ހިރިމަރަދޫއިން އަހުމަދު މުޙައްމަދު
ހިރިމަރަދޫގެ ބަނދަރުގެ މައްސަލާގައި އެރަށު ރައްޔިތުން ކުރަމުންދާ އިހްތިޖާޖަކީ ކުރުން ހައްޤު އިހްތިޖާޖެއްކަމަށާއި، އެ އިހްތިޖާޖަށް އޭނާއާއި އެމްޑީޕީގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖްލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރ ޢަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އަހުމަދު ރަޝީދު މިހެން ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ހިރިމަރަދޫއަށް ވަޑައިގެން އެރަށުގައި އިހްތިޖާޖް ކުރަމުންދާ ފަރާތްތަކާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އަހުމަދު ރަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ހިރިމަރަދޫ ބަނދަރުގެ މައްސަލާގައިރައްޔިތުން ކުރަމުންދާ އިހްތިޖާޖަށް ސަރުކާރުން އިޖާބަ ނުދެއްވާތީ ހައިރާންވެ ވަޑައިގަންނަވާކަމަށާއި، މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖްލިސް ތެރެއިން ކުރައްވަންޖެހޭ އެންމެހާ މަސައްކަތްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިހްތިޖާޖްގެ ބައިވެރިންނަށް ދެއްވާކަމަށެވެ. އަދި މިމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮތް އިހްތިޖާޖްގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދުވެސް އިހްތިޖާޖްގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވި އެވެ. ޝިފާގެ ވާހަކަފުޅުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށާއި ބައިނަލްއަޤްވާމި ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށް މިކަން ގެންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ހިރިމަރަދޫގެ ރައްޔިތުން އަސާސީ ހައްޤު ހޯދުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ.
ހިރިމަރަދޫގައި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށްގޮވާލައި އެރަށު ރައްޔިތުން މެދުނުކެނޑި އިހްތިޖާޖް ކުރަމުންދާތާ މިހާރުވަނީ 10 ދުވަސް ވެފައެވެ.