twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފިލްމް ރިވިއު - ބީވީމާ: ހުރިހާ ކަމެއްވެސް ފުރިހަމަ

Feb 8, 2023
3

ޒަމާންގަނޑަކަށްފަހު ދިވެހި ސިނަމާގެ ސިލްވަރ ސްކްރީންއަށް އައި ޑާރކްރެއިން އެންޓަރޓެއިންމެންޓްގެ ދިވެހި ފިލްމު 'ބީވީމާ'ގެ ޕްރިމިއަރ ޝޯއަށް ދިއުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޑާރކްރެއިން އެންޓަރޓެއިންމެންޓަށް އަދި ފިލްމުގެ ޑައިރެކްޓަރ އަހުމަދު ޒަރީރަށް ޝުކުރު އަދާކުރަމެވެ.

2 ގަޑި އިރާއި 15 މިނެޓްގެ މި ފިލްމާމެދު އަޅުގަނޑުގެ ޙިޔާލު ހިއްސާކޮއްލާނަމެވެ. މިއީކޮވިޑްގެ ލޮކްޑައުންތެރޭގައި 2020ގެ ޖޫންމަހު ޝޫޓިން ފެށި ފިލްމެކެވެ. ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ޓީމުން ބުނާގޮތުން މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ހިނގީ ދެ ލޮކްޑައުން ދޭތެރެއިން ކަހަލަ ގޮތަކަށެވެ. ފިލްމު ސިނަމާއަށް މިއައީ ކަރަންޓީން އުވާލިތާ އެތައް ދުވަހެއްފަހުންނެވެ.

މި ފިލްމަކީ ލަވަކިޔުމުގެ ދާއިރާއިން ރާއްޖޭގައި އެންމެ ހިތްގައިމު އެއް އަޑުގެ ވެރިޔާ މަރިޔަމް އަޝްފާ ގެ ޑެބިއު ފިލްމަށް ވުމުން މި ފިލްމު ބަލަން ދެވުނީ ލަވަކިޔުމުގައި އެ ޖައްސާ ޖާދޫގައި ސްކްރިންގައި ދައްކުވައިދޭ ހުނަރުން ޖެހިދާނެ ބާއޭ ހިތަށް އަރުވަމުންނެވެ. ދިވެހި ސިނަމާއަށް އައިސްފައިވާ ގިނަ އުފެއްދުންތަކެއް ގެނެސްދީފައިވާ އަހުމަދު ޒަރީރު ޑައިރެކްޓަރުގެ ގޮނޑި އަލަށް ފުރާފައިވަނީ ކިހާ ފުރިހަމަކޮއްތޯ ހިތާ ހިތާ ސުވާލު ކުރަމުންނެވެ.

މިފިލްމަކީ އެތައް ބައެއްގެ ގިނަ ހަނދާންތަކެއް އާ ކުރުވާނެ ފިލްމަކަށް ވެގެންދާނެއެވެ. މި ފިލްމުގައި ދައްކައުވައިދީފައިވާ މައިގަނޑު 2 ކެރެކްޓާރ ކަމަށްވާ ރާނިޔާ އަދި އަޔާ ގެ ބައި ފުރިހަމަ ކޮއްދީފައިވާ ކާސްޓުން މި ކެރެކްޓަރ ތަކުގެ އިހުސާސްތައް ގެނެސްދީފައިވަނީ ބަލަން އިންނަ މީހަކަށް ހިމޭންކަމުގެ ތެރެއިން އަސަރުކުރާހާ ފުރިހަމައަށެވެ. އެކަން ކަށަވަރުކުރުމުގައި ފިލްމުގެ ޑައިރެކްޓަރ ވަނީ ކާމިޔާބު ހާސިލްކޮއްފައެވެ.

މެއިން ކާސްޓުގެ ކުޑައިރުގެ ދުވަސްތައް ދައްކުވައިދިން އާޝާ އަދި ޒިދާން މި ފިލްމުގައި ދައްކުވައިދީފައިވަނީ ހުނަރުން ފުރިގެންވާ ބަސްމަދު ކުޑައިރުގެ ދެ ލޯބިވެރިންގެ ރޯލެވެ. ކުރިޔާއި މިހާރު ގުޅުވައިދިނުމުގައި ބޭނުންކޮއްފައިވާ މަންޒަރުތައް ފަޅުފިލައެވެ. 20 އަހަރުފަހުން ކުޑައިރުގެ ދެ ލޯބިވެރިން ބައްދަލުވާއިރު ފެންނަ މަރިޔަމް އަޝްފާ އަދި އިސްމާއިލް ރަޝީދުގެ ކެމިސްޓްރީ ތިޔަބޭފުޅުން ސިނަމާއަށް ގޮސް ބަލާލަން އަޅުގަނޑު ދޫކޮއްލާނަމެވެ.

އަޝްފާ: ލަވަކިޔުމުގެ އިތުރުން ސްކްރީނުގައި ތިޔަ ދައްކުވައިދިން ހުނަރަކީ ދިވެހި ސިނަމާއަށް ވަރަށް ފުރިހަމަ އާ ކޮމްބޯއެކެވެ. ފިލްމުގައި ހިމަނާފައިވާ އަސަރު އަޝްފާގެ މަޑުމައިތިރި ކެރެކްޓަރގައިވަނީ ފުރިހަމަޔަށް ގެނެސްދީފައެވެ.

އިއްސެ: ކުރިން ހުށައަޅައިދީފައިވާ އެވޯރޑް ވިނިން ޕަރފޮރމަންސްތަކެކޭ އެއްވަރަށް ބީވީމާގައިވެސް އިއްސެގެ ބަޔަށް ބުނެލަން އޮތީ ހަމަ ވަރަށް ފުރިހަމައެވެ.

އާޝާ: އާންމުކޮއް އާޝާ ފެންނަ ގޮތާއި މި ފިލްމުގައި އާޝާގެ ފެނިލުން އާޝާ ފިލްމުގެ ޕްރިމިއަގެ ކުރިން ބުނިހެން ތަފާތެވެ. ވަރަށް އުންމީދީ ފަންނާނެކެވެ.

ނާނަ: ދިވެހި ސިނަމާގެ އެންމެ ފުންނާބު އުސް އެއް ފަންނާނު ކޮޕީ އިއްސެގެ ކުޑައިރުގެ ރޯލު ނާނަ ވަނީ ޝަކުވާއެއް ކުރެވޭނެ ޖާގައެއް ނެތްވަރަށް ފުރިހަމަޔަށް ހުށައަޅައިދީފައެވެ. ހުނަރުވެރިއެކެވެ.

އިތުރު ކެރެކެޓަރުންގެ ގޮތުގައި ފިލްމީ ގިނަ ފަންނާނުންތަކެއް މި ފިލްމުން ފެނިގެންދިޔައެވެ. މި ފިލްމުގެ ބެކްމިއުޒިކް އަދި ސިނެމެޓޮގްރަފީ ކަންފަތަށް ފަސޭހަވެފައި ލޮލަށް އަރާމެވެ. ކެމެރާގެ މޭސްތިރިއަކީ އިބްރާހިމް ވިޝާން -ކަނޑި އެވެ. އެހާރާއި މިހާރުގެ މަންޒަރުތަކުގައި 'އެޓެންޝަންޓު ޑީޓެއިލް'އަށް ވަރަށް ބުރަ މަސައްކަތް ކޮއްފައިވާކަން ފާހަގަކުރަމެވެ. ފިލްމުގައި ހިމަނާފައިވާ ނަސްމާ އަބްދުލް މުހުސިން އަދި އަހުމަދު ފަޒާލް މުހިސިންގެ 'ހަދިޔާ' ވަރަށް ފިލްމުގެ މަންޒަރުތަކަށް ދިރުން ގެނެސްދިނެވެ. ޝަމްއޫން މުހައްމަދު އަދި މީރާ މުހައްމަދު މާޖިދުގެ 'ސިއްރު' ވެސް އެންމެ ހިމޭންވަގުތު ތަކުގައި ހިތާއި ކުޅެލިއެވެ. ފިލްމުގެ ތީމްލަވަ 'ބީވީމާ' އަކީ މަރިޔަމް އަޝްފާ އަދި ޝަލަބީ އިބްރާހިމްގެ ލޯބީގެ އަސަރުގަދަ ލަވައެކެވެ. ފިލްމު ބަލާލީމާ އަދި އެލަވަ ވަކިން ރީތިވާނެއެވެ.

ކޮންމެއަކަސް ދިވެހި ސިނަމާގައި ދިވެހި ފިލްމަކަށް ފުރަތަމަ ބަލާލަން ލިބުނު އަހުމަދު ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން ބީވީމާއަކީ ހިތްގައިމު ފިލްމެކެވެ. ޑައިރެކްޓަރގެ ގޮނޑިއަށްވެސް ކުޅަދާނެއެވެ. ޑާކްރެއިން ގެ ކުޑައިގެ ދަށަށް އިތުރުވި ޗާލު ބޮޅެކެވެ. ހަމަ އެހެންމެ މިފަހުން ޑާރކްރެއިންއިން ގެނެސްދީފައިވާ އުފެއްދުންތަކާއި މި ފިލްމުގެ ރަހަ ތަފާތެވެ. މިއީ ކުރިޔަށް ހުރި ޑާރކްރެއިންގެ އުފެއްދުންތަކަށް އަންނާނެ ބަދަލެއްގެ މަލަމަތި ކަމަށްވެސް ވެދާނެއެވެ. ޓީމަށް މަރުހަބާއެވެ.

ރިވިއު ލިޔުނީ: އިނާޔަތު ޢަލީ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355