twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަމިއްލައަށް މަރުވުމުގެ ކުރިން…!

Jun 21, 2013

ދިމާވާ އެކިއެކި މައްސަލަތަކުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވުމަކީ މިހާރު ރާއްޖޭގައިވެސް އިތުރުވަމުން އަންނަ ކަމެކެވެ. އަމިއްލައަށް މަރުވާން އުޅުމާއި ހަށިގަނޑަށް ގެއްލުންދިނުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަން ކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ހިތްދަތިކަމަށް އޮތް ހައްލެވެ.

އަމިއްލަ ހަށިގަނޑަށް ގަސްދުގައި ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން އެކަމެއް ކުރުން ނަހީ ކުރައްވާފައިވާ ކަންކަމެވެ. މިފަދަ ކަންކަން ކުރުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރިއިރު މިފަދަ ކަންކަމަށް އަރައިގަތުމުގެ އެންމެ ބޮޑު ސަބަބަކީ އެމީހެއްގެ އީމާންތެރިކަން ކުޑަވުމެވެ. އިސްލާމީ ތަރުބިއްޔަތު ނެތުމެވެ. ރިވެތި އަޚުލާގު ދަސްވެފައި ނެތުމެވެ.

ހަޔާތުގައި ދިމާވާ ބޮޑެތި ކަންތައްތަކުގެ ހައްލަކީ ދުނިޔެއިން ވަކިވެގެން ދިއުންކަމަށް ވިސްނުމަކީ ވަރަށް މޮޔަ ވިސްނުމެކެވެ. އަމިއްލައަށް މަރުވުމުގެ ކުރިން ވިސްނާލަންޖެހޭ ނުކުތާއަކީ، މި ދުނިޔެއަކީ ވަގުތީ ތަނެއްކަމާމެދު އެވެ. ތިމާގެ އިނގިލީގެ ކުރި ޒަހަމްވެ އެތަނުގައި އަޅާ ވޭނުން ސަލާމަތްވުމަށް އަތުގެ ކުޑަހުޅާ ހިސާބުން ކަނޑާލަން ވިސްނުމަކީ މޮޔަ ވިސްނުމެކެވެ. އިސްލާމަކަށްވެ ހުރެ އާޚިރަތްދުވަސް ގަބޫލުކުރާ މީހަކު މިދުނިޔެއިން ލިބޭ ހިތާމައަކުން ސަލާމަތްވުމަށްޓަކައި، ތާއަބަދު ނިމުމެއްނެތް ގަދަފަދަ އަޒާބެއްގެ ތެރެއަށް ހުށަހެޅުމަކީ ނުރައްކާތެރިކަމެކެވެ.

ނަފުސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، އަމިއްލައަށް މަރުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ޑިޕްރެޝަން، ކަމަކާ މާބޮޑަށް ދެރަވުން، ބުލީކުރުން އަދި އެންމެންގެ ކުރިމަތީގައި މާބޮޑަށް ލަދުގަންނަން ޖެހޭ ކަމެއް މެދުވެރިވުން ފަދަ ކަންކަން ހިމެނެއެވެ. އަދި ބައެއް މީހުން ބުނާގޮތައި، މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީނެއްގެ ސަބަބުންވެސް އަމިއްލައަށް މަރުވުންފަދަ ކަންކަންކުރުމުގެ އިހުސާސް ވެރިވުމެވެ. މާބޮޑަށް އެކަނިވެރިވެ ދިރިއުޅުމާމެދު އުއްމީދު ކުޑަވުން ފަދަ ކަންކަމަކީވެސް މަރުވުމުގެ ވިސްނުން ގެނުވައިދޭ ކަންކަމެވެ.

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެކި މީސްމީހުންނަށް ދިމާވާނީ އެކި ކަންކަމާއެވެ. އެއްބަޔަކީ މުއްސަނދިކަމާއި މުދާވެރިކަން ލިބޭނެ ބައެކެވެ. އަނެއްބައި މީހުންނަކީ ފަގީރުކަމާއި ހިތްދަތިކަމާއެކު އުޅެންޖެހިފައިވާ ބައެކެވެ. މުއްސަނދިކަމަކީ އުފާވެރިކަން ހޯދޭނެ ކަމެއް ނޫނެވެ. އަދި ފަގީރުކަމަކީ ހިތާމަވެރިކަން ގެނުވުން ލާޒިމުކަމެއްވެސް ނޫނެވެ. މުހިއްމީ ލިބޭ މިންވަރަށް ޝުކުރުކޮށް ރަނގަޅު ގޮތް ހޯދަން މަސައްކަތްކުރުމެވެ. ހަޔާތުގައި ދިމާވާ ކަންކަމުން އިބުރަތް ހާސިލުކުރުމެވެ. އަދި ﷲ އަށް ވަކީލުކޮށް ﷲ ގެ ހެޔޮ ރަހުމަތަށް އެދި ދުއާކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355