ޕީޕީއެމްގެ ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ހަޒާންދާރު އަދި ކުޅުދުއްފުށީގައި އެޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ބޭފުޅެއްކަަމަށްވާ މުހައްމަދު އިގުބާލު (ދިނަށަ މުހައްމަދުބެ) އެޕާޓީން ވަކިވާން ނިންމައިފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން މުހައްމަދު އިގުބާލު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ޑިމްކޮރަސީ ގެ އުޞޫލުތައް ނެތި ވަކި މީހެއްގެ ބާރާއި ނުފޫޒު ފެންނަން ފެށުމަކީ ޕާޓީން ވަކިވާން ނިންމި ސަބަބު ކަމަށެވެ. އަދި ނިމިދިޔަ ޕީޕީއެމްގެ އެތެރޭގެ އިންތިހާބަށް އަލިއަޅުވާލަމުން މުހައްމަދު ވިދާޅުވީ މައުމޫނު އެއްފަރާތަކަށް ވެސް ޖެހިވަޑައި ނުންގަންނަވާނެ ކަމަށް ވިދާޅުވެ އެންމެ ފަހު ވަގުތު ފެނިގެން ދިޔައީ ރައީސް މައުމޫނުގެ 4 ބޭފުޅުން ވަކި ކެނޑިޑޭޓެއްގެ ފަހަތުން ވަޑައިގެންނެވިތަން ކަމަށެވެ. އަދި އޭއީ މައުމޫނުގެ އިޒުނަފުޅު ލިބިގެން ކުރެއްވިކަމެއް ކަމަށް މުހައްމަދު އިގުބާލު ތުހުމަތު ކުރެއްވިއެވެ.
ޕީޕީއެމްގެ ކުޅުދުއްފުށީގެ އެންމެ އިސް އެކަކު ކަމަށްވާ މުހައްމަދު އިތުރަށް ވިދާޅުވީ ޕާޓީގެ އިސްބޭފުޅުންގެ ކައިރީގައި ބުނާ ވާހަކަ ތަކަކީ މާ އޮއްޓަރު ހުރި ވާހަކަ ތަކަކަށް ނުވާއިރު، “ދޯނި ފަޅުގައި އަޅައިގެން މަހަށް ނުގޮސް ބޭކަރު ކަންތައް ކުރަން ތިބުމުގެ ބޭނުމެއް ނެތް” ކަމަށެވެ.
މުހައްމަދު އިގުބާލު އަކީ ކުޅުދުއްފުށީގެ ޕީޕީއެމްގެ ނުފޫޒު ގަދަ ބޭފުޅަކަށް ވާއިރު ނިމިދިޔަ އެޕާޓީގެ ޕްރައިމަރީ ގައި ފެނިގެން ގޮސްފައިވަނީ އުމަރު ޓީމާއި އެކުގައެވެ. ޕީޕީއެމްގެ ކުޅުދުއްފުށީގެ އަސުރުމާ ގޮފީގެ ހަޒާންދާރުގެ އިތުރުން މުހައްމަދުބެ އަކީ ކުޅުދުއްފުށީގެ ހީވާގި ކެޔޮޅެއްމެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޢަބްދުﷲ ޔާމީނާއި ވާދަކޮށް ބަލިވި އުމަރު ނަސީރު، އެޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއްކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި އެމައްސަލައިގައި ޕާޓީގެ ގަވައިދުތަކާއި ހިލާފަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށް ބުނެ އެޕާޓީގެ ސްލޫކީ ކޮމެޓީން އުމަރު މާއާފަށް އެދެން އަންގަވާފައިވާތީ ކުޅުއްފުށީ ޕީޕީއެމްގެ 2 ގޮފިތެރޭ ގައިވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެފައި އެވެ.