ށ. ކޮމަންޑުއާއި ފޯކައިދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އެ ދެރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވައިފި އެވެ.
މިމަހުގެ 4 ވަނަ ދުވަހު އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަހްމަދު ޝަފީޢު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
މި ދެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ އަހްމަދު ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންގެ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެގޮތުން ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ. އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ރައްޔިތުންގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރިހާ ފުލުހުންވެސް ހަމަހަމަކަމާއެކު މަސައްކަތްކުރުމަށާއި ރަށްރަށުގެ ތަރައްޤީއަށް ރަށު ކައުންސިލް ތަކުންނާއި ސްކޫލްތަކާއި އެހެނިހެން ފަރާތްތަކުން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ ރައްޔިތުންނާ ވީހާވެސް ގުޅިގެން މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސް ކުރެއްވިއެވެ.
މި ދެ ރަސްމިއްޔާތުގައިވެސް ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ އާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް އާއި އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަހީދުއާއި ފުލުހުންގެ ބައެއް ކޮމިޝަންޑް އޮފިސަރުންނާއި ށ. އަތޮޅު ކޮމާންޑަރާއި ށ. އަތޮޅު ކައުންސިލް މެމްބަރުންނާއި ށ. ކޮމަންޑޫ އަދި ފޯކައިދޫ ކައުންސިލް މެމްބަރުންގެ އިތުރުން ފުލުހުންނާއި ރަށުގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.