީރުގެ އަމުރުތަކަށް ފުރިހަމައަށް ކިޔަމަންވެއެވެ. މިވަޒީރާއި އަޅާބެލުމުގައި ދުނިޔޭގެ مشرق އާއި مغرب ގައިވެސް އެފަދައެހެން ވަޒީރަކު ނުވާކަމުގައި ބުނެވެއެވެ. މިވަޒީރަކީ އިހުޒަމާނުގެ ފޮތްތައް ރަނގަޅަށް އުނގެނި އެއިން އިލްމުވެލައްވައިގެން ހުންނެވި މަޝްހޫރުކަންބޮޑު ބޭކަލެކެވެ. އަދި މިކަލޭގެފާނަކީ عرنان ވަންހައިން ވަޑައިގެން ހުންނެވި އިއްޒަތްތެރިއެކެވެ. އެއްވެސް ހަނގުރާމައިގެ މައިދާނެއްގައި މިވަޒީރަށްވުރެ މަތިވެރި ކާމިޔާބީލިބޭ އެހެން މީހެއް އެދުވަސްވަރުގެ ދުނިޔެއަކު ނުވެއެވެ. މިހެންކަމުން ކިތަންމެ ކިތަންމެ ރަށެއް މީނާގެ އަތްމައްޗަށް ވަނީ ފަޠަހަ ވެފައެވެ.

ވަޒީރު ޔަސްރިބަކީ އެކަލޭގެފާނު ކިޔަވާވިދާޅުވި ފޮތްތަކުގެ ސަބަބުން، ހައްޤާއި ބާތިލް ރަނގަޅަށް އޮޅުންފިލާފައިވާ އަދި ހައްޤުގޮތުގައި ހުންނެވި އިސްލާމްދީން ވަންހަނާ ކުރައްވައިގެން ހުންނަވާ ތެދުވެރި މުސްލިމެކެވެ. މިގޮތުގެ މަތީން ذى يزن ރަސްގެފާނުގެ އަރިއަހުގައި މިވަޒީރުން ހުންނެވިއިރު، ރަސްގެފާނުގެ ރަސްކަމުގެ ދުވަސްތައް ވޭތުވަމުންގޮސް އެމީހުންގެ ވަރަށްބޮޑު ޢީދެއް ކުރިމަތިވެއްޖެއެވެ.

މި ޢީދުގެ ތެރޭގައި، ރަސްގެފާނު ވަޒީރުންނާއި، އަމީރުންނާއި، އަދި ރަށުގެ އަހުލުވެރީންގެތެރެއިން، އަންހެނުންނާއި ކުޑަކުދީން ފިޔަވައި، އެހެން އެންމެންނާއިގެން ރަށްބޭރަށް ނުކުމެވަޑައިގެންފިއެވެ. މިފަދަގިނަ އަދަދެއްގެމީހުންނާއިގެން، ރަށްބޭރަށް ނުކުމެވަޑައިގެން އެ އެންމެން ދެކެވަޑައިގެން އެލަސްކަރުގެ ޢަދަދަކީ ކޮބައިތޯ ބައްލަވައިލެއްވިއިރު އެއީ ސޯޅަލައްކަ މީހުންކަމުގައި ފެނިވަޑައިގަތެވެ. އަދި އެއިން ކޮންމެމީހަކީ، ހަނގުރާމައިގެ މައިދާނުގައި، ގަދަފަދަ ސިންގާއަކަށްވުރެވެސް ބާރުގަދަ މީހުންކަމުގައި ވެއެވެ. ދެންފަހެ، ރަސްގެފާނަށް މިކަންކަން އެނގިވަޑައިގެންހިނދު، އުފާފުޅުން، ހިނިފުޅު ވަޑުވާލައްވާފައި، ވިދާޅުވިއެވެ. لات އާއި عزّى ގަންދެއްވާ ވިދާޅުވަމެވެ. ދުނިޔޭގެ مشرق ން ފެށިގެން مغرب އަށް ދާންދެން ބެލިނަމަވެސް މިފަދަބޮޑު ލަސްކަރެއް ދުނިޔޭގެ އެހެން އެއްވެސް ރަސްކަލެއްގެ އަރިހުގައި ނުވާނެކަން ކަށަވަރެވެ. އަދި ބޮޑުވަޒީރާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. އޭވަޒީރެވެ. ތިމަން ރަސްގެފާނު ދެކެވަޑައިގަންނަވާގޮތުގައި ކަލެއަކީ ވިސްނުންތެރި، ބުއްދިވެރި، އަދި ކަންތައްތަކުގެ ޚަބަރުތައް ރަނގަޅަށް ފިލާފައިވާ މީހަކީމުއެވެ. މިހެންވީއިރު، އަހަންނަށްވުރެ ލަސްކަރުގިނަ، ރަސްކަންބޮޑު އެހެން ރަސްކަލަކު، މިދުނިޔޭގެ ބިންމަތީގައި ވާކަން ކަލެއަށް އެންގިފައިވޭހޭ؟ ދެން މި ޔަސްރިބު ވަޒީރު ދެންނެވިއެވެ. އޭ މާތްވެގެންވާ ވިސްނުންތެރި ރަސްގެފާނެވެ. އޭ ބާއްޖަވެރިކަމުގެ ވެރިޔާއެވެ. ދުނިޔޭގެ އިރުމަތިފަރާތުގެ ރަށްތަކުގެތެރެއިން، ރަށެއްގައި ބައުލަބަކު އޭކިޔާ އިއްޒަތްތެރި ރަސްކަލަކު ހުންނަވައެވެ. އެއީ ހިންމަތްތެރި، އަސްވާރުންނާއި އަބްޠާލުންގިނަ، ބާރުގަދަ ރަސްކަލެކެވެ. އެ ރަސްގެފާނުގެ ލަސްކަރު ދުވަހަކުވެސް ހަނގުރާމައިގެ މައިދާނުގައި ހަލާކުވެ ފަނާވެ ހިނގައިދާނެތީ، ނުވަތަ މަރުވެދާނެތީކީ، ބިރެއް ނުގަންނާނެއެވެ. އަދި އެރަށުގެ ރަށްބޭރުގައި ވަރަށް ވަރުގަދައަށް ތައްޔާރުކޮށްފައިވާ ކިއްލާއެއް ހުރެއެވެ. މުޅި އެތަން ފުރިފައިވަނީ ރަނާއި ޖަވާހިރުންނެވެ. އަދި އެރަށަކީ ރަން ނެގޭ ރަށެކެވެ. އެކިއްލާ ބިނާކުރެވިފައިވަނީ ރަނާއި ރިއްސާއި، އަދި އެނޫންވެސް ބާވަތްތަކުގެ މައުދަނުންނެވެ. އެތާގެ އެތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި ކަންވާރުގެ އަދަދު ލައްކައަކަށް ވުރެވެސް އިތުރުވެގެން ވެއެވެ. އަދި އެކިއްލާގެ އެތެރެއާއި ބޭރުގައި ދިއްލާފައިވާ ބިއްލޫރި ބަނޑިޔާތަކުގެ އަދަދު އެތައް ސަތޭކައަކުން އަދަދު ކުރެވެއެވެ. އެކިއްލާގެ މަތީގައިވާ ކުރިބޯށިތައް އެތައްލައްކަ ޖަވާހިރަކަށްވުރެ އަގުބޮޑުވެފައިވެއެވެ. އަދި އެކިއްލާގެ ވަށައިގެންވާ ބަގީޗާގެތެރޭގައިހުރި ގަސްތަކުގެ މަތީގައި އެކި ފާޑުފާޑުގެ ދޫނިތައް އެތަކެތީގެދުލުން ޚާލިޤް ވަންތަ ރަސްކަލާނގެ ކިބަފުޅަށް ތަސްބީހަ ކިޔަކިޔާ ތިބެއެވެ. އަދި އެކިއްލާގެތެރޭގައިވާ ޚާއްސަ ގަނޑުވަރެއް ދެކެފި ކޮންމެމީހަކުގެ ކިބައިން، އެމީހެއްގެ ކިބައިގާވާހާ، މޮޅިވެރިކަމާއި، ހިތާމަވެރިކަން ހަމަވަޤުތުން ފިލައިދާހާވެއެވެ.

ޔަސްރިބު ވަޒީރު، މިދެންނެވި ވާހަކައިގެ އަޑު ذى يزن ރަސްގެފާނު އެއްސެވިހިނދު، އެމަނިކުފާނުގެ މޫނުފުޅުގެ އުޖާލާކަން ކުއްލިއަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އަދި ވިދާޅުވިއެވެ. لات އާއި عزّى ގަންދީބުނަމެވެ. ތިމަންރަސްގެފާނުގެ މައްޗަށް، މިވަޤުތުވާ އެންމެބޮޑު ވާޖިބަކީ، ތިޔަބުނާ ބޮޑުރަސްކަލެއްގެ ކައިރިއަށްގޮސް، އޭނާ މަށަށް ކިޔަމަންކުރުވައި، ނުވަތަ އޭނާގެވަސް ދުނިޔެއިން ފިލުވައިލިމެވެ. އެގޮތަކީ މަޝްހޫރުވެގެންވާ ހިމްޔަރު ވަންހައިގެ އެންމެހައި ކުދިބޮޑު ދައުލަތްތަކުގެ މައްޗަށް އަމުރުކުރާ އެންމެބޮޑު ރަސްކަލަކީ އަހަރެންނެވެ.

ދެންފަހެ ޢީދުގެ ކުޅިވަރުތަކާއި ޤުރްބާނީތަކުން ނިމިވަޑައިގަތުމަށްފަހު، ދުވާލުންބައެއް ވޭތުކުރައްވައި އަސްމައްޗަށް ސަވާރުވެ ލަސްކަރާއިގެން، ރަސްގެފާނު ރަށަށް ވަޑައިގަންނަވައިފިއެވެ. އަދި ރަސްކަމުގެ ދީވާނަށް ވަދެވަޑައިގެން، ތަޚުތުގައި އިށީނދެވަޑައިގެން، ޢީދުގެ މުނާސަބާގައި، އިނާމު ތަޝްރީފްތައް ބައްސަވައި ހައްދަވައިފިއެވެ. މިގޮތުން ކޮންމެ މީހަކަށްވެސް އެމީހަކާއި އެކަށީގެންވާ ގިނަޢަދަދަކަށް މުދާލިބުންކަމުގައި ވިއެވެ.

ذى يزن ރަސްގެފާނު އުފާފާގަތިކަންމަތީ ރަސްކަންކުރައްވަން ހުންނަވާއިރު ޔަސްރިބް ވަޒީރު އެދެންނެވި ވާހަކައާއިމެދު ވަރަށްބޮޑަށް ޚިޔާލުކުރައްވާ ކަމުގައިވިއެވެ. އޭގެތެރެއިން އެއްދުވަހަކު ރަސްގެފާނު ވަޒީރު ބަލާފޮނުއްވައިގެން ގެންނަވާފައި ވިދާޅުވިއެވެ. އޭ ވަޒީރެވެ. ތިމަންރަސްގެފާނުންގެ ޚަޒާނާއިން ޚަރަދުކޮށްގެން ބައުލަބަކުގެ ރަށަށްދިއުމަށް ޤާފިލާ ތައްޔާރުކުރާށެވެ. ދެންވަޒީރު އާދޭހޭ ދަންނަވާފައި ދުރުވެ ރަސްގެފާނު އަމުރުފުޅު ކުރެއްވިފަދައިން ވަރަށްއަވަސް މުއްދަތެއްގެތެރޭގައި ހަނގުރާމައިގެ ޤާފިލާއެއް ތައްޔާރުކުރެއްވިއެވެ. އެއަށްފަހު ވަޒީރު ދަރުބާރަށް ދުރުވެ، ރަސްގެފާނަށް އަދަބު އަދާކޮށް ދެންނެވިއެވެ. އޭ ބާއްޖަވެރިކަމުގެ ސާހިބާއެވެ. ޤާފިލާވަނީ ތައްޔާރު ކުރެވިފައެވެ. ލަޝްކަރުވަނީ ރަށްބޭރަށް ނެރެވިފައެވެ. މަނިކުފާނު ކުރައްވާނޭ އަމުރުފުޅެއްގެ އިންތިޒާރީގައި ބަލަބަލައި އެބައިމީހުން އެބަތިއްބެވެ. ހަމައެވަޤުތު ރަސްގެފާނު ތެދުވެވަޑައިގެން އެތެއްގެ މައްޗަށް ސަވާރުވެވަޑައިގަންނަވައިގެން ރަށްބޭރަށް ނުކުންނަވައި ޤާފިލާގެ ވަށައިގެން ދުއްވަވާ، ބެއްލެވިހިނދު ބޮޑުވެގެންވާ ހިމަނާ ޢަދަދުނުކުރެވޭވަރުގެ ލަސްކަރެއްކަމުގައި ދެކެވަޑައިގަތެވެ.

މިގޮތުން ރަސްގެފާނު ހިތްޕުޅު ހަމޖެހުމާއިއެކީ އަނެއްދުވަހުގެ ހެނދުނާ، ބައުލަބަކުގެ ރަށަށް ދިއުމަށް ދަތުރުފުޅު ފެއްޓުމަށް ގަސްދުކުރައްވާ ރަށައް އެނބުރިވަޑައިގެންފިއެވެ. ދެން މިބޮޑު ލަސްކަރުގެ އެންމެން އުފާފާގަތިކަންމަތީ އެރޭ ރޭކޮށްފޫއެވެ. ފަހެ ފަޖުރުލައި ދުނިޔެމައްޗަށް އަލިކަން ފާޅުވުމާއިއެކީ ރަސްގެފާނު ސަވާރުވެވަޑައިގަންނަވާ ލަސްކަރަށް ދަތުރުފެށުމަށް އަމުރުކުރައްވައިފިއެވެ.  ذى يزن ގެ ރަސްގެފާނު މިފަދަބޮޑު ލަސްކަރާއިގެން މިފަދަ އިއްޒަތުގައި ދަތުރުކުރައްވާތާ ތިންވަނަދުވަސް ފާއިތުވެ ދިޔަފަހުން ހަތަރުވަނައަށްވީ ދުވަހު މާތްވެގެންވާ ކައުބަތުﷲ ގެފުޅާހަމައަށް ވަޑައިގެންނެވިއްޖެއެވެ. އެވަގުތު ކުއްލިއަކަށް ޔަސްރިބްގެ ވަޒީރު އަސްމަތިން ފުންމާލައްވައި ގެފުޅާއި ދިމާއަށް ކުރިމަތިލައްވާ ސަޖިދަކުރެއްވިއެވެ. އަދި ބުނުއްވިއެވެ. ހުރިހާ އަޅުކަމެއް ހައްޤުވެގެންވާ ކީރިވަންތަ ރަސްކަލާނގެއަށް މެނުވީ ސަޖިދަކުރުން އެކަށީގެނެއް ނުވެއެވެ. އެކަލާނގެއަކީ ޚަލްގުތަކުން ނެތުމުގެ ތެރެއިން ވުޖޫދަށްނެރުއްވި ރަސްކަލާނގެއެވެ. ޔަސްރިބްގެ ވަޒީރުމިކުރެއްވި ކަންތައްތައް ދެކެވަޑައިގެންފައި ރަސްގެފާނު ވަރަށްބޮޑަށް ހައިރާނާންވެ ވަޑައިގެންނެވިއެވެ. ނަމަވެސް ވަޒީރު ސަޖިދައިން ތެދުވެވަޑައިގަންނަވަންދެން މަޑުން ހުންނަވައިފިއެވެ. ދެން ވަޒީރު ސަޖިދައިން ތެދުވެވަޑައިގެންނެވިހިނދު، ރަސްގެފާނު ވިދާޅުވިއެވެ. އޭ ޔަސްރިބް އެވެ. ތިޔަކުރީ ކޮންކަހަލަ ކަމެއްހޭ؟ މަށަށްވެސް ތިޔަކަމުގެ ޚަބަރު ނިކަން އަންގާދީބަލާށެވެ. އެވަޤުތު ވަޒީރު ދެންނެވިއެވެ. އޭ ހިތްވަރުގަދަ ރަސްގެފާނެވެ. ހަމަކަށަވަރުން އަޅުގަނޑުމެންނަށް މިހާރު އާދެވިފައިމިތިބީ، މާތްރަސްކަލާނގެ މާތްކުރައްވާފައިވާ ގެކޮޅުހުރި ބިމަށެވެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި، ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންގެ މަންޒިލެވެ. (މާތްރަސްކަލާނގެ އެބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާނެތެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު:18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355