twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދަންވަރު 1 ގެ ފަހުންވެސް ކުޅުދުއްފުށީގެ ބައެއް ފިހާރަ، ސައިހޮޓާ ރެސްޓޯރެންޓްފަދަ ތަންތަނުން ހިދުމަތް ދޭ

Jan 1, 2013

ރޭގަނޑު ވަކި ގަޑިތަކެއްގެ ފަހުން ވިޔަފާރިކުރާ ތަންތަނާއި ސައިހޮޓާފަދަ ތަންތަނުން ހިދުމަތްދިނުން މަނާކޮށްފައި އޮތްނަމަވެސް، ކުޅުދުއްފުށީގެ ބައެއް ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު 1 ގެ ފަހުން ޤަވާއިދާ ޚިލާފަށް ޚިދުމަތް ދެއެވެ.

ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖްތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި 24 ގަޑި އިރު ހުޅުވައިގެން ވިޔަފާރީ ކުރުމަށް ސަރުކާރުން ކުރިން ދޫކޮށްފައިވާ ހުއްދަ މިއަހަރުގެ އޮކްޓޯބަރ 15 ވަނަ ދުވަހު ވަނީ ބާތިލް ކޮށްފައެވެ. އެހެން ނަމަވެސް ޤަވާއިދާ ޚިލާފަށް ދަންވަރު 1 ގެ ފަހުން ކުޅުދުއްފުށީގެ 2 ކެފޭއެއް ހިންގާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތުން ޖައުފަރު އަލީ ހިންގާ “ސުފުރާމަތި” އަދި ހަސަން އިބްރާހިމް ހިންގާ “ހާޖީ ކެފޭ” އިން ދަންވަރު 1 ގެ ފަހުން އަންނަނީ ޚިދުމަތް ދެމުންނެވެ.

މިކަމާއި ގުޅިގެން ސުފުރާމަތީގެ ވެރިޔާ ޖައުފަރު އަލީ ފުރަތަމަ ވިދާޅުވީ 1:30 ގެ ފަހުން ރެސްޓޯރެންޓް ބަންދު ކުރާ ކަމަށާއި އެހެން ނަމަވެސް ބައެއް ސަބަބުތަކާ ހުރެ ސީދާ ގަޑިއަށް ބަންދު ނުކުރެވި ހުރެދާނެ ކަމަށެވެ. މިގޮތުން ގަޑި ޖެހޭއިރު ބައެއް ކަސްޓަމަރުން ތަނުގައި ތިބޭ ކަމާއި ދަންވަރު 3 ގެ ފަހުން ތަނުގެ ޑިއުޓީ ބަދަލުވުން ފާހަގަކުރެއްވި އެވެ.

“ހޮސްޕިޓާ ކައިރި ވީމަ ގިނަ ބައެއް ޚިދުމަތް ހޯދަން އާދޭ. ގަޑި ޖެހުނަސް ކަސްޓަމަރުން ބުރަކަށީގަ އަޅާ ބޭރެއް އަޅުގަނޑު މެންނަކަށް ނުކުރެވޭނެ.” ޖައުފަރު ވިދާޅުވި އެވެ.

ޖައުފަރު މިހެން ވިދާޅުވި ކަމުގައި ވިޔަސް ތަނުގެ މުއައްޒަފުންނާއި ވާހަކަ ދައްކާލުމުން އެމީހުން ބުނީ ކޮންމެ ގަޑިއެއްގައިވެސް ޚިދުމަތް ދޭނެ ކަމަށާއި 24 ގަޑި އިރު ޑިއުޓީގައި މީހުން ތިބޭ ކަމަށެވެ.

މިކަމާއި ގުޅިގެން ހާޖީ ކެފޭގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ ރަސްމީކޮށް މިކަހަލަ މައްސަލައެއް އެކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށާއި އެކަހަލަ ވާހަކައެއް އަޑުއިވިފައި ވާކަމަށެވެ. އަދި މިހާރު އެކަން ބަލަމުން އަންނަ ކަމަށް ރަމީޒް ވިދާޅުވި އެވެ.

މި ދެ ތަނަކީވެސް ދަންވަރު 1 ގެ ފަހުން ޚިދުމަތްދޭ ތަންތަނެވެ. އަދި ދަންވަރުގެ ވަގުތުތަކުގައި ކުޅުދުއްފުށީ ކައުންސިލުގެ ބައެއް މެމްބަރުންނާއި ކުޅުދުއްފުށީ  ޕޮލިސް ސްޓޭޝަނުގެ ގިނަ ފުލުހުން މި 2 ތަނުގެ ޚިދުމަތް ހޯދާކަން ފާހަގަ ކުރެވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އާއްމު ކޮށްފައިވާ ހޮޓާ ރެސްޓޯރެންޓްފަދަ ތަންތަން ހިންގުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން މިކަމަކީ މަނާ ކަމެކެވެ. އެ މާއްދާގައި ވަނީ ރޯދަމަހުގެ ރޭތަކާއި ފިތުރު އީދު ވިލޭރޭ ފިޔަވައި އެހެން ރޭރޭ މެންދަމު 1:00 އިން ފެށިގެން ފަތިހު 4.30 އާއި ދެމެދު ސައިހޮޓަލެއް ނުވަތަ ރެސްޓޯރަންޓެއް ހުޅުވާފައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރޯދަމަހުގެ ރޭތަކާއި ފިތުރު އީދު ވިލޭރޭ މެންދަމު 2:00 އިން ފަތިހު 4:30 އަށް ސައިހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއް ހުޅުވާފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.

އަދި މީގެ އިތުރުން ދާދި ފަހުން ޚިދުމަތް ދޭންފެށި “ފެހިދޫލަ” ފިހާރައަކީވެސް ރޭގަނޑު 11 ގެ ފަހުން ވިޔަފާރިކުރާ ފިހާރައެއްކަން ފާހަގަކުރެވުނެވެ. ފެހިދޫލަ ހިންގުމާއި ހަވާލުވެ ހުންނެވި އަބޫބަކުރު މޫސާ ވިދާޅުވީ ރޭގަނޑު 11 ގެ ފަހުން ވިޔަފާރި ނުކުރާ ކަމަށާއި ފިހާރައަށް ގެނެސް ހުންނަ މުދާ ހަރުގަ އަތުރަނީ އެވަގުތު ތަކުގައި ކަމަށެވެ. އަދި އެއިން ވަގުތެއްގައި މީހަކު ޚިދުމަތް ހޯދަން އަތުވެއްޖެނަމަ ހިދުމަތް ދޭ ކަމަށްވެސް އަބޫބަކުރު ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ރޭގަނޑު 12 ގެ ފަހުން ބަންދުކުރާ ފިހާރައެކެވެ.

މި ނޫހުން ބެލިބެލުމުން މިގޮތަށް މަނާ ވަގުތުތަކުގައި ހުޅުވާފައި ހުންނަ ފިހާރަތަކުންނާއި ސައިހޮޓާފަދަ ތަންތަނުން ކުޅުދުއްފުށީގެ އިސްވެރިންނާއި ފުލުހުންވެސް ހިދުމަތް ހޯދަމުންދެއެވެ. އަދި މިއީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އެނގިހުރެ ހިނގާ ކަންތައްތަކެއްކަންވެސް ފާހަގަކުރެވުނު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355