twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހދ. އޭއީސީގެ ހޯލު އިމާރާތްކުރުމުގެ މަސައްކަތް ބާތިލްކޮށް ގދ. އަތޮޅުގައި 12 ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރަން އެޑިއުކޭޝަނުން އިއުލާން ކޮށްފި

Apr 5, 2013

– ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހޯލެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ރޫހެއް ނެތް : ޕްރިންސިޕަލް ޒިޔާދު

ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ހޯލު އިމާރާތްކުރުމުގެ މަސައްކަތް ބާތިލްކޮށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކްލާސް ރޫމްގެ 3 ބުރީގެ އިމާރާތަކާއި ހޯލެއް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ ބިންގާ ރައީސް ނަޝީދުގެ ވެރިކަމުގައި އެޅުއްވުމަށްފަހު އެކިފަހަރު މަތިން ހޯލުގެ މަސައްކަތް ކުރުމަށް އިއުލާން ކުރެވިފައި ވެއެވެ. އަދި މިކަމާ ގުޅިގެން އެންމެ ފަހުން ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާން އެޑިއުކޭޝަން މިނިސްޓްރީގެ އެދިލެއްވުމަކަށް ބާތިލް ކޮށްފައިވާ ކަމަށް 26 މާރޗްގައި ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ އިއުލާނެއްގައި ވެއެވެ. އަދި ހަމަ މިދަނޑިވަޅުގައި ވަނީ ގދ. ނަޑެއްލާ ސްކޫލުގައި 5 ކުލާސް ރޫމަކާއި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކުލާސް ރޫމް ހިމެނޭ 3 ބުރީގެ އިމާރާތަކާއި ހޯލެއް އިމާރާތް ކުރުމަށް އިއުލާން ކޮށްފަ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހޯލެއް  އެޅުމުގެ ރޫހެއް އެޑިއުކޭޝަން މިނިސްްޓްރީ ގައި ނެތް ކަމަށާއި އެބޭފުޅުން ތަންފީޒު ކުރަމުން ގެންދަވަނީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ ސިޔާސަތު ތައް ކަމަށެވެ.

“އެއްވެސް ރޫހެއް ނެތް ހދ އަތޮޅު ތަޢުލީމީ މަރުކަޒު ގައި ހޯލެއް އެޅުމަކަށް. އެބޭފުޅުން ތަންފީޒު ކުރަމުން އެގެންދަވަނީ އެބޭފުޅުންގެ  ސިޔާސީ ސިޔާސަތު ތައް.” ހިތްހަމަނުޖެހިފައި ހުންނެވި ޒިޔާދު ވިދާޅުވި އެވެ.

އުތުރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސް ވީ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ވިދާޅުވި މިނިސްޓްރީން އިއުލާން ކުރީވެސް އަދި ބާތިލް ކުރި އިރުވެސް ސްކޫލަށް އެކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.

ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިހޯލަކީ 500 މީހުންގެ ޖާގައިގެ ހޯލެކެވެ. މިހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް ހިމެނެއެވެ. މީގެ އިތުރުން ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމު ހިމެނެއެވެ.

4.1 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކީ މީގެ 2 އަހަރުން ކުރިން ބަޔަކާ ހަވާލު ކޮށް  8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައި އޮތް ޕްރޮޖެކްޓެކެވެ. އެހެން ނަމަވެސް ނަޝީދުގެ ސަރުކާރުގައި ވެސް އަދި ވަހީދުގެ ސަރުކާރުގައި ވެސް ހޯލުގެ މަސައްކަތް ފެށުމަށް ވަނީ ނުކުޅެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355