ކުޅުދުއްފުށީ ހުކުރު މިސްކިތުގެ ސައުންޑް ސިސްޓަމަށް މައްސަލަތަކެއް ދިމާވެފައިވާތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިގޮތުން ދޭތެރެ ދޭތެރެއިން އަޑު ކެނޑޭކަން ފާހަގަ ކުރެވެއެވެ. އަދި އެ މިސްކިތުގެ މަތީބުރީގައި ނަމާދުކުރާ އިރު އެއްވެސް ވަރަކަށް އަޑު ނީވޭ ކަމަށާއި ހުތުބާ އަޑު އިވުމުގައި އުނދަގޫތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހުކުރު މިސްކިތުގައި އައު ސައުންޑު ސިސްޓަމެއް ޤާއިމް ކުރައްވާނެ ކަމަށް އޭޕްރީލް މަހުގެ ތެރޭގައި މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރަމަޟާން މަސް ފެށި ހަތަރު ދުވަސް ނިމުނުއިރުވެސް މި ސައުންޑު ސިސްޓަމް އަދިވެސް ވަނީ ހަރުނުކުރެވި އެވެ.
ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު މިދިޔަ ހަފުތާގައި މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން ހިންގި މިސްކިތު ފަންޑުގެ އެއްވެސް ފައިސާއެއް ކުޅުދުއްފުށީ ކައުންސިލަށް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެހެން ނަމަވެސް މިނިސްޓްރީ އިން ސައުންޑު ސިސްޓަމެއް ދެއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރަމީޒް ވިދާޅުވީ މިނިސްޓްރީ އިން ދޭން ބުނެފައިވާ ސައުންޑް ސިސްޓަމް އަދި ވެސް ނުލިބޭ ކަމަށާއި މި ސިސްޓަމް ލިބުނުހާ އަވަހަކަށް އިންސްޓޯލް ކުރައްވާނެ ކަމަށެވެ. ކުޅުދުއްފުށި އޮންލައިނަށް އެނގިފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީގެ މިސްކިތު ފަންޑުން ފައިސާ ހޯދުމަށް ރަސްމީކޮށް ކުޅުދުއްފުށީ ކައުންސިލުން އެދިފައެއް ނުވެއެވެ. މިސްކިތުފަންޑު ހުޅުވި ދުވަސްވަރު އެހީއަށް އެދުނު ގިނަ ކައުންސިލްތަކަކަށް އެފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބ އަތޮޅާއި އައްޑޫގެ ގިނަ މިސްކިތްތަކަކަށް އެ ފަންޑުން ފައިސާގެ އެހީވެދީފައި ވެއެވެ.
ރަމީޒު ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން ކުޅުދުއްފުށީގެ މިސްކިތް ތަކުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްފައިވާ ކަމަށެވެ. މިގޮތުން މަރާމާތު ފަންޑުގެ ފައިސާއިން ރަށުގެ 5 މިސްކިތުގައި ރަނގަޅުކުރަންހުރި ކަންކަން މިހާރު ނިންމަމުންދާކަން ފާހަގަ ކުރެއްވި އެވެ.
މިކަމާގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތު ފަންޑުން ފައިސާ ހޯދުމަށް، މާލިއްޔަތު ގަވައިދާއެއްގޮތްވާ ގޮތަށް ހުށަހެޅި ކައުންސިލްތަކަށް ފައިސާގެ އެހީވެދީފައިވާނެ ކަމަށެވެ. އެގޮތުން އޭރު އެފަންޑުން ފައިސާ ހޯދަން ހުށަހެޅި ކައުންސިލްތަކަށް ފައިސާގެ ބޮޑެތި އެހީ ވެދީފައިވާ ކަމަށާއި މިހާރު އެފަންޑުގެ ފައިސާ ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހުކުރު މިސްކިތުގެ ސައުންޑް ސިސްޓަމާބެހޭ ގޮތުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން މިނޫހަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކަކަށް ކަމަށެވެ. އަދި އެބަޖެޓުވެސް ދީފަ ހުންނަނީ ކައުންސިލްތަކަކަށް ކަމަށެވެ. ހުކުރު މިސްކިތުގެ ސައުންޑް ސިސްޓަމާބެހޭގޮތުން ވަކި އެއްޗެއް ވިދާޅުވަން ނޭގޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.