twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުމުންދޫ ރަންހަދާ ވަހީދުބެ، ދަރިން ތިބެމެ އަޅާލާނެ މީހަކު ނެތި ބިކަވެފައި

Dec 23, 2012

މަގުމަތީގައި ފިރުކެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ފެނުމުން އެއީ ކާކުކަން ހޯދަން ބޭނުންވި އެވެ. އިރުކޮޅަކު މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން މަންޒަރު ބަލަން ހުރެވުނު އެވެ. ހަތަރެސްފައި ބިންމަތީ ޖަހައިގެން ކުޑަކުއްޖަކު ފިރުކެމުންދާ އުޞޫލުން އުމުރުން އެހާ ދުވަސްވީ މީހެއް މަގުމަތީގައި ހިނގާތަން މީގެކުރިއަކުން ނުފެނެއެވެ. އެއީ، އުމުރުން 69 އަހަރުގެ މުހައްމަދު ވަހީދު އެވެ. މަޝްހޫރު ނަމުންނަމަ “ރަންހަދާ ވަހީދު” އަކީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 7 ކުދިންގެ ބައްޕައެކެވެ. ދެބަނޑަަށް ދަރިން ލިބިފައިވާއިރު ދެވަނަ ކައިވެންޏެއް ކުރުމަށްފަހު ހދ ކުމުންދޫ އަށްގައި ދިރިއުޅެމުން އަންނަ ވަހީދުބެ އަކީ ދަރިން ތިބެމެ އަޅާލާނެ މީހަކު ނެތި ބިކަވެފައިވާ މީހެކެވެ.

ކުމުންދޫގެ މަގެއްގެ މަތިން ވަހީދުބެ ފިރުކެމުން ކުރިއަށްދިޔައިރު ނޫކަށި ފުރާގެ ފިރިހެންކުދިންނާއި މެދު އުމުރުގެ އަންހެނުން ވަހީދުބެއަށް މަލާމަތް ރައްދުވާގޮތަށް ވާހަކަ ދައްކަމުންދިޔަ އަޑުއިވެއެވެ. “ސިނގިރޭޓެއް ޖަހާލަން އަންނާށޭ” ވަހީދުބެއަށް ގޮވާލަމުން އެތަނުގައި ހުރި ޒުވާން ފިރިހެންކުއްޖަކު ބުންޏެވެ. ވަހީދުބެ ކައިރީ މަގުމަތީގައި ހުއްޓާ އުމުރުން ގާތްގަނޑަކަށް 12 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އައިސް ފިލާގަނޑެއްގެ މަތީގައި ކާން ގެނައި އެއްޗެހި ބެހެއްޓިއެވެ. އެމަންޒަރު ފެނުމުން އެތަނުގައި އިތުރަށް މަޑުކޮށްގެން ހުންނާކަށް ކެތެއްނުވި އެވެ.

އެވަގުތުން ފެށިގެން ވަހީދުބެ މައުލޫމާތު ހޯދަން ރަށުގެ އެކި މީހުން ކައިރިން ސުވާލުކުރަން ފެށީމެވެ. ވަހީދުބެ އާއިލާއާ ދިމާވޭތޯ މަސައްކަތް ފެށީމެވެ.

“ވަހީދުބެ މިރަށުގައި ނޫޅޭ ހަނދާނެއް ނުހުރޭ. ބަލިވީ ވަރަށް ފަހުން. ބަލިވި ފަހުން ރަށަށް އައީ. މީހަކު ވަހީދުބެއަށް ކަމެއް ކޮށްދިނަސް އެބޭބެގެ އާއިލާ މީހުން ހަޖޫ ކިއާނެ. އެހެންވީމަ އަޅާލަން ބޭނުންވިޔަސް ފަސްޖެހެވެނީ” ކުމުންދޫގެ މެދު އުމުރުގެ އަންހެނަކު ވަހީދުބެގެ ކުރު ތައާރަފެއް ދިނެވެ.

ވަހީދުބެއާ ބެހޭގޮތުން ހދ ކުމުންދޫ ކައުންސިލުގެ މެމްބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ވަހީދުބެއާއި ގުޅޭގޮތުން އެތައް ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި އަޅާލާނެ މީހަކު ނެތި އެގޮތަށް މަގުމަތިވެފައިވާތީ ވަހީދުބެގެ ގެއަށް ވަހީދުބެ ގެންގޮސްދީ ހަދާކަމަށެވެ .މި މައްސަލަ ޕޮލިހަށާއި ކަމާގުޅޭ އެހެނިހެން މުއައްސަސާ ތަކަށްވެސް އެތައް ފަހަރަކު ހުށަހަޅާފައި ވީނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެ ދުވަހަކުހެން ވަހީދުބެ މަގުމަތީ ފިރުކެނިކޮށް ގެންގޮސް ގެއަށް ލަން. ޕޮލިހާއި އެހެން ތަންތަނަށް ވެސް މައްސަލަ ހުށަހަޅަން. ވަހީދުބެގެ ދަރިންނަށްވެސް ގުޅައިގެން ބުނަން. އެކަމަކު އެއްވެސް އެދެވޭ ޖަވާބެއް ނުލިބޭ.” ކައުންސިލަރު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ވަހީދުބެގެ 2 ވަނަ ދަރިފުޅު ބުނީ، ބައްޕަ ކުމުންދޫގައި އުޅޭކަން އެނގިފައިވާ ކަމަށާއި ވަރަށް ބަލިކަން ވެސް އެނގޭ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ކުމުންދޫގައި ބައްޕަގެ އެއްވެސް ދަރިއެއް ނޫޅޭތީ އަޅާލާނެ މީހެއް ނެތީ ކަމަށެވެ.  އޭނާ ބުނީ ބައްޕަ އަކީ މާލޭ މީހެއް ކަމަށާއި ބައްޕަގެ ގެ، އެހެން މީހަކަށް ދިނުމުން ދަރިން ތިބެނީ ހިތްހަމަ ނުޖެހިފައި ކަމަށެވެ.

“ބައްޕަ އެއީ އަސްލު މާލޭ މީހެއް. ރަންހަދާގެ އެއީ ބައްޕަގެ ގެ. ބައްޕަ ވަނީ އަޅުގަނޑުމެން އެއްވެސް މީހަކަށް ނޭނގި މީހަކަށް އެ ގެ ދީފަ. އެހެންވެ މާލޭގަ ހުރެވެން ނެތީމަ ރަށަށް ގޮސް އެއުޅެނީ. ސަރުކާރުގެ މުއައްސަސާ ތަކަށް ބައްޕަގެ މައްސަލަ ހުށައަޅާފަ ވާނީ. އެކަމަކު 1 ފަހަރު އަދި ޖެންޑާއިން ގުޅީ.” ފަރުވާކުޑަ ގޮތަކަށް ވަހީދުބެގެ ދަރިފުޅު ބުންޏެވެ.

ވަހީދުބެއަށް ސަރުކާރުން ލިބޭ 2300 ރުފިޔާ ބޭނުން ކުރަންތޯ ސުވާލުކުރުމުން އޭނާ ބުނީ  ބޭނުން ނުކުރާ ކަމަށާއި އެފައިސާ  ޖަމާކުރަނީ ބައްޕަގެ އެކައުންޓަށް ކަމަށެވެ.

ވަހީދުބޭގެ 7 ދަރިންނަށް ގުޅަން ކުރި މަސައްކަތުން ފޯނަށް ޖަވާބު ދީފައިވާ ހަމައެކަނި ދަރިފުޅު މިހެން ބުނިކަމުގައި ވިޔަސް ކުމުންދޫގެ ރައްޔިތުންގެ ފަރާތުން މިކަމުގައި ލިބެނީ މުޅިން ތަފާތު ޖަވާބެކެވެ. އެމީހުން ބުނަނީ ވަހީދުބެއަށް ލިބެމުންދާ އިނާޔަތް ނަހަމަ ގޮތުގައި ދަރިން ބެނޫން ކުރާ ކަމަށާއި ބައެއް ދަރިން ވަހީދުބެގެ ކުރިމަތީގައި ހަޑި ހުތުރު ބަހުން މުއާމަލާތް ކުރާ ކަމަށެވެ.

މަތީގައި އެވަނީ އަޅުގަނޑުމެންގެ ތެރެއިން ދިވެއްސެއްގެ ވާހަކައެވެ. އަޅާލާނެ މީހެއް ނެތް ދިވެހި ރައްޔިތެއްގެ ވާހަކައެވެ. އާއިލާގެ އެހީތެރިކަމެއް ލިބެމުން ނުދާއިރު ސަރުކާރުގެ މުއައްސަސާތައްވެސް މިކަމުގައި ކަނު ބަނދެފައިވާ ކަހަލައެެވެ. ރަށުން ވެސް ވަހީދުބެއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންދާއިރު ވަހީދުބެގެ ދަރިންނަށް “ބައްޕަ” ގެ ލަފްޒު ބޭނުން ކުރުމަށް ހިތްވަރު ލިބުން ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355