twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސަފާޔާ ހައުސް ހޯދައިފި

Feb 27, 2013

ޖަލާލުއްދީން ސްކޫލުގެ 14 ވަނަ އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސަފާޔާ ހައުސް ހޯދައިފި އެވެ.

ސަފާޔާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، އިއްޔެ ޓޮޕާޒް ހައުސްއާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ސަފާޔާ ޓީމުންނެވެ.

އިއްޔެ ކުޅެވުނު ފައިނަލް މެޗު ނިމުމުން ވަނަވަނައަށްދިޔަ ޓީމުތަކަށާއި ވަކިވަކި މެޗުތަކުގެ މޭން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނު ކުޅުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިއްޔެގެ މެޗުގައި ސަފާޔާގެ 2 ގޯލުވެސް ކާމިޔާބުކޮށްދިން މުހައްމަދު އަލީއެވެ. މީނާއަށް ވަނީ މުބާރާތުގެ ބެސްޓް މިޑްފީލްޑަރގެ މަގާމުވެސް ލިބިފައެވެ. މި މުބާރާތުގެ ބެސްޓް ފޯވާޑަކަށް ހޮވިފައިވަނީ ޓޮޕާޒް ހައުސްގެ އަންވަރު އާދަމްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައިވަނީވެސް އެޓީމުގެ މުހައްމަދު އާދަމެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރ އަކަށް ސަފާޔާގެ ޝާމިލް ހަސަން ހޮވިފައިވާއިރު ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ އެ ޓީމުގެ އަހުމަދު ރަޝީދެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގައި ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. މިގޮތުން މެދުނުކެނޑި 8 އަހަރު ވަންދެން އޮފިޝަލް ކަން ކޮށްދެއްވި އިބްރާހިމް ހަސަންގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުން ވަނީ ދީފައެވެ.

މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 އިން އިއްޔެގެ ނިޔަލަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

ފާއިތުވި އަހަރުގެ ޗެމްޕިއަންކަން ހޯދީ ޓޮޕާޒް ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355