twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތިމާވެށި ހިމާޔަތްކުރުން އެއީ އެންމެންގެ މަސައްކަތަކަށް ހަދަންޖެހޭ

Apr 1, 2013
3

ނޫރައްދީން ޙަސަން

އަހަރެމެންގެ ވަށައިގެން ވާ ތިމާވެށި ނުވަތަ އިނގިރޭސި ބަހުންނަމަ “އެންވަޔަރުމެންޓް” ހިމާޔަތް ކުރުމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، މީހުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ދުވަސްތައް ފާހަގަ ކުރެއެވެ. އަދި އެކިއެކި މާލަމް ތަކުގައި އެވާހަކަތައް ދައްކާ، ބައްދަލުވުންތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް މުއާހަދާތައް އެކުލަވާލަ އެވެ. ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރާއިރު، އަހަރެމެންނަށް ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ބައެއް ކަންތައްތައް ކުރެވިދާނެ އެވެ.

ތިމާވެށި ހިމާޔަތްކުރުމަކީޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ. އެއީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސްކޫލެއްގައި އޮންނަ ޖަމިއްޔާއެއްގެ އެކަނި ކަމެއް ވެސް ނޫނެވެ. ރަނގަޅު ތިމާވެއްޓެއްގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ސިއްހީ އަދި އެހެނިހެން ފައިދާތައް ކުރެއެވެ. އަދި ރަނގަޅު ތިމާވެއްޓެއް ނެތްނަމަ ގިނަ ގިނަ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. ރަށެއްގެ މީހުން ކުރިއެރުމަށްޓަކައި އެމީހުންނަކީ ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. އެކަން ވާނީ ރަނގަޅު ތިމާވެއްޓެއް އޮވެގެންނެވެ. ރަނގަޅު ތިމާވެއްޓަކާނުލާ ކުރިއެރުމެއް ނުލިބޭނެ އެވެ.

އަހަރެމެން ނޭވާލާން ބޭނުންކުރާ ވަޔަކީ ސާފު އެއްޗަކަށް ވާންޖެހެވެ. މިވައި ސާފުކުރެވޭނީ ތިމާވެށި ރަނގަޅަށް ބަލަހައްޓައިގެންނެވެ. ރަށުގެ އާބާދީ ބޮޑުވަމުން ދިއުމުގެ ސަބަބުން އުކާލެވޭ ކުނި ގިނަވެއެވެ. އަދި މަގުމައްޗަށް ކުނިއެޅުންވެސް އާއްމު ވެއެވެ. ގިނަމީހުން ބޭކާރު ތަކެތި އެއްލާލަނީ މަގުމައްޗަށެވެ. މީގެ ސަބަބުން ރަށުގައި ނުބައި ވަސް ފެތުރި އަދި ބަލިތައް ފެތުރެއެވެ. މަގުމަތީގައި ކުނި ގިނަވުމުން ހިނގާ ބިނގާވެ އުޅޭމީހުންނަށް ވަރަށް އުނދަގޫވެއެވެ. ރީތިވެގެން ހަވީރު ފިންޏަށް ނުކުންނަ މީހާ ނުވަތަ އޮފީހަށް ދާން ހިނގާފައިދާ މީހާއަށް ނޭނގި އެތަކެއްޗަށް އެރި އަނބުރާ ގެޔަށް ދާންޖެހިފައި އެބަހުއްޓެވެ. އަނެއްބައި ފަހަރު ބައިސްކަލު ނުވަތަ ސައިކަލުގައި ދުއްވާފައިދާ މީހާއަށް، އެއްލާލައިފައި އޮންނަ ފުޅިއަކަށް ނުވަތަ ދަޅަކަށް އެރި ނުރައްކާތެރި އެކްސިޑެންޓާ ކުރިމަތި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އުކާލެވޭ ކުންޏާއި އަންދާ ކުނީގެ ސަބަބުން ޖައްވަށް ވިހަ ގޭސް ތަކެއް ފެތުރިގެން ދެއެވެ. މިގޭސްތަކުގެ ސަބަބުންވެސް ވަރަށް ގިނަ ގެއްލުންތައް ވެއެވެ. ބަލިތައް ފެތުރެއެވެ. ނޭވާލުމަށްވެސް އުނދަގޫވެއެވެ. މިގޭސްތަކުގެ ސަބަބުން ދުނިޔެ ވަނީ ވަރަށް ބޮޑުތަން ހޫނު ގަދަވެފައެވެ. އެއީ ދުނިޔޭގެ ޖައްވުގައި ގިނަ ގްރީން ހައުސް ގޭސްތައް ފެތުރެމުން ދާތީއެވެ. ދުނިޔެ ވަށައިގެންވާ އޯޒޯން ފަށަލަ ވަނީ މިގޭސް ތަކުގެ ސަބަބުން ހަލާކުވެފައެވެ. މި އޯޒޯން ފަށަލައަކީ ނުރައްކާތެރި އަލްޓްރާވައިލެޓް އަލި ތަކުގެ ސަބަބުން ދުނިޔެ ރައްކާތެރިކޮށްދޭ ފަށަލައެކެވެ. އެހެންވީމާ މިގޭސްތަކަކީ ތިމާވެއްޓަށް ވަރަށް ނުރައްކާތެރި ގޭސް ތަކެކެވެ. ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފެކްޓްރީތަކުން ބޭރުކުރާ ދުން މަދުކުރެވޭތޯ ބަލަންޖެހެއެވެ. ސޮއި ކޮށްފައިވާ މުއާހަދާތަކަށް އަމަލު ކުރާކަން އަމަލީގޮތުން ދައްކަން ޖެހެއެވެ. ރަށު ފެންވަރުގައި ނަމަ ކުނި އެންދުމުގައި ނުވަތަ ކުނިނައްތާލުމުގައި ރައްކާތެރި ގޮތްތަކެއް ހޯދުން ވަރަށް މުހިއްމެވެ.

ރަށު ފެންވަރުގެ އިތުރުން ގައުމީ ފެންވަރުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ. ރަނގަޅު ތިމާވެއްޓެއް ނެތްނަމަ މުޅިގައުމަށް ވެސް ގެއްލުންތައް ވެދެއެވެ. މިސާލަކަށް ފަތުރުވެރިކަން ނަގަމާތޯއެވެ. ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ދާއިރާ އެވެ. ނަމަވެސް ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުނެ ފަތުރުވެރިކަން ދަށަށް ދިއުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަހަރެމެންގެ ތިމާވެށި ހަލާކުވެ ރީތި ގޮނޑުދޮށްތައް ގޮނޑުތަކަކަށް ވެއްޖެނަމަ ޓޫރިސްޓުންނެއް ނާންނާނެ އެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުންނެތިގޮސްފި ނަމަވެސް ފަތުރުވެރިކަން ދަށްވެގެން ދާނެ އެވެ.

ޓޫރިސްޓުންގެ ވާހަކަ ދައްކާއިރު، ޓޫރިސްޓުންގެ ފަރާތުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކަ ވެސް ދެއްކި ދާނެއެވެ. އެކި ގައުމުތަކުން އަންނަ ފަތުރުވެރިން ތިމާވެއްޓަށް ގެއްލުން ވާނެފަދަ ކަންތައްތައް ކުރެ އެވެ. އެމީހުން ޑައިވިންއަށް ގޮސް އުޅޭއިރު ފަރުތަކުގައި ހުންނަ ކޮރަލް ތަކުގައި އަތްލާ، އެ ތަކެތި ނައްޓާ ހަދައެވެ. އެކަމުގެ ސަބަބުން ފަރުތައް ހަލާކުވުން އެކަށީގެންވެއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ވާހަކައަކީ އާވާހަކައެއް ނޫނެވެ. މިލިޔުމުގައި މިހިމަނާލީވެސް އޭގެތެރެއިން މަދު ކަންތައްތަކެކެވެ. ބޭނުމަކީ އަނެއްކާވެސް އެކަންކަމަށް ސިކުނޑި ހިންގާލުމަށް އެހީތެރިވެދިނުމެވެ. ނަމަވެސް ހަމައެކަނި އެކަމުގެ ވާހަކަ ދެއްކުމަކުން ނަތީޖާއެއް ނުފެންނާނެއެވެ. އަދި އަހަރެމެންގެ ތިމާވެށި ސަލާމަތް ކުރުމަށް އެހެންބަޔަކު ނާންނާނެ އެވެ. އެކަމަށް ތިބީ އަހަރެމެންނެވެ. މިކަންތައް ލަސްކުރުމުން ގެއްލުން ލިބޭނީ ހަމަ އަހަރެމެންނަށެވެ. އެހެންވީމާ މިކަމަށް އެންމެންގެ އެއްބާރުލުމާއެކު ތިމާވެށި ހިމާޔަތް ކުރުމަށް އަތްތައް ގުޅާލަމާހެވެ.

ނޯޓް: ނޫރައްދީން ހަސަން އަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންއަންނަ ދަރިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355