ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާމެދު ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ދިރާގުން ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު މުހައްމަދު ފާހިރު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމަކީ ދިރާގުން ހިންގާ އިޖްތިމާއީ ޕްރޮގްރާމް ތަކުގެ ދަށުން ކުރިއަށްގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. މިއަހަރުގެ ދިރާގު ރޯޑު ރޭހުގެ ޝިއާރަކީވެސް ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ކަން ފާހަގަކުރައްވަމުން ފާހިރު ވިދާޅުވީ ދިރާގުން މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމުގެ ހުރިހާ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރާއި އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އާރކް ގުޅިގެން ބޭއްވުނު އެވެއަރނެސް ޕްރޮގްރާމުގައި ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި ބެލެނިވެރިންނަށާއި އެނޫން ފަރާތްތަކަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައި ވެއެވެ.
އިއްޔެ ހެނދުނު ކުރީގެ ޤައުމީ އިދާރާގެ ހޯލުގައި މި ބޭއްވުނު ވޯކުޝޮޕަށް 25 މުއައްސާސާއެއްގެ ބޭފުޅުންނަށް ދައުވަތު ދީފައިވެ އެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ސްކޫލުތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން ޕޮލިސް އަދި އެމްއެންޑީއެފްގެ 52 ބައިވެރިއަކު އިއްޔެގެ މި ވޯކްޝޮޕްވަނީ ފުރިހަމަ ކޮށްފައި އެވެ.