އެޕްރީލް މަހުގެ ފުރަތަމަ ދުވަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އެޕްރީލް ފޫލްސްޑޭގެ ނަމުގައި މީހުންނަށް ލަނޑުދިނުމަށް ހާއްސަ ދުވަހެއް ގޮތަށް ފާހަގަ ކުރާ ދުވަހެކެވެ. ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް އެދުވަހު ލަނޑެއް ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްކަމުގައި ދެކިގެން ބޮޑެތި ލަނޑުދީފައި އެބަހުއްޓެވެ. އަމިއްލަ ފަރުދުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވެސް އެދުވަހު މީހުން މޮޔަހައްދާފައި އެބަހުއްޓެވެ. އެންމެންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ޓެކް ކުންފުނި ގޫގުލް އަކީ މިކަމުގައި އަރައިތިބި ބަޔެކެވެ.
ކޮންމެ އަހަރަކުވެސް ގޫގުލް އިން ދުނިޔޭގެ އެތައްބަޔަކު މޮޔަކޮށްލާފަދަ ކަންތައްތައް ކޮށްފައި އެބަހުއްޓެވެ. މިއަހަރަކީ ވެސް މިގޮތުން ފާހަގަ ކޮށްލެވުނު އަހަރެކެވެ. މިއަހަރުގެ އެޕްރީލް އެއްވަނަ ދުވަހު ގޫގުލް އިން ވަނީ ބޮޑު 4 ދޮގު ހަދާ މީހުން ފޫލް ހައްދާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ގޫގުލް ނޯސްގެ ނަމުގައި ކޮމްޕިއުޓަރުން ވަސް ބެލޭ ޚިދުމަތެއް ތައާރަފް ކޮށްފިކަމަށް އަޑު ފަތުރުމެވެ. ގޫގުލްގެ ވެބްސައިޓްގައި ގޫގުލް ނޯސް ބީޓާގެ ނަމުގައި ހާއްސަ ސެކްޝަންއެއް ހަދައި އެކުންފުނިން ވަނީ އެހިދުމަތް ތައާރަފް ކުރިކަން އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރާ ވަރު ކޮށްފަ އެވެ. އަދި ގޫގުލް ނޯސް އިން ކުރެވޭ ކަންތައްތައް ވީޑިއޯގައި ވަނީ ހިމަނާފައެވެ. މިގޮތުން ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް އަދި ފޯނު ބޭނުންކޮށްގެން ތަފާތު އެއްޗެހީގެ ވަސްބަލާތަން ވަނީ ދައްކާފައެވެ. ތިރީގައި މިހިމަނާލަނީ ގޫގުލް ނޯސް ގެ ވީޑިއޯ އެވެ.
ގޫގުލް ނޯސް ބީޓާއަކީ މީހުން މޮޔަކޮށްލުމަށް ގޫގުލް އިން ހެދި ދޮގެއް ކަމުގައި ވިޔަސް، އެފަދަ ފީޗަރސްތައް ހިމެނޭ ކޮމްޕިއުޓަރު ކައިރި މުސްތަޤްބަލެއްގައި ތައާރަފް ކުރާނެކަމަށް ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ގޫގުލް ނޯސްގެ އިތުރުން ގޫގުލް އިން އެޕްރީލް ފޫލް ހެއްދުމަށް ދެން އިއުލާން ކުރި ކަމަކީ ގޫގުލްގެ މެއިލް، ޖީމެއިލް ބްލޫ (ނޫކުލައިގެ ޖީމެއިލް) ތަޢާރަފް ކުރި ވާހަކައެވެ. ނަމަވެސް އެއީވެސް ހަމަ ރަތްލާޖެހި ދޮގެކެވެ. ދެން އޮތީ ގޫގުލް މެޕްސްގެ ވާހަކައެވެ. ގޫގުލް އިން ވަނީ އެދުވަހު ޓްރެޒަރ މެޕެއް ހަދައިފި ކަމަށް ބުނެފައެވެ. އަދި 8 އަހަރަށް ފަހު ޔޫޓިއުބް ހުއްޓާލަން އުޅޭ ވާހަކަވެސް އެކުންފުނިން ވަނީ ފަތުރާފައެވެ. ނަމަވެސް މިއީ މުޅިންވެސް މަޖަލަކަށް ކޮށްފައިވާ ކަންތައްތަކެވެ.