ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑެއްގައި އެކަނި އޮވެ ދުވަސްނުފުރާ 6 މަހުގައި މީހަކު އިއްޔެ ވިހައިފި އެވެ.
އިއްޔެ ވިހޭ އަންހެން މީހާ މިނޫހާ މައުލޫމާތު ހިއްސާ ކުރަމުން ބުނީ ވޯޑުގައި އޮވެ އޭނާ ވިހާފައި ވަނީ އެކަނިއޮވެ އަމިއްލައަށް ކަމަށާއި، އެހީއަށް އެދިގޮވުމުން ނަރުހުން އައިސްފައިވަނީ ވަރަށް ގިނައިރު ފަހުން ކަމަށެވެ. އަދި އެހީވުމަށް ނަރުހުން އައިސްފައިވަނީ ވޯޑުގައި ތިބި އާންމުން އަޑުގަދަ ކުރުމުންކަމަށެވެ.
އަންހެންމީހާ ބުނީ ނަރުހުން އައިސް ކުއްޖާ ނެގުމެއް ނެތި ގެންދިޔައީ ލޭބަރ ރޫމަށް ކަމަށާއި ޑަކްޓަރެއް އައުމުން ނޫނީ އިތުރު ފަރުވާއެއް ނުދެވޭނެ ކަމަށް ބުނެ 30 މިނެޓް ވަންދެން ބޭއްވި ކަމަށެވެ.
“ވިހެއީ އެތާ ވޯޑުގަ އެކަނި އޮވެ. އެތާތިބި މީހުން އަޑުގަދަ ކުރީމަ ނަރުހުން އިރުގަނޑެއް ފަހުން އައިސް ގެންދިޔައީ އެއޮތްގޮތަށް. ކުއްޖަވެސް ނުނަގާ. އޮތީ ހަމަ ވިހޭ ގޮތަށް. ރޯއަޑުވެސް އިވުނު.” ވަރަށް އަސަރާއެކު އޭނާ ކިޔައިދިނެވެ.
މިކަމާއި ގުޅިގެން އޭނާގެ ފިރިމީހާ މިނޫހަށް މައުލޫމާތު ދެމުން ބުނީ މިދިޔަ ހަފްތާގައި ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ކުޑަކަމުނުދެވޭތީ ކަމަށާއި، އަންހެނުންގެ ހާއްސަ ޑަކްޓަރަކަށް ދެއްކުމަށް ބުނެ އިތުރު އެއްވެސް ފަރުވާއެއްނުދީ އެދުވަހު ގެއަށް ފޮނުވާލީކަމަށެވެ. އަދި ބަނޑުގައިރިހޭތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނެއްކާވެސް ހޮސްޕިޓަލަށް ދިޔުމުން ލޭބަރ ރޫމަށް ވައްދާފައި ޓެސްޓެއް ހެދުމަށް ކަމަށް ބުނެ ލޭބާ ރޫމުން ނެރެ ވޯޑަށް ބަދަލުކުރި ކަމަށެވެ. ނަމަވެސް އެއްވެސް ޓެސްޓެއް ހަދާފައި ނުވާކަމަށް އޭނާ ބުނެފައި ވެއެވެ.
އިއްޔެ އެކަނި އޮވެ މީހަކު ވިހެއިކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ވަހީދު ވެސް މިނޫހަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ދެމައިން ވަނީ ރޭ 9 ޖަހާއިރު ފްލައިޓްގައި މާލެ ގެންގޮސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވެއެވެ. އަދި މަންމަގެ ހާލު ރަނގަޅު ކަމަށާއި ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.