twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށި ސިއްސުވާލި، ނޮޑީގެ މަރުގެ ހާދިސާއަށް އެއް އަހަރު

Apr 23, 2013

މިދިޔަ އަހަރުގެ މި ދުވަހަކީވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހަމަ އާދައިގެ ދުވަހެކެވެ. އެހެން ނަމަވެސް އެދުވަހުގެ އިރު އެރުމާއިއެކު ތުންތުންމަތިން ރަށުތެރޭގައި އާއްމުވެގެންދިޔައީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ ކަމުގެ ވާހަކައެވެ. މަގުމައްޗަށް ނުކުމެ ބޭރު ބަލާލީމެވެ. އޭރު ހޮސްޕިޓަލް ކައިރީގައި އެކި އުމުރުގެ ގިނައަދަދެއްގެ ބަޔަކު ތިއްބެވެ. ގިނައީ ޒުވާނުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ނުތަނަވަސްކަމާއި ރިހުން ފެންނަމުން ދިޔައެވެ. އޭރުވެސް މަރުވެގެން އުޅެނީ ކާކުކަމެއް އަލުގަނޑަކަށް މޭރުމެއް ނުވެއެވެ. ހުރިފިޔަވަޅުމަތީ މަޑުކޮށްލައިގެން މަންޒަރު ބަލަން ހުއްޓާ ދެން އިވުނީ އަދިވެސް ޤަބޫލުކުރަން ބޭނުންނުވާ އަޑެކެވެ. އާއެކެވެ. އަޅުގަނޑަށް ކުއްލި ހައިރާން ކަމެއް ލިބިގެންދިޔައީ ނިޔާވީ އެންމެންގެ “އެކުވެރި ނޮޑީ”ކަން އެނގުމުންނެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވިޔަސް އެއީ ހަޤީގަތެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަސް މުޅި ކުޅުދުއްފުށި ރޮއްވާލީ ނޮޑީގެ ނިޔާވުމުގެ ހިތާމަވެރި ޚަބަރެވެ.

ކުޅުދުއްފުށީ ދިއްތުނޑި، އިބްރާޙީމް ޙަސަނާއި އައިޝަތު އަބްދުﷲ އަށް ލިބިފައިވާ 8 ކުދިންގެ ތެރެއިން އަހުމަދު އިބްރާހީމަކީ 6 ވަނަ ކުއްޖާއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ 3:55 ހާއިރު ކުޅުދުއްފުށީ ނަމޫނާ ހިނގުމުން އިރަށް ދުއްވާފައިދިޔަ ސައިކަލެއް “ފެހިވިނަ” ގޭ ފާރުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެެންޓް ހިނގިއިރު ސައިކަލްގެ ފަހަތުގައި އިން ކުޅުދުއްފުށީ ދިއްތުނޑި އަޙްމަދު އިބްރާހީމަށް ފަރުވާ ދެމުންދަނިކޮށް އެރޭ ނިޔާވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

“އެކްސިޑެންޓް ވެގެން އުޅޭކަން އެނގުނީ ހެނދުނު މަންމަ ގޮވުމުން. ދެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށް.” ނޮޑީގެ އެއްބަނޑު އެއްބަފާ ބޭބެ ޒިޔާދު އެދުވަހުގެ ހިތްދަތިކަން ތަޖުރިބާކުރި ގޮތް ކިޔައިދެމުން ބުންޏެވެ. ނޮޑީއާއެކު އެކޮޓަރި ހިއްސާ ކުރާ ޒިޔާދު ބުނީ ނިދާ ވަގުތު ވަރަށް ހަނދާންވާ ކަމަށެވެ.

“އެހެން ނަމަވެސް އެންމެ ހަނދާންވަނީ އަހަރެން ކުރަންއުޅޭ ކަމެއް ނުވެގެން އެހެންމީހެއްގެ އެހީތެރިކަމަށް ބޭނުންވާ ވަގުތު” ކޮއްކޮގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައި އެކަމުން މަހުރޫމުވުމުން ކުރެވޭ އިހުސާސްތައް ޒިޔާދު ބުނެދިނެވެ. އެހެނީ ޒިޔާދު ކުރާ ކަންތައްތައް ފުރިހަމަކުރުމުގައި އެހީތެރިވާ މީހަކީ ނޮޑީކަން އޭނާ ފާހަގަކުރިއެވެ. އަދި ނޮޑީ އަބަދުވެސް ބޭނުންވަނީ މި މުޖްތަމައަކީ ހޭލުންތެރި މުޖްތަމައަކަށް ހަދަން ކަމަށްވެސް ޒިޔާދު ބުންޏެވެ.

ނޮޑީގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ހދ ކުޅުދުއްފުށީ ދިއްގިރި އަހުމަދު ތޮލާލް ބުނީ އޭނާއަކީ ވަރަށް ހިންގުންތެރި ދުރުވިސްނޭ ރަހްމަތްތެރިއެއް ކަމަށެވެ. ކުޑައިރުއްސުރެ އެކުގައި އުޅުނު ނޮޑީގެ އެންމެ ފާހަގަ ކުރެވެނީ އޭނާގެ ހިނިތުންވުން ކަމަށާއި އޭނާގެ ކެތްތެރިކަމުގެ އުސޫލު ކަމަށެވެ. އަބަދުވެސް “ސައިކަލުގެ ފަހަތު ޝީޓު” ނޮޑީ އަށް އެދޭ ކަމަށާއި، ކޮފީ މޭޒް ތަކާއި ރަށުތެރޭގައި އުޅޭއުޅުމުގައި ވަރަށް ހަނދާންވާ ކަމަށް  ތޮލާލް ބުންޏެވެ.

އަހުމަދު އިބްރާހިމް ނުވަތަ ނޮޑީއަކީ ފޭސްބުކްގެ އެތައް ހާސް މެމްބަރުންނެއް ތިބި “ކުޅުދުއްފުށީ ޔަންގް ޖެނެރޭޝަން” ވުޖޫދަށް އައުމުގެ އެއް މޭސްތިރިއެވެ. ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރި ހީވާގި ފަހުލަވާނެކެވެ. ސިޔާސީ ދާއިރާގައި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ފިކުރު ކުރިއަށްނެރެ އެކަމުގައި އިސްކޮށްއުޅުނު ޒުވާނެކެވެ. އެހެން ނަމަވެސް ނޮޑީ ނިޔާވި އިރުވެސް އިލެކްޝަނުގެ ޕާޓީގެ ދަފްތަރުގައި އޭނާގެ ނަން ނެތްކަން ބައެއް ރަހުމަތްތެރިން ފާހަގަ ކުރިއެވެ.

ނޮޑީގެ މަރާއި ބެހޭގޮތުން އަދިވެސް ރަށުތެރޭގައި ތަފާތު ވާހަކަތައް ދެކެވެމުން ދެއެވެ. އެއްބަޔަކު އެއީ ފަންޑިތަ ސިހުރުގެ ކަމެކޭ ބުނާއިރު އަނެއް ބަޔަކު އެއީ ރޫހާނީ ކަމެކޭވެސް ބުނެއުޅެއެވެ. ނޮޑީ ސައިކަލެއްގެ ފަހަތުގައި އިނދެ އެސައިކަލު ބާރު ސްޕީޑުގައި ދުއްވަން ހުއްދަ ނުދޭނެ ކަމަށްވެސް އޭނާގެ ބައެއް ރައްޓެހިން ބުންޏެވެ. އެހެން ކަމަށްވާނަަމަ ނޮޑީ އާއިއެކު ނިޔާވި ކުޅުދުއްފުށީ ފޭރުގަސްދޮށުގޭ އާދަމް ސިނާހު އެކްސިޑެންޓް ވާންވީ ކީއްވެގެން ހެއްޔެވެ. ނޮޑީއާއި ސިނާހުގެ މަރުގެ ފަހަތުގައި ސިއްރުތަކެއް އެކުލެވިގެންވާކަމަށް ބެލެވެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންވީ ހަޤީގަތަކީ މަރަކީ ވަކި ފަރާތެއްގެ ބާރުގައި އޮންނަ އެއްޗެއް ކަމެވެ. ވަކި ތަނެއް ވަކި ވަގުތެއް ނޭނގޭނެ ކަމެވެ. މަރު އެއީ އެންމެ ގާތުގައިވާ އެއްޗެއް ކަމެވެ.

އަޅުގަނޑުމެން ދިރިތިބީންގެ މައްޗަށް އޮތީ ގެއްލިގެންދިޔަ އަގުހުރި އެކުވެރިޔާއަށް ހެޔޮދުއާކުރުން މަތީ ދެމިތިބުމެވެ. އެހަނދާންތައް ފަނޑުވުމެއް ނެތް ގޮތުގައި އަބަދަށް ދެމިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަރުހޫމް އަހުމަދު އިބްރާހީމާއި ހަމަ އެހާދިސާގައި ނިޔާވި އާދަމް ސިނާހުގެ ހަނދާންތަކަކީ ކުޅުދުއްފުށީގެ ފަސްގަނޑުން ފަސޭހައިން ފިލައިގެންދާނެ ހަނދާން ތަކެއް ނޫނެވެ. ޅައުމުރުގެ ޒުވާނަކަސް، އޭނާގެ ހިދުމަތް ކުޅުދުއްފުށީގެ އިޖްތިމާޢީ ކަންކަމުގައި ފުޅާކޮށްފައިވުމަކީ މިކަމުގެ ހެއްކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355