އާދަމް އިސްމާއިލް ލީގުގެ ނިމިދިޔަ ހަފްތާ ބަންދުގެ ފުރަތަމަ މެޗް އެއްވަރުވިއިރު ދެވަނަ މެޗް ފަސޭހަކަމާއެކު ކޮރަލްސް ކާމިޔާބު ކޮށްފި އެވެ.
ކޮރަލްސް ދަނޑުގައި ކުޅުނު މި ހަފްތާ ބަންދުގެ ފުރަތަމަ މެޗްގައި ހިރަފުހާއި ޓީމް ކޮރަލްސް ބައްދަލުކޮށް އެއްވަރުވީ 2 ލަނޑު 2 ލަނޑުންނެވެ. މި މެޗްގައި ހިރަފުހުގެ ލަނޑުތައް ޖަހައިދީފައިވަނީ އާދަމް އިލްހާމާއި އަޝްރަފް މުހައްމަދެވެ. އަދި ޓީމް ކޮރަލްސްގެ ލަނޑުތައް ޖަހައިދީފައިވަނީ މުހައްމަދު އަލީ އާއި މުހައްމަދު ނަދީމެވެ.
ހުކުރު ދުވަހު އޮތް މި މެޗްގައި ގިނަ ކާޑު ތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ހިރަފުހުގެ މުހައްމަދު ހަސަނަށާއި، އަލީ ޝިޔާމްގެ އިތުރުން އަޝްރަފް މުހައްމަދަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ކޮރަލްސްގެ މުހައްމަދު ނަދީމަށާއި މުހައްމަދު އާދަމް އާއި މުހައްމަދު އާތިފްގެ އިތުރުން އަބްދުﷲ އަބޫބަކުރަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރަފުހުގެ ފަރުހަތު މުހައްމަދެވެ.
ނިމިދިޔަ ހަފްތާ ބަންދުގެ ދެވަނަ މެޗް ކޮރަލްސް ޔުނައިޓެޑް ކާމިޔާބުކުރީ ޒެޑް ވައި އެލް އާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުންނެވެ. މި މެޗްގެ ފުރަތަމަ މިނެޓުގައި އެޓީމްގެ އަހުމަދު އިބްރާހިމް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި 21 ވަނަ މިނެޓްގައިވެސް އޭނާ ލަނޑެއް ކާމިޔާބުކޮށްދީފައިވެއެވެ. އިއްޔެގެ މެޗްގައި އެޓީމްގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ މޫސާ ނައީމެވެ.
ހޮނިހިރު ދުވަހުގެ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ކޮރަލްސް ޔުނައިޓެޑްގެ ސިރާޖު މުހައްމަދު ހޮވިފައިވާއިރު ޒެޑްވައި އެލްގެ ސައިފުﷲ ހަސަންއަށް ވަނީ މިމެޗުގައި ރަތްކާޑުވެސް ދައްކާފައެވެ.
ލީގުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު މިހާރު އޮތީ ޓީމް ކޮރަލްސް އެވެ.