– ގޯއްޗަށް އެދުނު ފަރާތްތަކުގެ މަޢުލޫމާތު ސާފު ކުރުމަށް ވޭތުވެދިޔަ ދެއަހަރު އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވޭ
މީގެ ދެއަހަރެއްހައި ދުވަސް ކުރިން 2010 ވަނަ އަހަރު ނޮވެމްބަރ 8 ވަނަ ދުވަހު ކުޅުދުއްފުށީ އޮފީހުން ގޯތި ދޫކުރުމަށް އިއުލާނު ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ގޯތި ދޫކުރުމުގެ ފޯމުތައް އިވެލުއޭޓް ކުރުމަށްނެގި ކޮމެޓީ އިން ހާމަކޮށްފި އެވެ.
އެކޮމެޓީން މިކަން ހާމަކުރީ މިއަދު ނެރުން ޚާއްސަ ރިޕޯޓެއްގައެވެ. އެރިޕޯޓުގައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 8 ވަަނަ ދުވަހު ގޯތި ދޫކުރުމަށް ކުޅުދުއްފުށީ އޮފީހުން އިއުލާނުކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމެއްނެތި، ވަކިން ޚާއްސަކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ލިބެން ޖެހޭ އެއްވެސް ހުއްދައެއް ނުވަތަ އެޕްރޫވަލް އެއް ނުހޯދައެވެ.
މީގެ އިތުރުން ގޯތި ދިނުމުގެ މަސައްކަތަކީ އެއްވެސް ވަރަކަށް ދުރާލާ ރޭވިގެން ވަކި ޕްލޭނެއްގެ ދަށުން ކުރެވިފައިވާ މަސައްކަތެއް ނޫން ކަމަށާއި، ގޯތި ދިނުމަށް އިޢުލާނުކޮށް ފޯމު ދުކޮށްފައިވަނީ ބިމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ “ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު” ގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ހަމައެހެންމެ ގޯތި ހޯދުމަށް އެދި ފޯމު ހުށައެޅިފަހުން މި ވޭތުވެދިޔަ 2 އަހަރު ތެރޭގައި ގޯއްޗަށް އެދުނު ފަރާތް ތަކުގެ މައުލޫމާތު ސާފު ކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާއިރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުން ބޭރުން ގޯތި ފޯމުތަކުގެ މަސައްކަތް ކުރެވިފައިވާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ހަމަމިއާއެކު ގެދޮރާއި ބިމާ ބެހޭ ސެކްޝަނެއް ކަނޑައަޅާ އެސެކްޝަނުގެ މަސައްކަތް ތަކުގެ ތެރޭގައި ގޯތި ދޫކުރުމުގެ މަސައްކަތް ހިމެނިފައި އޮތް ނަމަވެސް އެ ސެކްޝަނާއި ބެހުމެއް ނެތި އިދާރީ ހިންގުމާބެހޭ ބައިން މިމަސައްކަތް ކުރަން އުޅެފާވާކަމަށްވެސް މިރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ގޯތި ދޫކުރުމަށް ހުށައެޅި ފޯމުތައް ބަލައިގަތުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެގޮތުން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތައް ބަލައިގަތުމުގައި އެފޯމުތައް ބަލައިގަތް ފަރާތުން ފަރުވާކުޑަކަމާއެކު އެކަން ކޮށްފާވާ ކަމަށް ވެސް މިރިޕޯޓުގައި ވެއެވެ. މިގޮތުން އެފޯމުގައި “އޮފީހުގެ ރަސްމީ ބޭނުމަށް” ފާހަގަ ކޮށްފާވާ ބައި ފުރިހަމަކޮށްފައި ނުވުމާއި، އޮފީހަށް ބަލައިގަތް ފަރާތެއް ބަލައިގަތް ތާރީޚެއް ލިޔެފައިނުވާއިރު މި ފޯމުތައް ބަލައިގަނެފައިވަނީ އެދުވަސްވަރު މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދުމަށް ގޮސްތިބި ސްކޫލު ކުދިންކަން އެނގިފާވާ ކަަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި 8 ނޮވެމްބަރުގައި ކުޅުދުއްފުށީ އޮފީހުން އިއުލާނުކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފާވާ ދުވަސްވަރެއްގައިސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ފިއްތުންތަކުގެ ސަބަބުން ކަމަށްވެސް ތުހުމަތު ކޮށްފައިވެ އެވެ.
ރިޕޯޓް ނިންމާލަމުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން ހުއްދަ ހޯދަންޖެހޭ ކަމަށާއި ރަށުގެ ބިން ބޭނުންކުރެވޭ ގޮތުގެ ޕްލޭން މުރާޖައާކޮށް އެހެން ސަަރަހައްދުތަކުން ގޯތި ދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދިފައިވެއެވެ. އަދި ކުޅީގެ ސަރަހައްދުން ގޯތި ދޫކުރުމަށް ގަސްތުކުރާނަމަ ކުރަންޖެހޭ ދިރާސާތައް ކޮށް އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ރަށުގައި މިވަގުތު ގޯތި ބޭނުންވާ މީހުންގެ ނިސްބަތަށް ބަލާ މިހާރުން މިހާރަށް 800 ގޯތި ދޫކުރުމަށްވެސް މި ރިޕޯޓުގައި ހުށައަޅާފައިވެއެވެ.