ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އަކީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސިފައިންގެ އިން ބަޔާން ނަގާފައިވާ މީހެއްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމްގެ އުމަރު ނަސީރުގެ ކެމްޕެއިން ޓީމުގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އަކީ އެބޭފުޅާ ސިފައިންގޭގައި އުޅުއްވިއިރު މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ސިފައިންގެއިން ބަޔާން ނަގާފައިހުރި މީހެއް ކަމަށާއި، އެބަޔާން އަދިވެސް ސިފައިންގޭގައި އޮންނާނެ ކަމަށެވެ.
“މިރަށު މެމްބަރު ގަފޫރަކީ ސިފައިންގޭގައި އުޅުނު އިރު މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ބަޔާން ނަގާފަހުރި މީހެއް. އަޅުގަނޑުމެން ބުނާބަހަކީ އަޅުގަނޑަށް އެނގި ސާބިތުވެ އަޅުގަނޑުގެ ދެ ލޮލުން ދުށް ބަޔާނެއްގެ ވާހަކަ. މިހާރުވެސް އެބަޔާން ސިފައިންގޭގައި އޮންނާނެ. ހޯދާފަ ދައުވާ ކުރައްވާ.” ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އަދިވެސް ރައީސް ނަޝީދު ވެރިކަމަށް އައިސްފިނަމަ ވެރިކަމުން ވައްޓާލާނެ ކަމަށާއި ރައީސް ނަޝީދަކީ އިސްލާމްދީނަށް ފުރައްސާރަކޮށް މި ޤައުމުގައި ނަޞާރާ ދީން ފެތުރުވުމަށް މަސައްކަތް ކުރެއްވި ފަރާތެއް ކަމަށެވެ.
އިބްރާހިމް ނާޒިމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 37 ފަހަރު ފުލުހުން ހައްޔަރު ކޮށްފައިވާ ފަރާތެކެވެ.