ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މެޓާނިޓީ ވެއިޓިންގ ހޯމް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
ހެލްތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝަރީފެވެ.
އިޓަލީގެ ކަރިޓަސް އިޓާލިއާނާ އިން ދޭ ހިލޭ އެހީގެ ދަށުން އަޅާ މި އިމާރާތުގެ މަސައްކަތްކުރާނީ ރާއްޖެ އާއި ލަންކާގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން ނެވެ. 9.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާ ދެ ބުރީގެ އިމާރާތުގައި 13 ކޮޓަރި އާއި ކެފޭއަކާއި ފެމެލީ ވެއިޓިން އޭރިއާއެއް ހިމެނޭނެއެވެ.
2011 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހުޅަނގުގައި ބޭއްވި ރަސްމިއްޔާތެއް ގައި އޭރުގެ ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް ވަނީ އެއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައެވެ. މާބަނޑު އަންހެނުނަށް ހާއްސަކޮށްގެން އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާއަޅުއްވައި ދެއްވަމުން ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލު ދެއްކެވި ވާހަކައިގައި ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިން ހޯމަކީ މާބަނޑުވުމާއި އަދި ވިހެއުމާގުޅިގެން އެފަދަ ފަރާތްތަށް ކުޅުދުއްފުށީގައި މަޑުކޮށްލުމަށް ތައްޔާރުކުރެވޭ އިމާރާތެއް ކަމަށާއި އެތަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ވެވުނު އެއްބަސްވުމުގައި ވާ ގޮތުން މި ނޮވެމްބަރުގެ ނިޔަލަށް އެތަނުގެ މަސައްކަތް ނިމޭނެއެވެ.