.
ޢަލީ ޖިނާޙް
ހދ.ކުރިނބީ ރައްޔިތުންނަކީ ޒަމާނުންސުރެ ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުން އައި ރަށެއް ދިރިއުޅެމުން ގެންދިޔަ ރަށެކެވެ. އެގޮތުން ރަށުގެ ޢާބާދީގައި ގާތްގަނޑަކަށް 702 މީހުން ދިރިއުޅެމުން އަންނަ ކުރިނބީ އަކީ މީގެ ކުރިން ރަށުގައި ދުއްވާ ގިނަ ޢަދަދެއްގެ އޮޑިދޯނި ފަހަރާއި މާލެ ދަތުރުކުރާ ދޯނިފަހަރު ގެންގުޅެމުން ދިޔަރަށެއްކަން ފާހަގަ ކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ މިހާރުވެސް ގާތްގަނޑަކަށް އިންޖީނުލީ 07 ދޯނީގެ އިތުރުން 10 ނުވަތަ 12 ބޮއްކުރާ ގެންގުޅޭކަން ފާހގަ ކޮށްލެވެއވެ. އަދި މީގެ ކުރިން އޮޑިދޯނި ފަހަރު ރަށުގެ ބޭރުގައި އަޅައިގެން ބޮއްކުރަލުގައި މީހުންނާއި މުދާބާލަމުން ގެންދިޔުމުގެ ނަތީޖާ އަކަށް ވެފައިވީ މާސިންގާ ރާޅު ތަކުގެ އޮއިވަރުގައި ބޮއްކުރާ ޖެހި، ބޮއްކުރާ ބަންޑުން ޖަހާލައި މީހުންނާއި މީހުންގެ މުދަލަށް ފޫނުބެދޭ އެކިވަރުގެ ގެއްލުންތަށް ވަމުން ދިޔުމެވެ.
ކުރިނބީގައި ބަނދަރެއް ހެދޭނެ ދުވަހެއްގެ ދިގު އިންތިޒާރުގައި ރަށުގެ ރައްޔިތުން މާޒީ ހޭދަކުރަމުން ދަނިކޮށް 2011 ވަނައަހަރުގެ ޖެނުއަރީ މަސްތެރޭގައި ނިމިދިޔަ ސަރުކާރުން 300 ފޫޓް 150 ފޫޓްގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައި ބަނދަރުގެ ބޮޑުބައެއްވަނީ ނިންމަވާ ދެއްވާފައެވެ. ނަމަވެސް ބަނދަރުގެ ފޮނިމީރުކަން އެންމެ ރަނގަޅަށް ލިބެން ނެތުމަކީ މިހާރުވެސް ރަށުގެ ރައްޔިތުންގެ އަދި ޚާއްސަކޮށް އޮޑިވެރިންގެ މޫނުމަތިން މަޔޫސްކަން ފާޅުވާން ހުރިކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެކެވެ. ބަނދަރުގެ ބޭރުން ބޮޑު ހިލަ ޖައްސާފައި ނެތުމުގެ ސަބަބުންނާއި ބަނދަރުގެ ފައިކަށި ހެދިފައި ނެތުމުގެ ސަބަބުން ކިރިޔާވެސް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރު ބަނދަރުގައި ބޭއްވޭނެ އެއްވެސް ގޮތެއް ތަނަވެސް ވެފައި ނެތުމާއި ބަނދަރުގެ އެއްގަމުން ގިރައިގެން ދިޔުމުގެ ސަބަބުން ހީވެސްނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.
މިމައްސަލައިގައި ޙައްލެއް ހޯދުމަށް ރަށުގެ ކައުންސިލުންވެސް ސަރުކާރުގައި ދަންނަވައިގެން އެދެވޭ ދާޢިމީ ޙައްލެއް ހޯދުމަށް ވާހަކަ ދެކެވެމުންދާކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެން ނަމަވެސް މިއަދާހަމައަށް އެދެވޭ ޙައްލެއް ނައުމަކީ ރަށުގެ ރައްޔިތުންނާއި ޚާއްސަކޮށް ރަށުގެ އޮޑިވެރިން އެކަމާއި ވަރަށް ހިތާމަ ކުރާނެ ކަމެއްކަން ޔަޤީން ކުރެވެއެވެ.
ހަމއެހެންމެ މުސްތަޤްބަލުގައި ކުރިނބީގެ ބަނދަރަށް އެދެވޭ ހައްލެއް ނުލިބިއްޖެ ނަމަ މާޒީގައި ކުރިނބީ ރައްޔިތުން ތަޙަމްމަލު ކުރަމުން ދިޔަ ހިތްދަތި އުނދަގޫ ތަޙައްމަލު ކުރަން ޖެހުމަކީ ދުރުގައި ވާނޭކަމެއް ނޫނެވެ.